މިނީބަހުގެ ހިދުމަތް ފަށަން އެކަށީގެންވާ ބަޖެޓެއް ނެތް، ހިލޭ އެހީ ލިބޭތޯ ބަލަނީ: މިނިސްޓަރު ނަހުލާ

ޑިސެމްބަރު 15، 2019: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވަނީ، އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށާއި ހިލޭ އެހީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ މިނީބަހުގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށްވުމާއެކު އެ ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ކާމިޔާބުވެފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ ހިދުމަތް ފަށައިގަތުމަށް ބޭނުންވާވަރުގެ ބަޖެޓެއް އަދިވެސް ލިބިފައިނުވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. އެ މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ ވެސް ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"އޭގެ ފަހުގައި އަޅުގަނޑުމެންނަށް މިއަހަރު ލިބުނު ބަޖެޓުގެ ތެރެއިން ކޮންމެވެސް ވަރެއް އެކަމަށް ކަނޑައެޅުނު. އެއީ 16 މިލިއަން ރުފިޔާ. އެކަމަކު 16 މިލިއަން ރުފިޔާއިން ދެ ބަސް ނުވަތަ ތިން ބަސް ގަނެގެން މި ހިދުމަތް ނުފެއްޓޭނެތީ އެބަޖެޓު ހުރި ގޮތަށް ބަހައްޓާފައި، ހިލޭ އެހީގެ ދަށުން އެއްވެސް ފަރާތަކުން އިތުރަށް އިނާޔަތެއް ލިބޭތޯ މަސައްކަތް ކުރަމުންދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަސައްކަތް ފަށައިގަތްއިރު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީއެއް ލިބޭތޯވެސް ބެލި ކަމަށާއި ނަމަވެސް އެކަންވެސް ކާމިޔާބުވެފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރަތަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެހީ ލިބޭނެ މަގެއް އޮތްތޯ ސިޓީއަކުން ވާނީ ދަންނަވާފައި. އެބޭފުޅުންވެސް މަސައްކަތް ކުރަމުން ގެންދަވަނީ އެހެން ނަމަވެސް އަދިވެސް މިއަދާ ހަމައަށް އަލިމަގެއް ފެނިފައިނުވޭ. ޔޫއެންއަށް ހުށަހަޅައިގެން އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރަން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޑިއަން އެއިޑްއަށް ހުށަހަޅައިގެން މިނީބަސް ލިބޭތޯވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިލެކްޓްރިކް ބަސްތަކެއް ހޯދަން ބޭނުންވަނީ. ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ހޯދަން މަސައްކަތް ކުރަމުންދަނީ އެކަމަކު އެއްވެސް ފަރާތަކުން އެދެވޭ ޖަވާބެއް ނުލިބޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވެފައިވަނީ ފައިސާގެ ދަތިކަން ހުރުމުން ކަމަށް މީގެ ކުރިން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ހިދުމަތް ފަށަން ކުރިން ރާވާފައި އޮތީ ހުސްވި 2020ވަނަ އަހަރުގަ އެވެ. އެކަން ކުރުމަށްޓަކައި 2019ވަނަ އަހަރު އެމްޓީސީސީއާއެކު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަސްޓަމައިޒްކޮށްފައިވާ ބަސްތަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދި ކަމަށާއި ނަމަވެސް އެ ބަސްތައް ނުގެނެވުނީ ފައިސާގެ ދަތިކަން ހުރުމުން ކަމަށް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް