އޭއެފްސީ ކޮލިފައިންގައި ޒުވާން ޓީމަށް ވަރުގަދަ މެޗުތަކެއް

27 މާޗް 2015: އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެއާއި އިރާގު ބައްދަލުކުރި މެޗުގެ ތެރެއިން. މެޗުގެ ނަތީޖާ އަކީ ރާއްޖެ 1-7 އިރާގް -- ފޮޓޯ: އެފްއޭއެމް

އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕު ކޮލިފިކޭޝަންގައި ރާއްޖެއަށް އިރާގާއި، އަފްގާނިސްތާން އަދި ބަހްރޭނާއި އެއް ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

އޭއެފްސީން އެންމެ ފަހުން ނެރުނު ޝެޑިއުލުގައިވާ ގޮތުން 23 އަހަރުން ދަށުގެ ކޮލިފައިން ގްރޫޕްގެ މެޗުތައް ރާވާފައި އޮތީ އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. އޭޝިއާގެ 42 ގައުމެއްގެ މެދުގައި އޭއެފްސީން މިއަދު ވަނީ ގުރު ނެގުމަށް ފަހު 11 ގުރޫޕަކަށް ޓީމުތައް ބަހާލައިފަ އެވެ. މި ގުރޫޕުތަކުން އެއްވަނަ ދާ ޓީމަކަށް އޭއެފްސީ ކަޕުގެ ޖާގައެއް ލިބޭ އިރު، ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށް ވެސް މުބާރާތުން ފުރުސަތު ލިބޭނެ އެވެ.

ރާއްޖެ އާއި ލައްވާލި، އިރާގާއި ބަހްރެއިން އަކީ ހުޅަނގު އޭޝިއާ އިން ހުޅަނގުގެ މައި ޒޯނަށް ވަން ޓީމުތަކެވެ. އަފްގާނިސްތާނަކީ އިރުމަތީ އޭޝިއާގެ ޒޯނުން ރާއްޖެއާ ލައްވާލި ޓީމެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭނީ ސީނިއާ ނޭޝަނަލް ޓީމުގެ ހެޑް ކޯޗު މާޓިން ކޫމަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ރެނޭ ހިޑިންކް އެވެ. މިއީ އޭނާ ޒުވާން ޓީމާ ހަވާލުވިފަހުން ގައުމީ ޓީމެއް ގޮވައިގެން ނުކުންނަ ފުރަތަމަ ފަހަރެވެ. އޭނާ ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓުގެ މަގާމު ބަދަލު ކުރި އިރު، ގައުމީ 19، 21 އަދި 23 އަހަރުގެ ޓީމު ވަނީ ބެލެހެއްޓުމަށް ހަވާލުކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގައި ވެސް 23 އަހަރުން ދަށުގެ ޓީމަށް ކުޅެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެހެން ކަމުން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ސާފުގެ މުބާރާތާ އެކު ޒުވާން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް ރަނގަޅު ތަޖުރިބާއެއް ލިބި މުހިއްމު ފަރިތަކުރުންތަކެއް އޭއެފްސީގެ ކުރިން ލިބޭނެ އެވެ.

comment ކޮމެންޓް