ކުއްޖާ މަރުވުން: އެމްބިއުލާންސް ދިޔައީ ދެ ގަޑިއިރު ފަހުން، ތަހުގީގެއް ފަށައިފި

ކޮވިޑްގައި ރޭ މަރުވި ކުޑަ ކުއްޖާގެ ހާލު ގޯސްވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހޮޓްލައިނަށް ގުޅުމުން އެމްބިއުލާންސް އެއް ފޮނުވުނީ ދެ ގަޑިއިއަރަށް ވުރެ ގިނައިރު ވީ ފަހުން ކަމަށް އާއިލާއިން ބުނެފި އެވެ.

އުމުރުން 10 އަހަރުގެ އެކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ވަނީ އެނގިފަ އެވެ. އެކުއްޖާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ.

އެކުއްޖާގެ އާއިލާގެ ފަރާތުން ބުނެފައި ވަނީ، ހުން ގަދަވި ނަމަވެސް އިއްޔެއާ ހަމައަށް ވެސް ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ރޭ ނޭވާލާން އުނދަގޫވާންފެެށި ކަމަށާއި ނޭފަތުން ލޭ އަންނަން ފެށި ކަމަށެވެ.

އެއާ އެކު، ގަޑިން 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން އެޗްޕީއޭ އަށާއި އައިޖީއެމްއެޗް އަށް ގުޅި ކަމަށާއި އަދި 1676 އަށް ވެސް ގުޅަމުން ދިޔަ ކަމަށެވެ.

"1676 އިން ތަކުރާރުކޮށް ބުނަމުން ދިޔައީ އެއް ވާހަކައެއް. މެޑިކަލް ޓީމަށް މައުލޫމާތު ދީފީމޭ، އިރުކޮޅަކުން ދާނެ އޭ،" އާއިލާގެ ފަރާތުން ބުނެފައިވެ އެވެ.

"އެކަމަކު އެމްބިއުލާންސް އައީ 11:40ގައި. އޭރު ކުއްޖާގެ ވިންދެއް ނެތް،"

އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އައިޖީއެމްއެޗް އިން އެމްބިއުލާންސް ފޮނުވައިދޭން ދެކޮޅު ހެދީ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ ކަމަށެވެ.

ތަހުގީގު ފަށައި، އެމްބިއުލާންސް ފޮނުވާ އުސޫލަށް ބަދަލެއް!

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، އެމްބިއުލާނސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

comment ކޮމެންޓް