ރެއާލުގެ ކާމިޔާބު ކެޕްޓަން ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ސޮއިކޮށްފި

ރެއާލުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ސްކައި ސްޕޯޓްސް

ސްޕެއިނުގެ ރެއާލްމެޑްރިޑަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީ އެކުލަބުގެ ކެޕްޓަންކަން ކުރަމުން އައި ސާޖިއޯ ރާމޯސް ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

ރާމޯސް 35، ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އުމުރުން 19 އަހަރުގައި ރާމޯސް ރެއާލަށް ބަދަލުވިފަހުން އޭނާ މިހާތަނަށް އައީ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް މުޅިން އައު ޗެލެންޗެއް ނަގައި ކުލަބު ބަދަލުކޮށްލަން ރާމޯސް ނިންމީ އެ ޓީމުގައި ތިބި ކުޅުންތެރިންނާ އެކު ޓީމުގެ ކްލަބްގެ މިސްރާބު ވެސް ރަނގަޅުވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑަށް 16 އަހަރު ކުޅުމަށް ފަހު، މިދިޔަ މަހު ކޮންޓްރެކްޓް ހަމަވުމުން ރާމޯސް ނިންމީ ކޮންޓްރެކްޓް އާ ނުކުރުމަށެވެ. ޓީމުން ވަކި ވަމުން ބޭއްވި އަލްވަދާއުގެ ޕްރެސްގައި ރާމޯސް ބުނީ، މުސާރަ ކުޑަ ކޮށްގެންވެސް ރެއާލްއާ އެކު ކުރިއަށްދާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އެކަމަކު ފަހުން އެ އޮފާ ނެތް ކަމަށް އޭނާ ބުންޏެވެ.

ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާއެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. ރެއާލާއެކު 22 ތަށި އުފުލާލި ރާމޯސް ވަނީ އެ ޓީމަށް 101 ގޯލު ޖަހައިފަ އެވެ. އަދި 40 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

"ރާމޯސްއަކީ މި ޖީލުގެ އެންމެ މޮޅު ޑިފެންޑަރު. އޭނާ އަކީ އުފެދުމުގައި ވެސް ލީޑާޝިޕް ހުރި ފުރިހަމަ ކުޅުންތެރިއެއް. އޭނާގެ ތަޖުރިބާއާއި ހުނަރުވެރިކަމަކީ މިކުލަބަށް ނުހަނު ބޭނުންތެރި ކަމެއް. ސަޕޯޓަރުންގެ ފުރިހަމަ މަރުހަބާއެއް ރާމޯސްއަށް ލިބޭނެ." ޕީއެސްޖީގެ ރައީސް ނަސީރު އެލް ޙަލަފީ ވިދާޅުވެފައިވެއެވެ.

ރާމޯސްގެ އިތުުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ވަނީ މިހާތަނަށް ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމްއާއި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ. ވައިނަލްޑަމް ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވިއިރު، އެ ޓީމުން ހަކީމީގެ ސޮއި ހޯދީ އިންޓަ އަށް 70 މިލިއަން ޑޮލަރު ދައްކައިފައެވެ.

comment ކޮމެންޓް