އެޗްޑީސީން މުޅި ހުޅުމާލޭގައި ސީސީޓީވީ ނެޓްވޯކެއް ގާއިމުކުރަނީ

ހުޅުމާލެ -- ފޮޓޯ/ އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ހުރިހާ ސަރަހައްދެއް ހިމެނޭގޮތަށް ސީސީޓީވީ ނެޓުވޯކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެ ކޯޕަރޭޝަނުން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މުޅި ހުޅުމާލޭގެ މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާ ތަނެއް ހިމެނޭ ގޮތަށް ސީސީޓީވީ ވިއުގައެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީން ބުނީއެ ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައި ކަމަށެވެ.

ކުރިމަގުގައި ގްރޭޓާ މާލޭގެ އެހެން ސަރަހައްދުތައްވެސް އެ ވިއުގައިން ގުޅާލުމަށް ހަމަޖެހިފައިވާއިރު، އެ މަޝްރޫއު ފަށާނީ ހުޅުމާލެ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެއައްފަހު ހުޅުމާލޭގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭނަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެ ކަމަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން އެ ސަރަހައްދުގައި ވެސް ސީސީޓީވީ ވިއުގައެއް ގާއިމުކުރާނެ އެވެ.

ސީސީޓީވީގެ އިތުރުން ގާއިމުކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެ، ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެ އެވެ.

އެޗްޑިސީން ބުނީ ވީޑިއޯ ސަވެއިލަންސްގެ އެހީގައި ހުޅުމާލޭގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެ ކަމަށެވެ.

އެޗްޑީސީން އުންމީދުކުރަނީ ރައްކާތެރި މާހައުލެއް އޮތް، އަބަދު ފުލުހުން ފޯރިމަރަން ނުޖެހޭ މުޖުތަމައުއެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.

comment ކޮމެންޓް