ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި، އެކަމަކު މުބާރާތްތައް ނުބޭއްވޭނެ

ނިއު އިން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގައި ހުރިހާ ބާވަތެއްގެ ކުޅިވަރު ކުޅުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ މިހާރު ހުރި ރިސްޓްރިކްޝަން ތައް އުވާލައި ހުރިހާ ކުޅިވަރެއް ކުޅުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެެ. އޭގެ ތެރޭގައި ކަސްރަތު ކުރުމުގެ ހުއްދަވެސް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެހެންނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން އަދިވެސް ހުއްދައެއް ނުދެވޭ،" މަބްރޫކް ވިދާޅުވިއެވެ.

ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް މުބާރާތްތައް ނުބޭއްވޭ ގޮތައް ނިންމާފައިވަނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ކޮންޓްރޯލު ކުރުމުގެ ގޮތުން ކަަމަށް ބެލެވެއެވެ.

އެގޮތުން މީހުން އެއްވެގެން ބާއްވާ ފިޒިކަލް އިވެންޓުތައް ބޭއްވުމަށްވެސް ސަރުކާރުން ހުއްދަ ދީފައިވަނީ 30 މީހުންނަށްވުރެ މަދު މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ.

ކުޅިވަރު ކުޅުމުގެ ހުއްދަ ދީފައި މިވަނީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ކާފިއު އެއްކޮށް އުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެއާއެކު މާލޭ ސަރަހައްދުގައި ހުރި ސިނަމާތައްވެސް އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން ހުޅުވޭނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް