ޔޫރޯ 2020: ފަހަތުން އަރައި ސްވިޒަލެންޑް އަތުން ވޭލްސްއަށް ޕޮއިންޓެއް

ވޭލްސްއާއި ސްވިޒަލޭންޑް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ގެޓީ އިމޭޖެސް

އިއްޔެ ފެށި ޔޫއެފާ ޔޫރޯ 2020 ގެ ދެވަނަ މެޗުގައި މިއަދު ސްވިޒަލެންޑާއި ވޭލްސް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މިއީ ވޭލްސް އާއި ސްވިޒަލެންޑް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު މިރޭ އެއްވަރުވިއިރު، ކުރިން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ސްވިޒަލެންޑް މޮޅުވިއިރު، ވޭލްސް އަށް ލިބުނީ ދެ މޮޅެވެ.

ގުރޫޕްގެ އޭގެ ފުރަތަމަ މެޗުގައި އަދި މި މުބާރާތް ހުޅުވި މެޗުގައި ރޭ ބައްދަލުކުރީ އިޓަލީ އާއި ތުރުކީ އެވެ. ރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ، ތިން ޕޮއިންޓް ހޯދީ އިޓަލީ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅުނީ މިދިޔަ ޔޫރޯގެ ސެމީއަށް ދަތުރު ކުރި ވޭލްސްއެވެ. އެގޮތުން މެޗުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޑެނިއަލް ޖޭމްސް ނަގައިދިން ހުރަހަކުން ކެއިފާ މޯ ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެެވެ.

ފުރަތަމަ ހާފުގެ މެދަކާ ހަމައިން ސްވިޒަލޭންޑުން ކުޅުން ރަނގަޅުކުރި އިރު، ރްޑަން ޝަގީރީ ނަގައިދިން ކޯނަރަކުން ފަބިއަން ޝެއާ ފޮނުވާލި ބޯޅަ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ.

ހަމަހަމަ ކުޅުމެއް ކުޅެމުން ދަނިކޮށް ދެވަނަ ހާފު ފެށިތާ ގިނަ އިރުތަކެއް ނުވަނީސް ސްވިޒަލެންޑް އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ބްރީލް އެމްބޯލޯ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ޝަގީރީ ނަގައިދިން ކޯނަރަކުން އެމްބޯލޯ މި ގޯލު ޖެހީ ބޮލުންނެވެ.

އެއަށްފަހު ޓީމު ކުރިއަށް ޖައްސައިގެން ވޭލްސްއިން ކުޅުން ފެށި އިރު، އެ ޓީމަށް ގޯލް ޖަހައިދިނީ މެޗުގެ 74 ވަނަ މިނެޓުގައި ކިއެފާ މޯއާ އެެވެ. ޖޯ މޮރެލް ނަގައިިދިން ހުރަހަކުން މޯ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ ހުއްޓުވަން ކީޕަރު ސޮމާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

comment ކޮމެންޓް