ކޮވިޑް ކޭސްތައް 200އަށް ތިރިވެއްޖެ

ކޮވިޑް ޖެހުނު މީހުންގެ އަދަދު 200ގެ އަދަދުތަކަށް ތިރިވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑި އިރު ނެގި 4,600އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވެފައި ވަނީ 224 އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންނާ އަޅާ ބަލާއިރު, 148 ކޭސްގެ ދަށްވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ, 372 މީހެކެވެ

މިދިޔަ އެޕްރީލް މަހު ފެށިގެން ކޭސްތައް މައްޗަށް ދިޔަ ފަހުން މިއީ ކޮވިޑްގެ އަދަދުތައް މިހާރު ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޕްރީލް 22ވަނަ ދުވަހު ޕޮޒިޓިވްވި 258 މީހުންނާއެކު, އޭގެ ފަހުން ރާއްޖޭގެ ކޭސްތައް ދިޔައީ މައްޗަށެވެ,

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ, މާލެ ސީޓީން ޕޮޒިޓިވްވި 111 މީހަކާއި ރަށްތަކުން ޕޮޒިޓިވްވި 105 މީހެކެވެ. އޭގެ އިތުރުން ރިސޯޓުތަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މިހާތަނަށް 70,897 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 62,500 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ, 8,155 މީހުންނެވެ.

ބަލީގައި މިހާތަނަށް ޖުމްލަ 198 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އާއި މިއަދު ކޮވިޑް ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ.

ކޭސްތައް މިހާރު ދަށްވާން ފަށާފައިވާއިރު, މިދިޔަ މަހު 26 އިން ފެށިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި މިއަދު ވަނީ ބައެއް ލުއިތަކެއް އެ ފިޔަވަޅުތަކަށް ދީފައެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު 4:00އިން ފަތިހު 4:00އަށް ވަނީ ކުރުކޮށްފައެވެ. އަދި ފަތިހު 4:00އިން ފެށިގެން ހެނދުނު 8:00އަށް ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ނުކުތުމުގެ ހުއްދަ ވަނީ ދިފައެވެ. އޭގެ އިތުރުން މިސްކިތްތަް ހުޅުވަން ނިންމައި, އެކަނި މިސްކިތުގައި ނަމާދު ކުރެވޭ ގޮތަށް ހެދުމަށްވެސް އެޗްޕީއޭއިން މިއަދު ވަނީ ނިންމާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް