އެޗުޕީއޭއިން ހުއްދަ ލިބުމާއެކު މާޒިޔާއިން އޭއެފްސީއަށް ޕްރެކްޓިސް ފަށައިފި

ހޮނިހިރު ދުވަހު މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން -- ފޯޓޯ/މާޒިޔާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމަށް ހުއްދަ ދިނުމާއެކު އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.

ކޮވިޑް ގައިޑްލައިންތަކުގެ ސަބަބުން މާޒިޔާ އިން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު އަލުން ތަމްރީންތައް ފެށިއިރު، ޓީމުގެ ޓްރެއިނިންގައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބައިވެރިވީ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑޮވާރާ (ޓަކާ) އެވެ.

މިވަގުތު އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗާއި ދެން ތިބި ބިދޭސީ ތިން ކުޅުންތެރިން އަދި ސްކޮޑާ ގުޅިފައިނުވާ އިރު، ވަރަށް އަވަސް އެ ކުޅުންތެރިންވެސް ޓީމާއި ގުޅޭނެ ކަމަށް މާޒިޔާއިން ވަނީ ބުނެފަ އެވެ. މާޒިޔާއިން ވިޑަކޮވިޗް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ކުރީ ސީޒަނުގެ މެދަކާ ހިސާބުން އޭރު ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުންނެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މިހާރު ނިންމާފައިވަނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅުމަށެވެ.

އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

މިދިޔަ މެއި މަހު މާލޭގައި ކުޅެން ރޭވި މެޗުތައް ބެންގަލޫރު ޓީމުން ޕްރޮޓޮކޯލާ ހިލާފުވުމުން ރާއްޖޭގައި ނުކުޅެވުނެވެ. އެ މެޗުތައް މިދިޔަ މަހު ފަހުކޮޅާއި މި މަހު ކުރީކޮޅުގައި ބާއްވަން ނިންމައިގެން ހޯސްޓްކުރާނެ ގައުމެއް ނެތުމުން ޖެހުނީ ފަސް ކުރާށެވެ. އަންނަ މަހަށް މެޗުތައް ފަސްކުރުމުން މިހާރު މެޗުތައް ހޯސްޓްކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން ވަނީ ބިޑްކޮށްފަ އެވެ.

comment ކޮމެންޓް