ޓީއެމްއޭގެ ހިއްސާދާރުން ބަދަލުވުމާއެކު ކާމިޔާބު ރީސްޓްރަކްޗަރިންގް މަރުހަލާއެއް ނިންމައިފި

ޓީއެމްއޭގެ މަތިންދާބޯޓެއް -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އިން އެ ކުންފުނީގެ އާ ހިއްސާދާރުންނާއެކު ކާމިޔާބު ރީސްޓްރަކްޗަރިންގް މަރުުހަލާއެއް ނިންމައިފިއެވެ.

ޓީއެމްއޭގެ އާ ހިއްސާދާރުންނަކީ ކާލައިލް، ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމެންޓް އަދި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމެންޓްއެވެ. އާ ހިއްސާދާރުންނާއެކު އެ ކުންފުނިން ކުރިޔަށް ގެންދިޔަ ރީސްޓްރަކްޗަރިންގް މަރުހަލާތަކާއެކު ކުންފުނީގެ ބޯޑަށް ބަދަލުތަކެއް އައިސްފައިވާކަމަށް ޓީއެމްއޭއިން ބުންޏެވެ. މި ބަދަލުތަކުގެ އަމާޒަކީ އެ ކުންފުނި މާލީ ގޮތުން އަނެއްކާވެސް ރަނގަޅު ހިސާބަކަށް ގެންގޮސް ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރަން ކަމަށް ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭއިން އިތުރަށް ބުނި ގޮތުގައި މިބަދަލާއެކު އެ ކުންފުނިން ރާއްޖޭގައި ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މިހަރުވެސް އެ ކުންފުނިން އަދާކުރަމުންދާ މުހިންމު ދައުރު ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާކުރަން އަމާޒުހިފާނެ އެ ކުންފުނިން ބުންޏެވެ. ރީސްޓްރަކްޗަރިންގް ކުރިޔަށް ދިޔައީ ޓީއެމްއޭގެ ކުރީގެ ހިއްސާދާރުންގެ އެއްބާރުލުމާއެކު ކަމަށް އެކުންފުނިން ބުންޏެވެ.

ޓީއެމްއޭއިން ބުނި ގޮތުގައި ރީސްޓްރަކްޗަރިންގް މަސައްކަތާއެކު އާ ބޯޑް އޮފް ޑިރެކްޓާޒްގައި ޓީއެމްއޭގެ އެއް ބާނީކަމުގައިވާ ލާސް އެރިކް ނީލްސަން ހިމެނޭނެއެވެ. ނީލްސަން ބޯޑުގައި އިންނާނީ އާ ހިއްސާދާރުންގެ ފަރާތުންނާއި ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުންނެވެ.

ޓީއެމްއޭއިން ބުނިގޮތުގައި ރީސްޓްރަކްޗަރިންގްގެ ދަށުން ކުންފުނީގެ މެނޭޖްމެންޓަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެހެންނަމަވެސް ކުންފުނީގެ މާލީތަފާސްހިސާބުތަކުގެ އެއްވެސް ތަފްސީލެއް ކުންފުނިން ހާމައެއް ނުކުރެއެވެ.

ކާލައިލް ގްލޯބަލް ކްރެޑިޓްގެ މެނޭޖިންގް ޑިރެކްޓަރު ކްރިސްޓިއަން ޝްމިޑްޓް މި ބަދަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ޓީއެމްއޭ އަކީ ވަރުގަދަ އޮޕަރޭޝަނެއް އޮތް ކުންފުންޏެއްކަމަށާއި އަދި ތަޖުރިބާކާރު މެނޭޖްމެންޓް ޓީމެއް އޮތް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކުންފުންޏެއްކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން ކުންފުނި އަބުރާ ކުރިއަރަން ބޭނުންވާ ކެޕިޓަލް އަދި އެހީތެރިކަން ފޯރުކޮށްދެވޭތީ. މިކަން ކުރާއިރު ކުންފުނީގެ ކަސްޓަމަރުންނާއި މުއައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން މެނޭޖްމެންޓާއި އާ ހިއްސާދާރުންވެސް. އަދި އިންޑަސްޓްރީގެ އިސް ހަރުފަތުގައިވާ ޕްރޮޓޮކޯލްތައް ބޭނުންކޮށްގެން ޓީއެމްއޭގެ އޮޕަރޭޝަންސްތަކުގައި ހަރަކާތްތެރިވާ އެންމެންގެ ފައިދާއަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން،"

ކިންގް ސްޓްރީޓްގެ މެނޭޖިންގް ޑިރެކްޓަރު ޒެކަރީ ލިވިސް ވިދާޅުވީ "އަޅުގަނޑުމެންނަށް އޭވިއޭޝަންސް ދާއިރާގެ އެކި ކުންފުނިތަކާއެކު ކުރިން ކުރެވިފައި ހުރި މަސައްކަތުން ލިބުނު ފުން ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅު ހިސާބެއްގައި، ކުންފުނި އަބުރާ ވަރުގަދަ ރިކަވަރީއަކަށް ގެންދިޔުމަށާއި ކުންފުނި ކުރިއެރުވުމުގައި ދެން ކުރިޔަށް އޮތް މަރުހަލާއަށް ދިޔުމަށް، އަޅުގަނޑުމެންގެ ޕާޓްނާޒް ކާލައިލް އަދި ޑޭވިޑްސަން ކެމްޕްނާއާއެކު".

comment ކޮމެންޓް