ޖިމްތައް ހުޅުވަން ހުއްދަދީ، ކާފިއު ވަގުތަށް ބަދަލެއް

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ވަކި ގަޑިތަކެއްގައި ޖިމްތައް ހުޅުވަން ހުއްދަދީ، ކާފިއު ވަގުތަށް ބަދަލު ގެނެސްފި އެވެ.

މާލޭގައި ވަކި ގަޑިތަކެއްގައި ޖިމްތައް ހުޅުވަން ހުއްދަދީ، ކާފިއު ވަގުތަށް ބަދަލު ގެނެސްފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޒަރޫރީ ބޭނުންތައް ފުއްދަން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ކާފިއު ހިންގާ ވަގުތު 10 ގަޑިއިރަށް ކުރުކޮށްފައިވާ ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު ދެން ކާފިއު ހިންގާނީ ހަވީރު 6:00އިން ފަތިހު 4:00އާ ހަމައަށެވެ. އެ ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާ އެވެ.

ވިޔަފާރި ކުރުމަށާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް އިތުރު ދެ ގަޑިއިރު ދިން ނަމަވެސް، ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ މިހާރެކޭވެސް އެއްފަދައިން ޕާމިޓާއެކު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކާފިއު ވަގުތުތަކަށް ބަދަލު ގެނައި ނަމަވެސް އިތުރު ޕާމިޓެއް ނަގަން ނުޖެހޭނެ ކަމަށާއި މެންދުރު 12:00އިން ހަވީރު 4:00އާ ހަމައަށް ބޭރަށް ނިކުމެވޭ ގޮތަށް މިހާރު ދޫކޮށްފައި އޮންނަ ހައުސްހޯލްޑް ޕާމިޓާއެކު ދެން ހަވީރު 6:00އާ ހަމައަށް ބޭރަށް ނިކުމެ ވިޔަފާރި ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ބަދަލާއެކު ކެފޭ، ރެސްޓޯރެންޓްތަކުން ޓެކްއަވޭ ނެގުމުގެ ހިދުމަތް ވެސް ހަވީރު 6:00އާ ހަމައަށް ހޯދޭނެ އެވެ.

މި މަހު 15އިން ފެށިގެން މިއަދާ ހަމައަށް ކާފިއު ހިންގަމުން އައިސްފައިވަނީ ހަވީރު 4:00އިން ފަތިހު 4:00 އަށެވެ. އަދި އެކަނި ކަސްރަތުތަކަށް ފަތިހު 4:00އިން ހެނދުނު 8:00 ނިކުމެވޭ ގޮތަށް ވެސް އެ ތާރީހުން ފެށީގެން ލުޔެއް ދިނެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން ޖިމްތައް ހުޅުވަން ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. ޖިމްތައް ހުޅުވަން ހުއްދަ ދީފައިވަނީ ފަތިހު 5:00އިން ހަވީރު 6:00އާ ހަމައަށެވެ.

ޖިމްތައް އޮޕަރޭޓް ކުރަން ހުއްދަ ދެވޭނީ ކޮވިޑް19އިން ދުރުހެލިވުމަށް އެޗްޕީއޭއިން އަންގާފައިވާ ގޮތްތަކަށް އެ ޖިމްއަކުން އަމަލުކުރާނެ ގޮތުގެ ސާވިސް ޕްލޭނެއް ހުށަހަޅައިގެންނެވެ. އަދި އެއަށްފަހު އެ ޖިމްތައް އިންސްޕެކްޓް ކުރުމަށްފަހު ހުއްދަ ދެވޭނެ ކަމަށާއި ހުއްދަ ދޫކުރާ ޖިމްތަކުން އޮޕަރޭޓު ކުރަން ވާނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

comment ކޮމެންޓް