ނަފްރަތުގެ ބިލު ފާސްކުރުމާ ދެކޮޅަށް ނިކުންނަންޖެހޭ: ލޯޔަރު ވައްޑެ

ޖުލައި 19، 2021: ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ލޯޔަރު ވައްޑެ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ގާނޫނުލްއުގޫބަތަށް ގެންނަ އިސްލާހު ފާސްކުރުމާ ދެކޮޅަށް ނިކުންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމާ އަލުން ގުޅިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ލޯޔަރު ވައްޑެ ރޭ ވިދާޅުވީ ނަފުރަތުގެ ބިލަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާ ކަނޑައެޅިގެން ސާފުކޮށް ހިލާފުވާ ބިލެއްކަމަށެވެ.

"މި ބިލަކީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ބިލެއް ކޮންމެ ބަޔަކު ކޮންމެ ފަދަ ވާހަކަތަކެއް ވިދާޅުވިކަމުގައި ވީނަމަވެސް. އެހެންވީމާ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއަދު އަނިޔާވެރިކަން ހުއްޓުވަން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ އަނިޔާވެރިކަން ބޮޑުވެ، ވައްކަން ހުއްޓުވަން އައި ބޭފުޅުން ވައްކަން ގިނަވުމާއި، އަދުލު އިންސާފު ގާއިމްކޮށްދޭން ވަޑައިގެންނެވި ބޭފުޅުންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެކަމެއް ނޫން،" ލޯޔަރު ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިގައުމުގެ ކަންކަން ބައްޓަންކުރެވެން ވާނީ އިސްލާމްދީނުގެ ތެރޭގައިކަމަށެވެ. އަދި މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމްދީނުގެ ހައްދުތަކާއި ޝަރީއަތް ނޫން އެހެން ގޮތެއް ހޯދުމަކީ ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ ތަންދޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާ ނުކުރާ ގާނޫނެއް ޑްރާފްޓްކޮށްގެން އެ ވެއްދުމަށްފަހު ބަލައިގަތުމާ ހަމައަކުންނެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ތެރޭ އެއަށް ބަހުސްކޮށް ވާހަކަދައްކައި މީސްމީހުންނާ މަޝްވަރާކުރަންޖެހޭނީ،" އޭނާ ވިދާޅުވިއެވެ

ލޯޔަރު ވައްޑެ އިތުރަށް ވިދާޅުވީ އިންސާފުވެރިކަމާއެކު ކަންކަން ކުރަން ބޭނުންނަމަ އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވައިފައިވާ ހުކުމަކީ ނުހައްގު ހުކުމެއްކަމަށްވެސް ލޯޔަރު ވައްޑެ ވިދާޅުވިއެވެ.

"ތަހުގީގެއް ކުރާއިރު އެ ތަހުގީގަކާއި ދައުވާއެއް ކުރާއިރު އެ ދައުވާއަކާއި ހުކުމެއްކުރާއިރު އެ ހުކުމަކާ ނުގުޅޭ ކަމުގައިވަންޏާ އެންމެންވެސް ކިޔާނީ އެއީ ހައްގުނޫން ހުކުމެކޭ. އެ ސަބަބަށްޓަކައި ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމަކީ އަދި ޖަލުގައި ހޭދަކުރައްވަން ޖެހިފައިވާ ހޭދަކުރެއްވުމަކީ ނުވަތަ ބަންދުގައި ހުންނަވަން ޖެހިފައިވާ ހުންނެވުމަކީ އެއީ ގަބޫލުކުރެވޭނެ ރަނގަޅު ހުކުމެއް ނޫންކަން ފެނިވަޑައިގެން އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ ގެންދަނީ އިންތިހާއަށް މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ގާނޫނީ ޓީމުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި 2023ގެ ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން ރާއްޖޭގެ ވެރިކަމާ ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް ޕީއެންސީ އިން މިކުރާ މަސައްކަތަކީ ވަރަށް ވަރުގަދަ މަސައްކަތެއް. އައްސަރިބަހާއި ސާބަސް ދަންނަވަން ރައީސް ޔާމީންގެ ގާނޫނީ ޓީމަށް،" ލޯޔަރު ވައްޑެ ވިދާޅުވިއެވެ.

ރޭ އަލުން ޕީޕީއެމާ ގުޅިވަޑައިގަތް މެމްބަރުންގެ ތެރެއިން ލޯޔަރު ވައްޑެއަކީ 2013 ވަނަ އަހަރު ޕީޕީއެމާ އެއްކޮށް މަސައްކަތްކުރައްވައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ތެރޭ އުފެދުނު މައްސަލަތަކާއެކު ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު އޭނާވެސް ވަނީ ޕީޕީއެމާ ދުރުވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށްޓަކައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އެއަށްފަހު ރޭ ޕީޕީއެމަށް ސޮއިކުރެއްވުމާ ހަމައަށް ލޯޔަރު ވައްޑެ ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް