މުޒާހަރާ ރޫޅާލަން ނުބައްދަލު ބާރު ބޭނުންކުރި ފުލުހުންނަށް އަދި ފިޔަވަޅެއް ނާޅާ

މެއި 1، 2021: ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް މެއި މަހުގެ އެއްވަނަ ދުވަހު ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ނަހަމަ ބާރުގެ ބޭނުންކޮށްފައިވާ މައްސަލައިގައި އަދި ފިޔަވަޅު އަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.

އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ މޫނަށް އަމާޒުކޮށް، ކްލޯޒް ރޭންޖުގައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ވަނީ ޖަހައިފަ އެވެ. މުޒާހަރާގައި ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުކުރި އެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރިގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކޮމިޓީން މައްސަލަ ބަލައި ގޮތެއް ނިމެންދެން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން ދުރުކޮށްފައިވާ ކަމަށެވެ.

އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާއިރު، މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވޭތޯ ސާފުކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލަށް ލިޔުމުން ޖަވާބުދެއްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ރޭގެ މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި 10 ފުލުހަކު ހަރަކާތްތެރިވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި އެއް މައްސަލައާ މެދު ގޮތް ނިންމުމުގެ މަސައްކަތް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ކުރަމުން އަންނަ ކަމަށެވެ.

އެ ރޭ ފުލުހުންގެ ޔުނިފޯމް އަޅައިގެންތިބީ ފުލުހުންގެ ގާނޫނުގެ ދަށުން، ސާވިސް ނަންބަރު ފެންނަ ގޮތަށްތޯ އާއި މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ އެކަމާގުޅޭ އެކަށީގެންވާ ޓްރެއިނިންގް ލިބިފައިވާ ފުލުހުންތޯ ވެސް މީކާއީލް ސުވާލުކުރެއްވި އެވެ.

"މި އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާ އެއްގޮތަށް، ސާވިސް ނަންބަރު ފެންނަ ގޮތަށް ކަމުގައި ދަންނަވަމެވެ." މިނިސްޓަރުގެ ސިޓީގައިވެ އެވެ.

އޭގެ އިތުރުން މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ކުއިކް ރިއެކްޝަން ޓީމުގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން އަށް ފުލުހުންނަކީ ޕަބްލިކް އޯޑާ ތަމްރީނު ފުރިހަމަކޮށްފައިވާ ފުލުހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަނެއް ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ޕަބްލިކް އޯޑާ ޓްރެއިނިން ހަދާފައި ނުވި ނަމަވެސް، ޓީމު ލީޑު ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ފުލުހެއް ކަމަށާއި އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓްމަންޓް ކޯސް ފުރިހަމަަކޮށްފައި ނުވާ ފުލުހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް