އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިން މަޝްރޫއު އިފްތިތާޙްކޮށްފި

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)އިން ދަނޑުވެރިކަން ފަށަން އެހީތެރިކަން ފޯރުކޮށްދޭ "ކޮންޓްރެކްޓް ފާމިން" މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ޔޫއެންޑީޕީ މޯލްޑިވްސްއާއި އިކޮނޮމިކް މިނިސްޓްރީ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ގޮތަށް އިންތިޒާމްކޮށްފައިވާ ކޮންޓްރެކްޓް ފާމިން މަޝްރޫޢު އިފްތިތާހު ކުރީ މިއަދު މެންދުރު ޒޫމް މެދުވެރިކޮށް ބޭއްވި އޮންލައިން ޖަލްސާއެއްގަ އެވެ. އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އެވެ.

އެގްރޯނެޓުން ބުނީ އަލަށް ފެށީ އެ މަޝްރޫއު މި ވަގުތު 45 ރަށަކަށް އަމާޒުކޮށްފައިވީ ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިންތިޒާމު ކުރެވޭ ދަނޑުވެރިކަމެއް ތައާރަފު ކުރުމަކީ އަމާޒެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެގްރޯނެޓުން ގަނެ، ބާޒާރުގައި ވިއްކުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ އެވެ. މިއާއެކު ޒަމާނުންސުރެ ރާއްޖޭގެ ދަނޑުވެރިން ތަހައްމަލު ކުރަމުންދާ މާކެޓު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން އެގްރޯނެޓުން ބުނީ މި މަޝްރޫއު ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި ދަނޑުވެރިންނާއެކު މަޝްވަރާކޮށް، ދަނޑުވެރިން ތަމްރީންކުރުމުގެ އިތުރުން ކުރޮޕް ރަޖިސްޓަރީ ކުރުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ލ. އަތޮޅާއި އެހެނިހެން ރަށް ރަށުގެ 400އަށް ވުރެ ގިނަ ދަނޑުވެރިންނާއެކު ޢަމަލީ މަސައްކަތް ފެށި، ޖުމްލަ 1500 ދަނޑުވެރިޔަކު އެ ޕުރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އިތުރު 779 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެގްރޯނެޓުން ބުނެ އެވެ.

އެގްރޯނެޓުން ބުނީ މި މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ދަނޑުވެރިކަމާ ގުޅޭ އިލްމީ ދިރާސާތަކަށް މަގުފަހި ވެގެންދާނެ ޕުރޮގުރާމެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް މަންފާ ލިބޭނެ ގޮތަކަށް ކޮންސެޕްޓް ބައްޓަން ކުރުމުގެ ގޮތުން މަޝްރޫއުގެ 40 ޕަސެންޓު އަންހެނުންނަށް އަދި 20 ޕަސެންޓު ޒުވާނުންނަށް ހާއްސަކޮށްފައިވާ ކަމަށް ބުނެ އެވެ.'

މީގެ ރަނގަޅު ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށާއި އެގޮތުން މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރި ދަނޑުވެރިންގެ 49 ޕަސެންޓު ދަނޑުވެރިންނަކީ އަންހެނުން ކަމަށް އެގްރޯނެޓުން ފާހަގަކުރެ އެވެ.

comment ކޮމެންޓް