ނަފްރަތުގެ ބިލާ މެދު ... ޢާއްމު ސިޓީއެއް 3

3. ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށް

ނަފްރަތުގެ ބިލުގެ ތަޖުރީމީ ނައްޞުތައް ނުވަތަ ކުށް ކަނޑައަޅާ މާއްދާތައް ލިޔެ އެކުލަވައިލައިފައި ހުރި ގޮތަށް ބަލައިލުމުން ފާހަގަ ކުރެވޭ މައިގަނޑު އަނެއް މައްސަލަ އަކީ، ނަފްރަތްތެރި ވާހަކަ (Hate Speech) އާއި ނަފްރަތްތެރި ކުށް (Hate Crimes) މި ދެ މަފްހޫމު މުޅީން މައްސުނި ކޮށް، މުޅީން އޮޅުންބޮޅުން ކޮށްފައި ވާ ކަމެވެ.

ނަޒަރިއްޔާތީ (Theoretical) ގޮތުން ބެލިޔަސް، އަދި ޖިނާއީ ޤާނޫނުގައި މި ދެ މަފްހޫމާ ދެނެގަނެވި އެއާ މެދު ޢަމަލު ކުރެވޭ ގޮތަށް ބެލިޔަސް، ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށް މިއީ މަފްހޫމީ ތިމާގެކަމެއް ހުރުމާ އެކުގައިމެ ތަފާތު ދެ ކަމެކެވެ. ނުވަތަ ތަފާތު ދެ އެއްޗެކެވެ. އާދެ، މި ދެ އިޞްޠިލާޙުގައި ވެސް، [ނަފްރަތު] މި ދެ ލަފުޒު މާނަ ކުރެވިފައި އެ އޮންނަނީ އެއް ގޮތަކަށެވެ. ދެ ޙާލަތުގައި ވެސް، ނަފްރަތޭ ބުނެވެނީ، އިސް ވެދިޔަ 2 ވަނަ ނުކުތާގައި ބަޔާން ކުރެވުނު ފަދައިން، މީހަކު ނުވަތަ ބަޔަކުގެ ކިބައިގައި ހުންނަ ޝަޚްޞިއްޔަތާއި ޝަނާކަތު (identity) ކަނޑައަޅާ ވަކި ކަހަލަ ސިފަތަކަކަށް ޓަކައި އެ މީހަކު ނުވަތަ ބަޔަކާ މެދު ނަފްރަތާއި ރުޅިވެރިކަމާއި ޙަސަދަ އާއި ތަޢައްޞުބު ފަދަ ޝުޢޫރުތަކާއި އިމްތިޔާޒީ ވިސްނުންތައް ގެންގުޅުން، ނުވަތަ އެހެން މީހުންގެ ހިތްތަކުގައި އެ މީހަކާ ނުވަތަ ބަޔަކާ މެދު އެފަދަ ޝުޢޫރުތަކާއި ވިސްނުންތައް ހިލުވައިލުމަށް އެދުންވެރި ވުމެވެ. ނަމަވެސް، މި ދެ އިޞްޠިލާޙުގައި އެއްގޮތް ވާ ލަފުޒު ކަމަށް ވާ [ނަފްރަތު] ފިޔަވައި، ކޮންމެ އިޞްޠިލާޙެއްގައި ވެސް ދެން އޮންނަ ލަފުޒުގެ ސަބަބުން، ދެ އިޞްޠިލާޙުގެ މާނަ އާއި މަފުހޫމު ތަފާތު ވަނީއެވެ.

ނަފްރަތްތެރި ވާހަކަ [Hate Speech] އަކީ އޭގެ ޒާތުގައި ވަކި ކަހަލަ ސިފަތަކެއް ނުވަތަ ޚުޞޫޞިއްޔަތުތަކެއް (characteristics) ލިބިގެން ވާ ވާހަކައެވެ. ދުލުން ނުވަތަ ގަލަމުން ފައުޅު ކުރެވޭ ވަކި ކަހަލަ ޚިޔާލުތަކެއް ނުވަތަ ޝުޢޫރުތަކެކެވެ. ސީދާ ބަސްތަކަކުން ފައުޅު ނުކުރެވުނަސް، ބަހުގެ މަޤާމުގައި އަދި ބަހުގެ ބަދަލުގައި ބޭނުން ކުރެވޭ، ޝުޢޫރާއި ޚިޔާލު ފައުޅު ކުރުމުގެ ކޮންމެވެސް ވަސީލަތެއްގެ ބޭނުން ކޮށްގެން ފައުޅު ކުރެވޭ ޝުޢޫރާއި ޚިޔާލާއި ވިސްނުންތަކެވެ. ނަފްރަތްތެރި ވާހަކަ އަކީ، އޭގައި ހިމެނޭ ބައިތަކަށް (content) ބަލަންޏާ، ވަރަށް ސިންދަފާތު ގޮތެއްގައި ފެންނަ އެއްޗެކެވެ. ވަކި ދީނަކާ މެދު ރުޅިވެރިކަން ފައުޅު ކުރާ ގޮތެއްގެ ސަބަބުން، އެއީ ނަފްރަތްތެރި ވާހަކަ ކަމަށް ވެދާނެއެވެ. ވަކި ނަސްލަކާ ދެކޮޅަށް ތަޢައްޞުބީ ވިސްނުންތަކެއް ފައުޅު ކުރާ ކުރުމަކީ ވެސް ނަފްރަތްތެރި ވާހަކަ ކަމަށް ވެދާނެއެވެ. މިހެން ގޮސް، ނަފްރަތްތެރި ވާހަކަ ކަމަށް ވާ ތަފާތު އެތައް ވާހަކަތަކެއް ހުރެއެވެ. ނަމަވެސް މި ހުރިހައި ވާހަކަތަކެއް، އެއް މަފްހޫމަކަށް ހަދައިދޭ ޢާއްމު ސިފައެއް ނުވަތަ (common denominator) އެއް ވެއެވެ. އެ ސިފަ އަކީ، އެ ހުރިހައި ވާހަކަތަކަކީ ވެސް ވަކި މީހަކު ނުވަތަ ބަޔަކާ މެދު އެ ބައެއްގެ ޒާތާއި ޝަޚްޞިއްޔަތު ނުވަތަ ޝަނާކަތުގައި ހުންނަ ސިފަޔަކާ ގުޅުވައިގެން ނަފްރަތާއި ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ތަޢައްޞުބު ފައުޅު ކުރާ ކުރުން ކަމަށް ވުމެވެ. މިއީ، ނަފްރަތްތެރި ވާހަކައިގެ މަފްހޫމުގެ އަސާސީ ޖައުހަރެވެ. މި ޢާއްމު ސިފައަށް ރިޢާޔަތް ކޮށް، ނަފްރަތްތެރި ވާހަކަ ތަޖުރީމު ކުރެވެނީ ވަކި ޚާއްޞަ ބާވަތެއްގެ ކުށެއްގެ ގޮތުގައެވެ. އާދެ، މީހުން މެރުން، ރޭޕް ކުރުން، މާރާމާރީ ހިންގުން، ފަދަ ވަކި ކުށެއްގެ ގޮތުގައެވެ. އެ ކުށުގެ މާއްދީ ރުކުނަކީ މީހަކު ނުވަތަ ބަޔަކުގެ ޝަޚްޞިއްޔަތު ކަނޑައަޅާ ސިފަތަކަކަށް ޓަކައި އެ މީހަކު ނުވަތަ ބަޔަކާ މެދު ނަފްރަތްތެރި ނުވަތަ ތަޢައްޞުބީ ޝުޢޫރާއި ވިސްނުންތައް ދައްކާ ވާހަކައިން ނުވަތަ އެފަދަ އެހެން ވަސީލަތަކުން ފައުޅު ކުރުމެވެ. އެ ކުށުގެ މަޢުނަވީ ރުކުނަކީ އެފަދަ ވާހަކަތަކެއް ދެއްކުމަށް ގަސްތު ކޮށް ކަނޑައެޅުމެވެ.

އެއާ ޚިލާފަށް، ނަފްރަތްތެރި ކުށް [Hate Crimes] މިއީ ވަކި ޚާއްސަ ކުށެއް ނޫނެވެ. މީހުން މެރުން، ރޭޕް ކުރުން، މާރާމާރީ ހިންގުން ފަދަ އެހެން ކުށްތަކެކޭ އެއްފަދައިން ވަކި ކުށެއްގެ ގޮތުގައި ތަޖުރީމު ކުރެވޭ، ކުށުގެ ވަކި ޚާއްޞަ ވައްތަރެއް ނުވަތަ ބާވަތެއް ނޫނެވެ. މީހަކާ ނުވަތަ ބަޔަކާ ދެކޮޅަށް ކުރެވޭ ހަމަ ކޮންމެ ވައްތަރެއްގެ ކުށެއް ވެސް، ނަފްރަތްތެރި ކުށެއްގެ ގޮތުގައި ގިންތި ކުރެވޭ ޙާލަތެއް އަތުވެދާނެއެވެ. އާދެ، "ނަފްރަތްތެރި ކުށް" އެވެ ބުނެވެނީ، މީހަކާ މެދު ނުވަތަ ބަޔަކާ މެދު ހިތުގައި އޮންނަ ނަފްރަތެއް ނުވަތަ ތަޢައްޞުބެއް ނުވަތަ ޙަސަދަވެރިކަމެއް ފަދަ ޝުޢޫރެއް ދެއްކުމުގެ ގޮތުން، ނުވަތަ އެ ޝުޢޫރުގެ "އަލާ ކެނޑުވުމުގެ" ގޮތުން، ނަފުރަތްތެރި މަޤްޞަދެއްގައި [Hateful Motive] ކުށް ކުރާ ޙާލަތުގައެވެ. މީހަކު މަރައިލުމަކީ ވެސް ނަފްރަތުގެ ކުށަކަށް ވެދާނެއެވެ. އާދެ، މީހަކު މަރައިލަނީ އޭނާ އަކީ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ މީހެއް ކަމަށް ވެގެން އެކަމާ މެދު އޭނާއާ މެދު އޮތް ނަފްރަތާއި ތަޢައްޞުބުގެ އަލާ ކެނޑުވުމުގެ މަޤްޞަދުގައި ނަމަ، އެއީ ނަފްރަތުގެ ކުށެކެވެ. ހަމަ އެ އުޞޫލުން، ރޭޕް ކުރުމާއި، މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގުމާއި، ޖިނާއީ ބިރު ދެއްކުމަކުން މީހަކަށް ބިރު ދެއްކުމާއި، މީހެއްގެ މުދަލަށް ގެއްލުން ދިނުމާއި، މީހެއްގެ އަބުރަށް އަރައިގަތުން ފަދަ ކޮންމެ ކުށަކީ ވެސް، އެ ކުށް ކުރާ މީހާގެ ކިބައިގައި ނަފްރަތާއި ރުޅިވެރިކަމާއި ޙަސަދަ އާއި ތަޢައްޞުބު ދެއްކުމުގެ ނުވަތަ މި ޝުޢޫރުތަކުގެ އަލާ ކެނޑުވުމުގެ މަޤްޞަދު އޮތިއްޔާ، ނަފްރަތުގެ ކުށެކެވެ. ކުށެއް ކުރެވުމުން، އެއީ ނަފްރަތުގެ ކުށެއްތޯ ދެނެގަތުމަށް ޓަކައި ބަލާނީ އެ ކުށުގެ ރުކުންތަކަކަށް ނޫނެވެ. ކުށް ކުރި މީހާގެ މަޤްޞަދަށެވެ.

ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށް، މި ދެ މަފްހޫމު ތަފާތު ކުރެވޭ ގޮތް، ކުރުކޮށް އަދި ދޭހަ ކުރާން ފަސޭހަ ގޮތަކަށް ލިޔެވިފައި ވާ އެއް ލިޔުމަކީ މި ޞަފުޙާއިން ފެނިވަޑައިގަންނަވާ ރިޕޯޓެވެ. މިއީ އަޔަރލެންޑުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުން، 2020 ވަނަ އަހަރު ތައްޔާރު ކޮށްފައި ވާ ރިޕޯޓެކެވެ.

އިތުރަށް ފާހަގަ ކޮށްލުން މުހިއްމު ނުކުތާއެއް ވެސް އެބައޮތެވެ. އެއީ، ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށަށް ޝަރީޢަތް ކުރެވި އަދަބު ދެވޭ ގޮތެވެ. ނަފްރަތްތެރި ވާހަކަ ދެއްކުން ނުވަތަ ފެތުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ މުއްތަހަމާ ދެކޮޅަށް އުފުލޭނީ ނަފްރަތްތެރި ވާހަކަ ދެއްކި ކަމުގެ ދަޢުވާއެވެ. ޝަރީޢަތް ކުރެވޭނީ އެ ދަޢުވާގެ މައްޗަށެވެ. އަދަބު ދެވޭނީ އެ ކުށަށް ޤާނޫނުގައި ކަނޑައަޅައިފައި އޮންނަ އަދަބެވެ.

އެއާ ޚިލާފަށް، ނަފްރަތްތެރި ކުށެއް ކޮށްފި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދަޢުވާ ކުރެވޭނީ "ނަފްރަތްތެރި ކުށެއް ކޮށްފިއޭ" ބުނެއެއް ނޫނެވެ. އޭނާ ނަފްރަތާ އެކު ކުރި ކުށަކީ މީހަކު މެރުން ކަމަށް ވަންޏާ، އޭނާގެ މައްޗަށް އުފުލޭނީ މީހަކު މަރައިލުމުގެ ކުށުގެ ދަޢުވާއެވެ. ނަފްރަތާ އެކު އޭނާ ކުރި ކަމަކީ މީހަކަށް މަރައިލާނޭ ކަމުގެ ބިރު ދެއްކުން ކަމަށް ވަންޏާ، އޭނާއާ ދެކޮޅަށް ކުރެވޭނީ ބިރު ދެއްކުމުގެ ކުށުގެ ދަޢުވާއެވެ. ނަފްރަތާ އެކު އޭނާ ކުރި ކަމަކީ، މީހެއްގެ މުދަލަށް ގެއްލުން ދިނުން ކަމަށް ވަންޏާ، ކުރެވޭނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭނާއަށް ކޯޓުން ކަނޑައަޅާނީ ވެސް، މި ކުށްކުށަށް ޤާނޫނުގައި ކަނޑައަޅައިފައި ވާ އަދަބުތަކެވެ. މި ހިސާބުން އުފެދޭ ސުވާލަކީ، ނަފްރަތްތެރި މަޤުޞަދެއްގައި ކުށެއް ކުރުމުން، ކުށް ކުރާ މީހާގެ ކިބައިގައި ނަފްރަތުގެ މަޤްޞަދު އޮތް އޮތުމަށް ބަލައި އަންނަ ތަފާތަކީ ކޮބައިހެއްޔޭ މިއެވެ. އާދެ، އަންނަ ތަފާތަކީ، ކުށުގެ ސީރިޔަސްކަން ނުވަތަ ނުބައިކަން (culpability) ބޮޑު ވުމެވެ. ކުށްވެރިޔާގެ ހިތުގައި އޮންނަ ނަފްރަތްތެރި މަޤްޞަދު، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ ދަށުން ވެގެން ދަނީ ކުށުގެ ސީރިޔަސްކަމާއި ނުބައިކަމާއި އަދަބު ބޮޑު ކުރާ (aggravating) ޢަވާމިލަކަށެވެ. މިއީ ޝަރުޢީ އަދި ޤާނޫނީ ޢިލްމުގެ ދާއިރާގައި އިސްތިޤްރާރު ވެ، ޤައުމުތަކުގައި ބަލައިގަނެވިފައި ވާ އުޞޫލެވެ. މިސާލަކަށް، އިނގިރޭސި ވިލާތުގެ ކްރައުން ޕްރޮސިކިޔުޝަން ސަރވިސް އާއި އެ ގައުމުގެ ފުލުހުން ތަބަޢަ ވާ ހޭޓް ކްރައިމް ގެ ތަޢުރީފަށް ބައްލަވައިލައްވާށެވެ! ހަމަ އެހެންމެ، ޔޫރަޕިއަން ޔޫނިއަނުގެ ފްރޭމްވާރކް ޑިސިޝަން އޮން ކޮމްބެޓިންގ ސާރޓްން ފޯރމްސް އެންޑް އެކްސްޕްރެޝަންސް އޮފް ރޭސިޒަމް އެންޑް ޒެނޮފޯބިއާ ބައި މީންސް އޮފް ކްރިމިނަލް ލޯވ 2008 މި ވަޘީޤާ ވެސް ބައްލަވާށެވެ!

ޢަމަލީ މިސާލަކުން، މި ދަންނަވާ އެއްޗެއް އިތުރަށް ސާފު ކުރެވޭތޯ ބަލައިލާނަމެވެ. ކަސްބީ އަންހެނަކު ފައިސާގެ މުޤާބިލުގައި ފިރިހެނަކާ އެކު ޖިންސީ ޢަމަލެއް ހިންގުމަށް އެއްބަސް ވެފައި، ފައިސާ އަތުލުމަށް ފަހު، އެ ޢަމަލު ހިންގުމުގެ ތެރޭގައި ވަކި ހިސާބަކުން ނޫނެކޭ ބުނުމުން، ދެން ވެސް ފިރިހެން މީހާ އެ ޢަމަލު ހިންގައިފި ޙާލަތެއްގައި، އެއީ ރޭޕެވެ. މަގުމަތީން ހިނގައިފައި ދާ އަންހެނަކު ފެނުމުން، އެ އަންހެން މީހާ އަކީ މުސްލިމެއް، ނުވަތަ ޔަހޫދީއެއް، ނުވަތަ ނަޞާރާއެއްކަން ފާހަގަ ކޮށް، އެ ކަމާ ހުރެ އުފެދޭ ރުޅިވެރިކަމާއި ތަޢައްޞުބާ އެކު އެ މީހާއަށް ޙަމަލަ ދީ އެ މީހާގެ ޢިއްފަތްތެރިކަން ފޭރިގަތުމަކީ ވެސް ހަމަ ރޭޕެވެ. ދެވަނަ ޙާލަތުގައި، ނަފްރަތްތެރި މަޤްޞަދެއް (hateful motive) ކުށާ ގުޅިގެން ދާ ދިޔުމަކުން، އެއީ ތަފާތު ވައްތަރެއްގެ ކުށަކަށް ނުވާނެއެވެ. އެ ވާނީ ހަމަ ރޭޕަކަށެވެ. ނަފްރަތްތެރި މަޤްޞަދުގެ ސަބަބުން ވާނޭ ގޮތަކީ، އެ ރޭޕްގެ (culpability) ވުމެވެ. ކުށް (aggravate) ވުމެވެ. ނަތީޖާއަކަށް ވާނީ، ކުށްވެރިޔާއަށް ޝަރީޢަތުން ފަނޑިޔާރުން ކަނޑައަޅާ އަދަބު ބޮޑު ވުމެވެ.

އިސް ވެ ދެންނެވި ފަދައިން، ނަފްރަތުގެ ބިލުގެ ބައެއް މާއްދާތައް ލިޔެ އެކަށައަޅައިފައި ހުރީ (Hate Speech) އާއި (Hate Crimes) މި ދަންނަވާ ތަފާތަށް ރިޢާޔަތް ކުރުމެއް ނެތިއެވެ. ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށުގެ މަފްހޫމު މައްސުނި ކޮށްގެންނެވެ. ބިލުގެ މާއްދާތަކަށް ބަލައިލަމާތޯއެވެ!

އެންމެ ފުރަތަމަ، 124 (ހ) ގެ (2) ވަނަ ނަންބަރުގެ ii ބައްލަވާށެވެ! އެ ނައްޞުގައި އޮންނަނީ ނަފްރަތްތެރި ވާހަކައެއް ދެއްކުމާ އެކު މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރި ވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުމަކީ ވަކި ޚާއްޞަ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. މި ނައްޞުގައި ފުރަތަމަ އެ ބުނާ "ނަފްރަތްތެރި ވާހަކަ ދެއްކުން" މިއީ [Hate Speech] އެވެ. ދެވަނައަށް އެ ބުނާ މީހަކަށް އަނިޔާއެއް ދިނުން، ނުވަތަ މީހަކަށް އަނިޔާއެއް ދިނުމުގައި ބައިވެރި ވުން، ނުވަތަ މީހަކަށް އަނިޔާއެއް ދިނުމަށް ރޭވުން، މިއީ މުޅީން ވަކި ކުށްތަކެވެ. އެ ކަން ކުރާ މީހާގެ މަޤްޞަދުގައި ނަފްރަތު އޮތިއްޔާ، އެކަން "ކެރެކްޓަރައިޒް" ކުރެވިގެން ދާނީ [Hate Crime] އެއްގެ ގޮތުގައެވެ. އެހެންކަމުން، ނަފްރަތްތެރި ވާހަކައެއް ދެއްކުމާ އެކު މިއިން ކަމެއް ކުރުން، 124 (ހ) ގެ (2) ގެ ii ދަށުން ތަޖުރީމު ކުރެވިގެން ދާ އެއް ކުށަކަށް ހެދުމުން، އެ ކުރެވޭ ކަމަކީ ނަފްރަތްތެރި ވާހަކަ އާއި ނަފްރަތްތެރި ކުށް މި ޙާލަތުގައި މައްސުނި ކޮށް، އެކައްޗަކަށް ހަދައިލުމެވެ. ދެ ކުށް އެއް އަދަބު ދެވޭ އެއް ކުށެއް ކަމަށް ހަދައިލުމެވެ.

ދެވަނައަށް، 124 (ހ) ގެ (3) ވަނަ ނަންބަރުގެ i ވަނަ ނުކުތާ ބައްލަވާށެވެ! މި ނުކުތާގެ ޢިބާރާތުގައި އޮންނަނީ "މީހެއްގެ ނަސްލަށް، ނުވަތަ އުފަން ވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަކީ" ވަކި ޚާއްޞަ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. މި ކުރެވޭ ކަމަކީ، ޖިސްމާނީ އަނިޔާ ދިނުމުގެ ކުށް ކުރާ މީހަކުގެ ކިބައިގައި ތަޢައްޞުބެއް ނުވަތަ ނަފްރަތްތެރި މަޤްޞަދެއް (hateful motive) އޮންނަ ޙާލަތުގައި، އެ ކުށަކީ ވަކި ބާވަތެއްގެ ކުށަކަށް ހެދުމެވެ. އިސް ވެދިޔަ ޕެރެގުރާފުތަކުގައި އަޅުގަނޑު ވާނީ، ކުށެއް ކުރާ މީހާގެ ކިބައިގައި ނަފްރަތްތެރި މަޤްޞަދެއް އޮތުމަކީ، އެ ކުށް ވަކި ބާވަތެއްގެ ކުށަކަށް ވާ ސަބަބެއް ނޫން ކަމާއި، ނަފްރަތްތެރި މަޤްޞަދުގެ ސަބަބުން ވާ ގޮތަކި، ކުށުގެ ސީރިއަސްކަމާއި ނުބައިކަން (culpability) ބޮޑު ވެ، ކުށުގެ އަދަބު ވެސް ބޮޑު ވެގެން ދިޔުންކަން ބަޔާން ކޮށްފައެވެ. ކުށްތައް އެއް ކުށް އަނެއް ކުށާ ތަފާތު ވަނީ، ކުށުގެ ރުކުންތަކުގެ ތަފާތުގެ ސަބަބުން ކަމާއި، ކުށް ކުރާ މީހާގެ މަޤްޞަދުގެ (motive) ސަބަބަކުންނެއް ނޫންކަން މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހަނދާން ނައްތައިލައިގެން ވާނޭ ކަމެއް ނޫނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، 124 (ހ) ގެ (3) ގެ i ވަނަ ނައްޞުގައި އެބުނާ "ޖިސްމާނީ އަނިޔާ ދިނުމަކީ" ވަރަށް ގިނަ ގޮތްގޮތަށް ކުރެވިދާނޭ ކަމެކެވެ. މީހެއްގެ ގައިގައި ޖެހުމުން ފެށިގެން ގޮސް، މީހަކުގެ ގުނަވަންތައް ހަލާކު ކުރުމާ ހަމަޔަށް، އެތައް ބާވަތެއް އޭގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޖިސްމާނީ އަނިޔާގެ ތެރެއިން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޖިނާއީ ޤާނޫނުތަކުގެ ވަސީލަތުން ތަޖުރީމު ކުރެވޭ ހުރިހައި ކަންތައްތަކެއް ދިވެހިރާއްޖޭގައި ވެސް ވަނީ ތަޖުރީމު ކުރެވިފައެވެ. ގޭންގު ކުށްތައް މަނާ ކުރުމާ ބެހޭ ޤާނޫނު 2010 އާއި، އެންޓި ޓޯޗަރ ޤާނޫނު 2013 އާއި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު 2013 އާއި، ޤާނޫނުލްޢުޤޫބާތު 2014 އާއި، ޖިންސީ ކުށުގެ ޤާނޫނު 2014 އާއި، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު 2015 ފަދަ ޤާނޫނުތައް ބައްލަވައިލެއްވީމާ އެކަން އެނގިވަޑައިގަންނަވާނެއެވެ. މާރާމާރީ ހިންގުން، ތޫނު އެއްޗަކުން ޖަހައި ޒަޚަމު ކުރުން، ރޭޕް ކުރުން، ގުނަވަނެއް ހަލާކު ކޮށްލުން، ގުނަވަނެއް ވަގަށް ނެގުން، ޓޯޗަރ ނުވަތަ ވޭންދެނިވި ހާނީއްކަ ކުރުން، ހަށިގަނޑަށް ޖަރާސީމެއް ފޮނުވައިގެން ބައްޔެއް ޖެއްސުން، މޫނަށް ނުވަތަ ހަށިގަނޑަށް ދޭ ގެއްލުމަކުން ސޫރަ ޚަރާބު ކޮށްލުން، މިއީ ހައްތާ ވެސް ޖިސްމާނީ އަނިޔާ ދިނުމުގެ ކުށްތަކެވެ. މިއިން ކޮންމެ ކުށަކީ ވެސް، އެ ކުށެއްގެ ރުކުންތަކަކީ ކޮބައިކަން ޤާނޫނުގައި ބަޔާން ކުރެވިގެން ވާ ވަކި ކުށެކެވެ. މިއިން ކުށެއް މީހަކާ ދެކޮޅަށް ކުރާ މީހާ އެކަން ކުރަނީ، ކުށް އަމާޒު ކުރެވޭ މަޠުލޫމުގެ ނަސްލަށް ނުވަތަ ޤައުމީ ނިސްބަތަށް ނުވަތަ ކުލަޔަށް ބަލައިގެން، ނަފްރަތާއި ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ތަޢައްޞުބުގެ މަޤްޞަދެއްގައި ކަމަށް ވާ ޙާލަތެއް އަޔަސް، އޭގެ ސަބަބުން ކުށުގެ "ކެރެކްޓަރައިޒޭޝަން" ބަދަލު ކޮށްގެން ނުވާނެއެވެ. އެއީ ވަކި ބާވަތެއްގެ ކުށަކަށް ހަދައިގެން ނުވާނެއެވެ. ތަކުރާރުކޮށް ދެންނެވުނު ފަދައިން، އޭގެ ނަތީޖާއަކަށް ވާން ވާނީ، އިސް ވެ ބަޔާން ކުރެވުނު ފަދައިން، ކުށުގެ އަދަބު ބޮޑު ވުމެވެ.

ކޮންމެއަކަސް، ނަފްރަތުގެ ބިލުގައި މި ދެންނެވި މަފްހޫމުތައް އޮޅުވައިލައި، އޮޅުންބޮޅުން ކޮށް، މައްސުނި ކޮށްފައި ހުރި ގޮތަށް ބެލުމުން، އަޅުގަނޑަށް ހީ ކުރެވުނު އެއްޗަކީ، މި ބިލަކީ ނަފްރަތްތެރި ވާހަކަ ތަޖުރީމު ކުރުމުގެ، އަދި ނަފްރަތްތެރި މަޤްޞަދުތަކުގައި ކުށް ކުރުމުން ޢާއްމު ގޮތެއްގައި ދޭ އަދަބުތަކަށް ވުރެ ބޮޑެތި އަދަބުތައް ދިނުމުގެ މަގުފަހި ކުރުމުގެ ހެޔޮ ނިޔަތެއްގައި ލިޔެ އެކަށައަޅައިފައި އޮތް ބިލެއް ނޫނޭ، މިއެވެ. [Hate Speech] އާއި [Hate Crime] ގެ މަފްހޫމުތައް ޢިލްމީ ގޮތުން ދިރާސާ ކޮށްގެން ދެލިކޮޕީ ކޮށްފައި އޮތް ބިލެއް ނޫނޭ، މިއެވެ. އަޅުގަނޑަށް މި ބިލުގެ ހުރިހައި ދިމަދިމާއަކުން ވެސް ފެންނަނީ، ވަކި ބަޔަކު ހިފާން ޖަހާ މަޅިއެއްގެ ސިފަތަކެވެ. ވަކި މީހަކު ނުވަތަ ވަކި ބަޔަކު ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާ ދެކޮޅު ހެދުމުގެ ގޮތުން ވާހަކަ ދެއްކުމާއި ޢަމަލުތައް ކުރުމުގެ ދޮރު ބަންދު ކުރުމުގެ ގޮތުން އެކުލަވައިލެވިފައި ވާ ބިލެއްގެ ސިފަތަކެވެ. ޤާނޫނުތައް ހެދުމުގައި މިއީ ރަނގަޅު ގޮތެއް ނޫނެވެ. ޤާނޫނަކީ ވަކި މީހެއްގެ ދިފާޢުގައި، އަދި ވަކި މީހަކު ހިފާން ޖަހާ މަޅިއެއްގެ ގޮތުގައި ހަދައިގެން ވާނޭ އެއްޗެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ޢާއްމު ވެފައި ވާ، ކުރީގެ ސަރުކާރުތަކާއި މަޖިލިސްތަކުން ވެސް ކުރައްވައިފައި ވާ، އަދި މިހާރުގެ ސަރުކާރާއި މަޖިލިހުން ވެސް ކުރައްވަމުން ގެންދަވާ ވަރަށް ގޯސް ކަމެއް ކަމަށް މެނުވީ ނުވެއެވެ.

ނޯޓު: މިއީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށައަޅައިފައި ވާ ނަފްރަތުގެ ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނު ސިޓީއެކެވެ. ސިޓީ މި ކޮލަމުގައި މި ޝާއިޢު ކުރެވެނީ އެޑިޓް ކުރެވި އިތުރު ތަފްޞީލުތަކާ އެކު ލިޔެވިފައި ވާ ސިލްސިލާއެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް