ޔާރާއެ ލޯބިދޭށޭ... 56

"ޝާވިން!... ތި ވާހަކަ ދެއްކުމުގެ މާނައެއް މިހާރު ނެތް... އެހެންނޫނަސް، އަހަންނަށް ބޭވަފާތެރިވާނީ އަހަރެންދެކެ ލޯބިނުވާތީ...." ޖިލްވާ ހިތްހަމަނުޖެހިފައިވާވަރު އޭނަގެ އަޑުން ހާމަވެއެވެ.

"އަހަރެން ބޭވަފާތެރިވީ ޖިލްއަށްޓަކައި..." ޝާވިން ބުންޏެވެ.

********

"އަހަރެން ޝާވިންއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަން..." ހަމަޖެހިލަން މަސައްކަތް ކުރަމުން ޖިލްވާ ބުންޏެވެ. "ތި ދައްކަނީ އަހަންނަށް ލިބުނު އެވޯޑުގެ ވާހަކަ ކަމަށް ވެއްޖެއްޔާ ބުނެލަން އޮތީ، އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް އެ ވާހަކަ އަޑު އެހުމަކަށް ނެތޭ..... އެއީ ދުނިޔޭގެ އުފަލަށްވުރެ އަހަންނަށް އަހަރެންގެ ދިރިއުޅުމާ، ލޯބިވާ މީހުން މުހިއްމުވީމަ....."

"ޖިލް!... އަދިވެސް އަހަރެންދެކެ ހަމަ އެހާ ވަރަށް ރުޅި އައިސްފަތަ؟..." ޝާވިން މާޔޫސް ވިއެވެ. "ޖިލްގެ އުފަލަށްޓަކާ އަހަރެން އަހަރެންގެ އަމިއްލަ ނަފުސު އެހެން މީހަކަށް ދިނީ... ޖިލްއަށް އެ އެވޯޑް ހައްގުވިޔަސް، ޖިލްއަށް އެ އެވޯޑު ލިބުނީ އަހަރެން ސަނާހާއާ ގުޅެން އެއްބަސްވީމަ.... ޖިލްއަށް ކުޑަކޮށްވެސް އިހުސާސްވޭތަ އެހެން މީހަކާ އެކީ އުޅެންޖެހުނީމަ އަހަންނަށް ވާނެ ގޮތް... ސަނާހާ ހުރީ ކޮންމެ އަގަކަށްވެސްް އެވޯޑު ގަންނަން.... މުޅި އިންޑަސްޓްރީގަ އޮތީ މުއާޒުގެ ނުފޫޒު... މުއާޒު ޖިލްދެކެ ލައިކްވޭ... އަހަރެމެން ދެ މީހުން ދުރުކުރަން އޭނަ ހުރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް... އަހަރެން ސަނާހާ އާ ގުޅުނީ އެހެން ގޮތެއް ނެތިގެން..."

"ދެން ޝާވިން ތިބުނަނީ އެވޯޑަކީ އަމިއްލަ ދިރިއުޅުމަށްވުރެ މުހިއްމު އެއްޗެކޭތަ؟..." ޖިލްވާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"ޖިލް!... އަހަރެން މިއަދު ޖިލް ކައިރިއަށް މި އައީ ނުބައި ނިޔަތެއް އޮވެގެނެއް ނޫން... އަހަރެން ބޭނުންވީ މާފަށް އެދެން..." ޝާވިންގެ ހިތްވަރު އެލުނެވެ. ޖިލްވާ ރުޅި އައިކަން އެނގި އިތުރަށް އެއްޗެއް ބުނަން ފަސްޖެހުނެވެ.

ދާން ހިނގައިގަނެފައި ޝާވިން އެނބުރުނެވެ. އެންމެފަހު ފަހަރަށް ބަލައިލާނޭހެން ޖިލްވާގެ މޫނަށް ބަލައިލިއެވެ.

"މުއާޒަކީ ރަނގަޅު މީހެއް ނޫން... ޖިލް ވިސްނައިގެން އުޅޭތި..." ޝާވިން ބުންޏެވެ.

ޝާވިން ހީކުރީ ޖިލްވާގެ މޫނުން ޝައުގުވެރިކަން ފެންނާނޭ ކަމަށެވެ. އެކަމަކު ޖިލްވާގެ މޫނުން އެއްވެސް އަސަރެއް ނުފެނުނެވެ.
"ޖިލްއަށް ފާރަލާ މީހަކީ މުއާޒު..." ޖިލްވާގެ މޫނަށް ބަލަންހުރެ ޝާވިން ބުންޏެވެ. "އަހަންނަށް އެނގުނީ ސަނާހާގެ ފަރާތުން... އަހަންނަށް ދެތިން ދުވަހު ފެނިއްޖެ އޭނަ ޖިލްއަށް ފާރަލަމުން ދިޔަ ތަން... ޝައްކު ކުރެވޭތީ އަހަރެން ފުލުހުންނަށް ރިޕޯޓުކުރީ... އެ ގެއިން ޖިލްގެ ފޮޓޯތަކާ އިންޒާރުގެ މެސެޖުތައް ލިޔެފަ ހުރި ނޯޓުތަކެއްވެސް ފެނުނު ކަމަށް ފުލުހުން ބުނީ... ނޭނގެ ކޮން ދުވަހަކުން ކަމެއް އޭނަ މިނިވަން ވާނީ... އެހެންވެ ބަލައިގެން އުޅެން މި ބުނީ..."

ޝާވިން ދިޔުމުން ވެސް އެކަމާއި ވިސްނަން ޖިލްވާއަށް ހުރެވުނެވެ. ޝާވިން ބުނިހެން މުއާޒު މިނިވަންވެގެން ޖިލްވާއަށް ހަމަލާދޭން މަސައްކަތް ކޮށްފާނެ ހެއްޔެވެ؟ ޒެނިލް ބުނިހެން އެންމެންނާއިމެދު ވިސްނައިގެން ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވާނެއެވެ. ތަޤުދީރު ރޭވިފައިވާ ގޮތް އެކަކަށްވެސް ނޭނގޭނެ އެވެ.

********

ޔޯހަން ގުޅައިގެން ޒެނިލް ބޭރަށް ނުކުމެލި ވަގުތަކީ ޖިލްވާ އައިސް ގޭތެރެއަށް ވަތް ވަގުތެވެ. ޖިލްވާގެ ފަހަތުން ދާން އުޅެފައިވެސް ޒެނިލްއަށް މަޑުކުރަން މަޖުބޫރުވީ، ޔޯހަން ހައިޖީންގެ ވާހަކަ ބުނުމުންނެވެ.

ހައިޖީންއާ ދިމާވި ގޮތާއި ދެ މީހުންގެ ދޭތެރޭ ދެކެވުނު ވާހަކަތަކުގެ އިތުރުން މާޒީގެ ހާދިސާ ޔޯހަން ޒެނިލްއަށް ކިޔައިދިނެވެ. ޒެނިލް ހުރީ ބަސް ހުއްޓިފައެވެ. ހައިޖީން އެފަދަ ގޮތަކަށް އޭނައަށް ގެއްލުންދޭން މަސައްކަތް ކޮށްފާނެ ކަމަަކަށް އޭނަ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ.

"ހައިޖީން މިހާރު ހުރީ ހަމަޖެހިފަ... އާރާ އާއި ދެ މީހުންގެ ގުޅުންވެސް ރަނގަޅުވެއްޖެ... ދެން އެހެންތާ ވާނީ... އެކަކު އަނެކަކުދެކެ އެހާ ލޯބިން އުޅެފަ އެކަމެއް ލައިގަތީ...." ޔޯހަން ހިނިގަނޑެއް ޖަހައިލިއެވެ. "ކުރިން އުޅުނުހެން ދެ މީހުން އެކީ އަބަދު އުޅެނީ... ޒެލް ގެއްލުނީވެސް އަމިއްލަ ކުށުން ކަމަށް ހައިޖީން ގަބޫލުކުރާ ވާހަކަ އާރާ ބުނީ... އަހަރެން ހިއެއް ނުކުރަން އޭނަ ދުވަހަކުވެސް އަހަންނަށް މާފު ކޮށްފާނެ ކަމަކަށް.... މާޒީގަ އަހަންނަށްވެސް ކުރެވުނު ކަމަކުން ހުރިހާ ކަމެއް ދިމާވީ.... ފަހުން ބައްދަލުވިއިރު، އަހަރެން ހީކުރީ އެއީ މުޅީން އެހެން މީހެއް ކަމަށް... އެކަމަކު، އެއީ ހަމަ ކުރީގެ ހައިޖީން.... ހަމަ އެ ހިތް... އޭނަ ބޭނުމެއްނުވޭ އިތުރަށް ތި ދެމީހުންގެ ދެމެދަށް ވަންނާކަށްވެސް... ކުންފުންޏަށް ގެއްލުންދޭން މަސައްކަތް ނުކުރާނެ ކަމަށްވެސް ބުނި... ކޫލްއެއްނު..."

ޒެނިލްގެ ބޮލުން ހީވީ ބޮޑު ބުރައެއް ނެގި ހެންނެވެ. މާޒީގެ ހާދިސާގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަން އެކީގައި ފިލާދިޔަ ކަހަލައެވެ. ހައިޖީން ދިރިހުރިކަން އެނގުނީއްސުރެ، މާޒީގައި ކަންތައް ހިނގައިދިޔަގޮތް ހައިޖީންއަށް އަންގަން ޒެނިލް ބޭނުންވިއެވެ. އޭނަގެ ކުށެއް ނެތްކަން ބުނެދޭން ހިތް ގޮވި އިރެއް ދިޔައެވެ. އެކަމަކު، މިހާރު އެކަމުގެ މުހިއްމު ކަމެއް އޭނައަކަށް ނުވިސްނެއެވެ. ހައިޖީންއަށް ވިސްނިއްޖެއެވެ. އޭނަ އާއިމެދު ހިތް ސާފުކޮށްފިއެވެ. އިތުރަށް ދެ މީހުން ވާހަކަ ދައްކަން އުޅެގެން ކަންކަން ގޯސްވެސް ވެދާނެއެވެ. ދިރިއުޅުން ކުރިއަށް ގޮސްފައިވާ ހިސާބުން އަނދަވަޅަކަށްވެސް ވެއްޓިދާނެއެވެ.

"އެ ވާހަކަ ދެން ބާއްވާ... މިހާރު އަހަރެން މިއުޅެނީ ވަރަށް އުފަލުން..." ޖިލްވާ ދިޔަ ދިމާއަށް ބަލައިލަމުން ޒެނިލް ހިނިތުންވެލިއެވެ. "ހައިޖީންއަށްވެސް އުފާވެރި ދުވަސްތަކަކަށް އެދެނީ..."

"އުފަލުންކަން ތި އުޅެނީ އެބަ އެނގޭ..." ޔޯހަން ހީގަތެވެ.

"ތި ދެމީހުން މިހާރު ކިހިނެއް؟... މެރީ ކުރަނީ ކޮން ދުވަހަކުން؟..." ޔޯހަންގެ އުފާވެރިކަން ގުޅިފައިވަނީ އާރާ އާއި ކަން އެނގި، ޒެނިލް ސުވާލު ކުރިއެވެ.

"އަހަރެމެން ވަރަށް ބަރާބަރު.... މިހާރު މި ކިޔަނީ ފެށޭ ވީކްގަ މެރީ ކުރަން..." ޔޯހަން އުފާވެލާފައި ބުންޏެވެ. "ތި މީހުން ދެން ތިތާ ހަރުލާފަ ތިބޭ... ކައިވެންޏަށް ކޮންމެހެން އަންނާނެ ކަމެއް ނެތް... ހަނީމޫންއަށް އަހަރެމެން ތިކޮޅަށް ދާނީ..."

********

ޖިލްވާ އާއި ޖުއާން އިނީ ސަފީނާގެ ކޮޓަރީގައެވެ. މަންމަގެ ވާހަކަތައް އަޑު އަހަމުން ދިޔައިރު، ޖުއާންގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ދޮރު ކައިރީގައި އެ އަޑު އަހަން ޒެނިލް ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގެ އެވެ.

"މަންމަ އާއި އިނދެގެން ހުރެ، ބައްޕަ އެހެން އަންހެނަކާ...." ސަފީނާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. "މަންމައަށް އެނގޭ ބައްޕަ ކުރަމުން އައީ ރަނގަޅު ވިޔަފާރިއެއް ނޫންކަން... އެކަންކަން ހުއްޓުވަން މަސައްކަތް ކުރުން އެއީ މަންމައަށް ކުރެވުނު ހަމައެކަނި ކުށް... ބައްޕަގެ އަނިޔާވެރިކަމަށް މަންމައަށް ކެތެއް ނުކުރެވުނު... މަންމަ ރާއްޖެ ފޮނުވާލަން އުޅެން ފެށީމަ، ތިކުދިން ގޮވައިގެން ފިލަންވެސް މަންމަ މަސައްކަތް ކުރިން... އެކަމަކު ބައްޕައަށް އެކަން އެނގިގެން މި މަންމަ ދަރިންނާ ވަކިކޮށްފަ ވަގުތުން ރާއްޖެއަށް ފޮނުވާލީ... ހާދަ ހިތްދަތި ވިއޭ... ދެރަވިއޭ... މަންމަ ކަރުނަ ނާޅާ ހަމަ އެންމެ ދުވަހެއްވެސް ނުދާނެ..."

ޒެނިލްގެ ދެލޯ ކަރުނުން ފުރިގެން ބަންޑުންވަމުން ދިޔަ އެވެ. އިވެމުންދިޔަ ވާހަކަތަކުގެ ސަބަބުންނެވެ. ހަގީގަތް ނޭނގި އޭނައަށް ވަނީ މަންމަ އާއިމެދު ކުށްހީއެއް ކުރެވިފައެވެ. އެ މަންމަގެ ހިތުގައި ޖައްސައި ރޮއްވާލެވިފައެވެ. އެ ވާހަކަ ދައްކަން ސަފީނާ މަސައްކަތް ކުރުމުން ވެސް ޒެނިލް ވަނީ އަޑު އަހަން އިންކާރު ކޮށްފައެވެ. އިވުނު އަޑުތައް ނީވޭ ކަމަށް ހަދަމުން ޒެނިލް އެތަނުން ދިޔަ އެވެ. ކުރިއަށް އޮތްތަނުގައި މަންމަ އާއި ދޭތެރޭ ހެޔޮކޮށް ހިތުމަށް ނިންމައިގެންނެވެ. މަންމައަށް ނުލިބުނު ލޯބި އަނބުރާ ހޯދައިދިނުމަށް އޭނާ ހިތުގެ އަޑިން އަޒުމު ކަނޑައެޅި އެވެ.

********

ސަފީނާގެ ކޮޓަރިން ނުކުތްގޮތަށް ޖުއާން ހިނގައިގަތީ އޭނާގެ ކޮޓަރި އަށެވެ. ޖިލްވާ ޖުއާންގެ އަތުގައި ހިފައިގެން ގެންގޮސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ.

"ދޮގު ނަހަދާ ތެދަށް ވާހަކައެއް ބުނެފާނަން؟..." ޖިލްވާ އަހައިލިއެވެ.

"ކޮން ވާހަކައެއް؟..." ޖުއާން ސުވާލު އުފެދިފައިވާ ނަޒަރަކުން ޖިލްވާއަށް ބަލަން ހުއްޓެވެ.

"ނަދާ އާއި ދެ މީހުން ކޮން ކަމެއް ކޮށްގެން ތިއުޅެނީ؟.... ކުރީ ދުވަހު ފެނުނޭ ދެ މީހުން ފޯނު ނަންބަރު ބަހަނިކޮށް... ކުރިން ނަދާ އެއީ މިގެއަށް މާ ގިނައިން އަންނަ މީހެއްވެސް ނޫނޭ... މިހާރު އަބަދު މިގޭގަ...." ޖިލްވާ ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ރާގަކަށެވެ.

"އެއީ އެއީ..." ޖުއާން ބޯކަހައިލިއެވެ.

"ހޫމް... ދެން ޖުއާންވެސް ރާއްޖެ ބަދަލުވާން އުޅޭ...." ޖިލްވާ ހީގަތެވެ. "އަހަރެން މިގުޅަނީ ނަދާއަށް..."

"ނޫން ނޫން...." ޖުއާން އަވަހަށް ޖިލްވާ ހުއްޓުވިއެވެ. "އާނ... އަހަރެމެން މީ މިހާރު ކަޕްލްސް..."

"ތިވަރު ކަމެކޭ... ތިހާ ލަދުގަންނަން ޖެހޭތަ އެ ވާހަކަ ބުނަން..." ޖިލްވާ ޖުއާންގެ ކޮނޑުގައި ޖަހައިލިއެވެ. "އިނގޭތަ... އަހަރެން ސަފީ މޯމް އާ ނަދާގެ މަންމަމެންނާ ވެސް ވާހަކަ ދައްކައިފިން... އެންމެންވެސް ގަބޫލޭ..."

ޖުއާން ލަދުން އަވަހަށް ގޮސް ކޮޓަރިން ނުކުތެވެ. ޒެނިލް ކޮޓަރިއަށް ވަންއިރުވެސް ޖިލްވާ ހެނީއެވެ. ވެގެންއުޅޭގޮތް ކިޔައިދިނުމުން ޒެނިލް ވެސް ޖިލްވާގެ ހުނުމުގައި ބައިވެރިވެލިއެވެ.

********

ޒެނިލް އާއި ޖުއާންގެ މަންމަ އަކީ ސަފީނާ ކަން އެނގުނު ފަހުން ހަމްދާގެ ހަމަޖެހުން ގެއްލުނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނަ ސަފީނާދެކެ ފޫހިވެއެވެ. ސަފީނާ އެ ގެއަށް އައި ދުވަހު އާމިރު ކުރި ތައުރީފުންނެވެ. ހަމްދާއަށްވުރެ ސަފީނާ ރީތި ކަމުގައި އާމިރު ބުންޏެވެ. އެއީ އާމިރު މަޖަލަކަށް ބުނި ވާހަކައެއް ކަން އެނގުނު ނަމަވެސް، ހަމްދާއަށް އެ ވާހަކަ އާއިމެދު މާ ބޮޑަށް ވިސްނުނީއެވެ. ސަފީނާ އާއިމެދު ހިތުގައި ހަސަދަވެރިކަން އުފެދުނީއެވެ.

އަމިއްލަ ދަރިފުޅަށްޓަކައި ސަފީނާއާ ގުޅުން ބަދަހިކުރަން ހަމްދާއަށް މަޖުބޫރު ވިއެވެ. ގޭގައި ގެންގުޅޭ ނޯކަރެއްގެ މަގާމުގައި ދަރިފުޅުގެ މައިދައިތަ ބަހައްޓާކަށް ހަމްދާގެ ހިތެއް ނުރުހުނެވެ.

"ސަފީނާ!... އައިސްބަލަ..." ކޮޓަރިން ނުކުތް ސަފީނާ ފެނުމުން ހަމްދާ ގޮވައިލިއެވެ.

ސަފީނާ ގޮސް ހަމްދާ އާއި އަރައި ހަމަވުމުން، ހަމްދާ ސަފީނާގެ އަތުގައި ހިފައިލިއެވެ. ހަމްދާ ގޮސް ވަނީ ޖިލްވާގެ ކޮޓަރި އާއި ޖެހިގެން ހުސްކޮށް ހުރި ވާފިރުގެ ކޮޓަރި އަށެވެ. ވާފިރު ނިޔައުވި ފަހުން، އެ ކޮޓަރި ހުންނަނީ ހުސްކޮށެވެ.

"މީގެ ފަހުން ސަފީނާ އުޅޭނީ މިކޮޓަރީގަ..." ހަމްދާއަށް އެ ޖުމްލަ ފުރިހަމަ ކުރެވުނީ އުނދަގުލުންނެވެ.

"ނޫނޭ މިހާރު މި އުޅޭ ތަންވެސް ރަނގަޅުވާނެ..." ސަފީނާ އަވަސް އަވަހަށް ބުންޏެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް