ޓޯކްޔޯ އޮލިމްޕިކްސް: ފަސްވަނަ އޮލިމްޕިކުގައި ގޯލު ޖަހައި މާތާ ރެކޯޑް ހަދައިފި

ބްރެޒިލްގެ ފޯވާޑް މާތާ --- ލައިވްސްކޯ

ޖަޕާނުގައި މިހާރު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ޗައިނާ ކޮޅަށް ގޯލު ޖަހައި ބްރެޒިލުގެ ތަރި މާތާ ރެކޯޑް ހަދައިފި އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލްގެ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޗައިނާ އަތުން އެ ޓީމު މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ނުވަ މިނަޓުގެ ތެރޭގައި މާތާ ބްރެޒިލަށް ގޯލު ޖަހައިދީ ލީޑު ނެގި އިރު، ދެވަނަ ހާފުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

އިއްޔޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު މާތާ ވަނީ ވިދިވިދިގެން ފަސްވަނަ އޮލިމްޕިކްސްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ލިބިފަ އެވެ. އުމުރުން 35 އަހަރުގެ މި ކުޅުންތެރިޔާ ފުރަތަމަ ބައިވެރިވި އޮލިމްޕިކަކީ 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި އޮތް އޮލިމްޕިކްސް އެވެ. އެފަހަރުގެ އޮލިމްޕިކުގައި ގޯލު ޖެހުމަށްފަހު ދެން އައި ހަތަރު އޮލިމްޕިކުގައިވެސް އޭނާ މިވަނީ ގޯލު ޖަހައިފައެވެ.

ޖައްސަ ޖައްސައިގެން ފަސް އޮލިމްޕިކްސްގައި ގޯލު ޖެހި ނަމަވެސް މާތާއަށް މިހާތަނަށް ބްރެޒިލްއާއެކު އޮލިމްޕިކްސް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އޭނާއަށް އޮލިމްޕިކް ރަން މެޑައްޔަކާ އެންމެ ގާތަށް ދެވުނީ 2004 އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގަ އެވެ. އެ ދެ ގޭމްސްގައި ބްރެޒިލް ކެޓީ ފައިނަލުން ބަލިވެގެންނެވެ.

މީގެ އިތުރުން އިއްޔެގެ މެޗުގައި މާތާގެ ޓީމްމޭޓް ފޯމިގާ ވެސް ވަނީ ރެކޯޑެއް ހަދައިފަ އެވެ. އުމުރުން 43 އަހަރުގެ ފޯމިގާގެ 25 އަހަރުގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ހަތް އޮލިމްޕިކްސް ކުޅެފައިވާ އިރު، މިފަހަރުގެ އޮލިމްޕިކުގައި ކުޅުމުން އޭނާ ވަނީ އެންމެ ދުވަސްވީ އޮލިމްޕިކްސްގެ ފުޓުބޯޅަ ކުޅުންތެރިޔާއަށް ވެފަ އެވެ.

ބްރެޒިލް މުބާރާތުގައި ކުރިއަށް އޮތް މެޗުގައި ވާދަކުރާނީ މިފަހަރުގެ ގޭމްސްގެ ފެވަރިޓެއް ކަމަށްވާ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް