ހަބީބުގެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު: ފުރައްސާއިގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއީލް ހަބީބު, އެ ކޮމިޝަންގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ އެނާގެ މައްޗަށް ސާބިތު ނުވާ ކަމަށް, އެ ކޮމިޝަނުގެ އެންޓި ހެރަސްމަންޓް ކޮމިޓީން ނިންމައިފި އެވެ.

އެންޓި ހެރެސްމަންޓް ކޮމިޓީގެ ނިންމުން މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

ހަބީބު, މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ އާއި ބިރު ދައްކާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުރަތަމަ ހުށަހެޅީ, މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

މިދިޔަ މާޗު މަހު ހަވަނަ ދުވަހު މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު, ކޮމިޓީން އޭރު ނިންމީ އީސީގެ އެންޓި ހެރަސްމަންޓް ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށެވެ. އަދި އެންޓި ހެރަސްމަންޓް ކޮމިޓީން އެކަން ބެލުމަށްފަހު, މަޖިލީހަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވެ އެވެ.

"ސަން"އަށް އެކި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި, އީސީގެ އެންޓި ހެރެސްމަންޓް ކޮމިޓީން ނިންމާފައި ވަނީ ހަބީބުގެ މައްޗަށް ފުރައްސާރައިގެ މައްސަލަ ސާބިތުވާވަރަށް ހެއްކެއް ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅުން ހުރި ފަރާތަކުން މިއަދު "ސަން"އަށް ބުނީ, ހުށަހެޅި ހެއްކާއި ލިބުނު މައުލޫމާތުގެ މައްޗަށް ބަލާއިރު, ހަބީބުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ މަހު ފަހުކޮޅު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ފުއާދު ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ, ކޮމިޓީގެ ނިންމުމެއް ކޮމިޝަންގެ އެއްވެސް މެމްބަރަކަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މަޖިލީހަށް ފޮނުވާފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ކުރީގެ ރައީސް [އަހްމަދު ޝަރީފު] އިސްތިއުފާ ދެއްވުމުގެ ކުރިން އެ މައްސަލަ ވަނީ މަޖިލިހަށް ފޮނުވާފައި. ކޮމިޝަންގެ އެއްވެސް މެމްބަރެއް އެ މައްސަލަ ބެލުމުގައި ނުހިމެނޭ," ފުއާދު ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް ކަމުން ޝަރީފު އިސްތިއުފާ ދެއްވީ މިމަހު 15 ވަނަ ދުވަހު އެވެ.

އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދު ބައިވެރިވެވަޑައިގަންނަވަނީ: އީސީގެ ކޮމިޓީން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މަޖިލީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުއާދު ވިދާޅުވިގޮތުގައި, އޭރު ކޮމިޝަންގެ ރައީސް ނިންމާފައި އޮތީ ކޮމިޝަންގެ މެމްބަރުނަށް ރިޕޯޓު ނާރުވާ, ކޮމިޓީން ނިންމި ގޮތަށް އުނި އިތުރެއް ނުގެނެސް މަޖިލީހަށް ފޮނުވަން ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު, އައްޑު މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ, އެ މައްސަލަ މަޖިލީހަށް ފޮނުވާފައިވާކަން އީސީން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައާ ގުޅޭ ބައްދަލުވުމެއް އަދި ތާވަލް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަބަރަށް ކޮމެންޓެއް ހޯދުމަށް ހަބީބަށް ގުޅުމުން އަދި މެސެޖް ކުރުމުން ޖަވާބެއް ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް ހަބީބު މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މާޗު މަހު ހަވަނަ ދުވަހު ކޮމިޝަންގެ ދެ މުވައްޒަފަކު މަޖިލިހަށް ހުށަހެޅި މައްސަލައިގައި ހަބީބަށް ސިރިއަސް ތުހުމަތުތަކެއްކޮށްފައިވެއެވެ. އެގޮތުން މުވައްޒަފުން ހެދުން އަޅާ ގޮތާއި, އަންހެން މުވައްޒަފުންނާއި ބޭއަދަބީ ގޮތުން ވާހަކަ ދެއްކުމާއި, ކޮމިޝަންގެ ސިއްރުތައް ސިޔާސީ ފަރާތްތަކަަށް ދޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

"ގާނޫނުން ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ މިނިވަންކަމާއި ނަޒާހަތްތެރިކަމުގެ ހަމަތައް ހިިފަހައްޓަން ޖެހޭކަމަށް ބަޔާންކޮށްފައިވީނަމަވެސް، ހަބީބުގެ ފަރާތުން ފެންނަމުންދާ އަމަލުތަކަކީ، ނަޒާހަތްތެެރިކަމާ ހިލާފު އަމަލުތަކަކެއް،" ހަ ސޮފްހާގެ ސީޓީގައި ބުނެފައިވެއެވެ.

ހަބީބަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވި އިރު, އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް އޭސީސީއަށް މިދިޔަ މާޗު މަހު ހުށަހެޅުނެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައަކީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެކެވެ. އެ ތުހުމަތުތައްވެސް ހަބީބު ވަނީ މީގެ ކުރިން ދޮގުކުރައްވާފަ އެވެ.

comment ކޮމެންޓް