އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަން ބަލްގޭރިއާގައި އިތުރަށް އިޝްތިހާރުވުން: ޝާހިދު

ރާއްޖޭގެ ފަތުރުވެރިކަން ބަލްގޭރިއާގައި އިޝްތިހާރުވެ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ބަލްގޭރިއާގެ ޓުއަރިޒަމް މިނިސްޓަރު ޑރ. ސްޓެލާ ބަލްޓީވާ އާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މިނިސްޓަރުންވަނީ ރާއްޖެ އާއި ބަލްގޭރިއާ އާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ރަނގަޅުކޮށް ވަރުގަދަކުރުމާމެދު މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބެން ހުރި ފުރުސަތުތަކާއި އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން އަންނާނެހެން އިތުރު ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން ވެސް މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ދެ ގައުމުން ކުރަމުން އަނަ މަސައްކަތްތަކަށްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ޕެންޑަމިކުން އަރައިގަތުމަށް ކަންކަން ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ދެ ގައުމުގެ މިނިސްޓަރުން ވާހަކަދެއްކެވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ބަލްގޭރިއާގެ ޓުއަރިޒަމް މިނިސްޓަރު ސްޓެލާ ބަލްޓީވާ އަށް ޔޫއެންގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން ކުރެއްވުމަށް ނިންމައިފައިވާ ކަންކަމުގެ އެޖެންޑާއާއި އެމަނިކުފާނުގެ ސިޔާސަތުތައްވެސް މި ބައްދަލުވުމުގައި ކިޔައިދެއްވާފައެެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލާ ބަލްޓީވާ ވިދާޅުވީ އެ ގައުމާއި ރާއްޖެއާ ދެމެދު ފަސޭހައިން ދަތުރުފަތުރު ކުރުމުގެ މަގު ހަމަޖެހިގެން ދިޔުން މުހިންމުކަމަށެވެ. އަދި އެކަންކަން ކުރިޔަށް އޮތްތަނުގައި ފުޅާވެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ރަނގަޅު ބަދަލެއް އައުމަށް އުންމީދުކުރައްވާކަމަށް ސްޓެލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްގެ އިތުރުން ޔޫކޭގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް