ޕެޑްރީ އެދެއްކި ކުޅުން އިނިއެސްޓާއާ ވެސް އަޅާ ނުކިޔޭނެ: އެންރީކޭ

ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލެޒް --- ފޮޓޯ/ލައިވްސްކޯ

ސްޕެއިނުގެ އަރަމުން އަންނަ ތަރި ޕެޑްރީ ގޮންޒާލެޒް ރޭ ޔޫރޯ ސެމީ ފައިނަލުގައި ދެއްކި މޮޅު ކުޅުން އެގައުމުގެ ލެޖެންޑް އަންދުރޭޒް އިނިއެސްޓާއާ އަޅާ ކިޔަމުން އޭނާއަށްވެސް އެހާ ޒުވާން އުމުރުގައި އެވަރަށް ނުކުޅެވޭ ކަމަށް ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީގައި ނާކާމިޔާބުވެ ސްޕެއިން މުބާރާތަށް ވަނީ އަލްވަދާއު ކިޔައިފަ އެވެ. މުބާރާތުން ސްޕެއިން ކެޓި ނަމަވެސް މުޅި ދުނިޔޭގެ ކަޅި އެކުޅުންތެރިޔަކަށްޓަކައި ހުއްޓުނު އެއް ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ 18 އަހަރުގެ ޒުވާން ޕެޑްރީ އެވެ. ޑެބިއު ސީޒަނުގައި ވެސް 60 އަށް ވުރެން ގިނަ މެޗު ކުޅުނު ޕެޑްރީގެ ޖާދުލާ އެކު ގިނަބަޔަކު އޭނާއަށް ވަނީ ތައުރީފް ކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަކުން ޕެޑްރީއަށް އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ 2019 ވަނަ އަހަރު އޮކްޓޫބަރު މަހު ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން މި އަހަރުގެ މާޗް 25 ވަނަ ދުވަހު ސްޕެއިންގެ ސީނިއާ ޓީމަށް މެޗެއް ކުޅުމުގެ ކުރިން ޕެޑްރީ ވަނީ ސްޕެއިންގެ 18، 19، 21 އަހަރުން ދަށުގެ ޓީމުތަކަށް ވެސް ކުޅެފަ އެވެ. ޕެޑްރީ އަކީ ދެ އަހަރު ތެރޭ ސްޕެއިންގެ ހަތަރު އުމުރުފުރާ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

ސްޕެއިންގެ ސީނިއާ ޓީމުން ޕެޑްރީ އަށް އަލަށް ފުރުސަތު ދިނުމަށް ފަހު މާޗް މަހު އެންރީކޭ ވަނީ ޕެޑްރީގެ ކުޅުން ބާސެލޯނާ އާއި ސްޕެއިންގެ ލެޖެންޑް އަންދްރެސް އިނިއެސްޓާއާ އެއްގޮތް ކަހަލަ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ.

"ޕެޑްރީ އެންމެ 18 އަހަރުގައި އެ ދެއްކި ކުޅުމަކީ އެ އުމުރުގެ ކުޅުންތެރިޔަކަށް އެފަދަ ބޮޑު މުބާރާތެއްގައި ދެއްކިފައިވާ ކުޅުމެއް ނޫން. އޭނާ ހުސް ދޭތެރެތައް ދެނަގެނެ މެޗުގެ ވާނުވާ ވަރަށް ފަސޭހައި ހޯދި. އިނިއެސްޓާއަށް ވެސް އެވަރަށް ކުޅެވިދާނެކަމާ މެދު ޝައްކު،" ރޭގެ މެޗަށްފަހު އެންރީކޭ ބުނެފައިވެ އެވެ.

ޔޫރޯގައި ސްޕެއިން ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޕެޑްރީއެވެ. މުބާރާތުގައި ސްޕެއިނާއެކު އެންމެ ގިނަ ވަގުތު ދަނޑުމަތީގައި ހޭދަކުރި އެއް ކުޅުންތެރިޔަކީ ޕެޑްރީއެވެ. އޭނާ ވަނީ ގަދަ 16އާ ހަމައަށް ސްޕެއިން މެޗުތަކުގެ ކޮންމެ މިނެޓެއްގައި ކުޅެފައެވެ. ކުއާޓާ ފައިނަލާއި ސެމީފައި އޭނާ ބަދަލުކޮށްފައިވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ދިއުމުގެ ކުރިން އިތުރު ވަގުތުގެ ދެވަނަ ހާފުގައެވެ.

ސްޕެއިންގެ އޮލިމްޕިކް ސްކޮޑުގައި ވެސް ޕެޑްރީ ވަނީ ހިމަނައިފައެވެ. ޔޫރޯއަށް ފަހު އޮލިމްޕިކްސް ފެށިގެންދާ އިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް ވެސް 50 މެޗު ކުޅެދީފައެވެ. އިތުރު ވަގުތަށްދާ ޔޫރޯގެ މެޗުތަކުގައި ޕެޑްރީގެ މޫނުމަތިން ވަރުބަލިކަން ފެނުނު ނަމަވެސް، އޭނާ ބުނާގޮތުގައި އެއްވެސް ވަރުބަލިކަމެއް ނެތެވެ.

comment ކޮމެންޓް