ލަލީގާގެ ކާމިޔާބީއަށްފަހު އެތުލެޓިކޯއިން ސިމިއޯނޭގެ ކޮންޓްރެކްޓް އައުކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއެގޯ ސިމިއޯނީ -- ފޮޓޯ: ޑެއިލީޕޯސްޓް

ނިމިގެން ދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ ކާމިޔާބީއަށްފަހު ތަށި އުފުލާލި އެތުލެޓިކޯ މެޑްރިޑުން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭގެ އެއްބަސްވުން އިތުރު ކޮށްފި އެވެ.

މިއަހަރުގެ ޑިސެމްބަރުގައި ކޮންޓްރެކްޓް ހަމަވާ ސިމިއޯނޭ އެތުލެޓިކޯއާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެއަށްފަހު ސްޕެނިޝް ލީގުގެ ގަދަ ތިނެއްގައި އަބަދުވެސް ވާދަކުރަމުން އަންނަ އެ ޓީމުން އަހަރުތަކަކަށްފަހު މިދިޔަ ސީޒަނުގައި ވަނީ ލީގު ތަށި އުފުލާލައިފަ އެވެ. އެއާ އެކު ކުލަބުން ވަނީ ސިމިއޯނޭގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އިތުރު ކޮށްދީފަ އެވެ.

ސިމިއޯނޭގެ ކޯޗު ކަމުގައި މިހާތަނަށް ދެ ފަހަރެއްގެ މަތިން އެތުލެޓިކޯއަށް ލީގު ހޯދައިދީފައިވާ އިރު، ސްޕެނިޝް ލީގު ކަޕު ކޮޕާ ޑެލްރޭއަކާއި ދެ ޔޫރޮޕާ ލީގުގެ ތަށި ހޯދައިދީ ދެފަހަރެެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓީމު ގެންގޮސްދީފައިވެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެފަހަރުގެ މަތިންވެސް ރެއާލް މެޑްރިޑް އަތުން ވަނީ ބަލިވެފަ އެވެ.

ސިމިއޯނޭ 51، މި އަހަރުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓް އިތުރުކުރަން ބޭނުންވާކަމަށް ކުރިން ވެސް ބުނެފައިވާ އިރު، އެތުލެޓިކޯގެ ކުރިމަގަށް ބޮޑެތި ޕްލޭންތަކެއް ހުރިކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. އަދި އެ ޕްލޭންތަކާ އެކު ޓީމުގެ ކާމިޔާބީ އިތުރުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ އެވެ.

"އާޖެންޓީނާގެ ކޯޗު [ޑިއޭގޯ ސިމިއޯނޭ] މި ކުލަބާއި 2011 ވަނަ އަހަރު ގުޅުނު ފަހުން މިކުލަބުން ވަނީ ކާމިޔާބީގެ ފޮނި ދުވަސްތަކެއް ދެކެފައި. އޭގެ ތެރޭގައި އަށް ތަށި ހިމެނޭ. އެއާ އެކު މިދެނީ 2024 ގެ ނިޔަލަށް ސިމިއޯނޭ މިކުލަބާ އެކު މަޑުކުރާނެ ކަމުގެ އުފާވެރި ހަބަރު," އެތުލެޓިކޯ މެޑްރިޑުން ސިމިއޯނޭގެ ކޮންޓްރެކްޓް އައު ކުރިކަން އިއުލާން ކުރުމުގެ ގޮތުން ބުނެފައިވެ އެވެ.

އެތުލެޓިކޯއިން ބުނީ ސިމިއޯނޭއާ އެކު އޭނާގެ ކޯޗިންގް ޓީމަށްވެސް 2024 ގެ ނިޔަލަށް އެއްބަސްވުމެއް ދީފައިވާ ކަމަށެވެ.

ސިމިއޯނޭގެ ކޯޗުކަމުގައި އެތުލެޓިކޯއިން ވަނީ 316 މެޗުން މޮޅުވެފަ އެވެ. އޭނާގެ ކޯޗުކަމުގައި ނުވަފަހަރުގެ މަތިން ޗެމްޕިއަންސް ލީގަށް އެތުލެޓިކޯ ކޮލިފައިވެފައިވާ އިރު، މިދިޔަ ސީޒަނުގެ ލީގު އެ ޓީމުން ނެގީ ބައިކޮޅަށް އެންމެ 25 ގޯލު ވަދެގެންނެވެ.

comment ކޮމެންޓް