ހދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ދަތުރުފުޅެއް ކުރައްވަނީ

ރައީސް ސޯލިހު ދުވާފަރަށް އަރައި ވަޑައިގަންނަވަނީ: ރައީސް މިއަދު ވަނީ އެމަނިކުފާނުގެ ސުނާމީގެ ބައެއް ތަޖުރިބާތައް ކިޔާދެއްވާފައި --- ފޮޓޯ: ރައީސް އޮފީސް

ހދ. އަތޮޅުގެ ތިން ރަށަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މި މަހު 16 އިން 18 ގެ ނިޔަލަށް ރައީސް ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައި ވަނީ ކުޅުދުއްފުށީ ސިޓީ، ހދ. ކުމުންދޫ އަދި ހދ. ހަނިމާދުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސް ސޯލިހު ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައިވާކަމަށެވެ. މިގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވަައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު 69 ރަށަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މީގެއިތުރުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާއެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ރައީސް ނިންމަވައިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫތަކާ ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށްވެސް މަބްރޫކުވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް