"ޑިޕްލޮމެޓިކް ގުޅުންތަކަށް ބުރޫ ނާރާނޭހެން މީޑިއާ އިން މަސައްކަތް ކުރޭ"

-- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ރާއްޖެއާއި ބޭރުގެ ގައުމުތަކާ ދެމެދު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނޭހެން ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތް ކުރިއަށްގެންދަން ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިފަހަކަށް އައިސް ރާއްޖޭގެ ބައެއް މީޑިއާތަކުން ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ތަކުރާރުކޮށް ޝާއިއުކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ކަމަށެވެ.

އަދި މިފަދަ އަމަލުތަކަކީ ރާއްޖެއާއި ބޭރުގެ އެހެން ގައުމުތަކާ ދެމެދު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް ރައްޔިތުންގެ ހިތްތަކުގައި އެގައުމުތަކާއި ދޭތެރޭ ނަފްރަތު އުފެދެން މެދުވެރިވެދާނޭކަމެއް ކަމުގައި އެ މިނިސްޓްރީއިން ދެކޭކަމަށް އެ ބަޔާނުގައިވެ އެވެ.

މިފަދަ ލިޔުންތައް އަމާޒުވާ ޑިޕްލޮމެޓުންގެ ރައްކާތެރިކަމާއި ސަލާމަތަށް ހުރަސްއެޅި އެބޭފުޅުންގެ ޒިންމާ އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށްވެސް މިފަދަ އަމަލުތަކުގެ ސަބަބުން ހުރަސްއެޅިގެން ހިނގައިދާނެކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި ޑިޕްލޮމެޓުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އަދި ހާއްސަ އިމްތިޔާޒްތަކަކީ 1961 ވަނަ އަހަރު ވުޖޫދަށް ގެނައި ވިއެނާ ކޮންވެންޝަންގައި ކަނޑައަޅާފައިވާ ކަންކަންކަމަށާއި އަދި 'ރިސީވިންގް ސްޓޭޓް' ގެ ހައިސިއްޔަތުން ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެކެވެ.

ވުމާއެކު ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫ ނާރާނެހެން އަދި ވިއެނާ ކޮންވެންޝަން ފަދަ ބައިނަލްއަގްވާމީ ކޮންވެންޝަންތަކާއި އުސޫލުތަކާ ހިލާފްނުވާނޭހެން ރާއްޖޭގެ މީޑިއާތަކުން މަސައްކަތް ކުރުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިނިސްޓްރީއިން މި ބަޔާން ނެރުނީ މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެ ކޮމިޝަނުގެ އިސްވެރިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ގޮތަކަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން އަމަލުކުރާތީވެ އެ މައްސަލަ ބަލައިދިނުމަށް އެދި ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

comment ކޮމެންޓް