އޭއެފްސީގެ މެޗުތަކަށް ކުރި ބިޑު ރާއްޖެއިން އަނެއްކާވެސް ކާމިޔާބުކޮށްފި

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ސަބަބުން ފަސްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިއީ މިދިޔަ ދެ އަހަރުގެ ތެރޭގައި އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ބިޑަށް ހުޅުވާލައިގެން ރާއްޖެއިން ބިޑް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ މުބާރާތް ސެންޓްރަލައިޒްކޮށް ބާއްވާ ބިޑް ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް އޭއެފްސީން ވަނީ ފަހު ވަގުތު ކޮވިޑް19 އާއި ގުޅިގެން މުބާރާތް ކެންސަލް ކޮށްފައެވެ.

އެއަށްފަހު މިއަހަރު ބާއްވާ އޭއެފްސީގެ މެޗުތަކަށްވެސް ރާއްޖެއިން ވަނީ ބިޑުކޮށް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެ ފަހަރު އިންޑިއާގެ ބެންގަލޫރު އެފްސީން ރާއްޖެ އައިސް ޕްރޮޓޮކޯލާއި ހިލާފުވުމާ ގުޅިގެން އެ މެޗު މުއްދަތެއް ނެތް ގޮތަށް ފަސްކޮށް ދެން ހުރި މެޗުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލީ އެވެ.

މިފަހަރުގެ އޭއެފްސީ ދެކުނު އޭޝިއާގެ ގުރޫޕު މެޗުތަކަށް ބިޑް ކޮށްފައިވަނީ ރާއްޖެއާއި ބަންގްލަދޭޝް އިންނެވެ. އޭއެފްސީން ދެ ޓީމުގެ ބިޑް ދިރާސާ ކުރުމަށް ފަހު މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ ރާއްޖެ އަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ.

މި ގްރޫޕްގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހު 18، 21 އަދި 24 ވަނަ ދުވަހު އެވެ.

comment ކޮމެންޓް