އިސްމާއިލް ފަތުހީ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއީލް ފަތުހީ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި، ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހި ކޮވިޑު ބަލީގައި މިއަދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިސްމާއިލް ފަތުހީ މިއަދު އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ. އެމަނިކުފާނު ވަނީ 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.

އިސްމާއިފް ފަތުހީގެ އާއިލާ އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ އެ ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި އިސްމާއިލް ފަތުހީ އަކީ ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަ، އިސްމާއިލް ފަތުހީ އަށް 2019 ވަނަ އަހަރު ވަނީ ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް އަރުވައިފަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލް ކަން ކުރެއްވި އިސްމާއިލް ފަތުހީ ވަނީ 1993 ނޮވެމްބަރުން ފެށިގެން 2008 ގެ ޖެނުއަރީ 16ގެ ނިޔަލަށް އެ މަގާމު އަދާކުރައްވައިފައެވެ. އޭނާ އަކީ ރާއްޖޭގެ އެކައުންޓިން ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅެކެވެ.

އިސްމާއިލް ފަތުހީގެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމާއި ރާއްޖޭގައި ބުކްކީޕިންގް ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމުގެ އިތުރުން އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްތައް ކުރާ ފަރާތްތައް މާލެއަށް ގެނެސް، ތަމްރީނު ދެއްވުން ހިމެނެ އެވެ.

އޭނާ ވަނީ ދިވެހި މަރުކަޒީ ބޭންކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކު، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި އިސްމާއިލް ފަތުހީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އިސްމާއިލް ފަތުހީ އަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެން ނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްގީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޑިރެކްޓާ އޮފް ފިނޭންސްގެ މަގާމުގެ އިތުރުން، މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް ކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.

ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމަށް 16 ޖެނުއަރީ 2008 ގައި އިސްމާއިލް ފަތުހީ ހަމަޖެއްސެވިއިރު، ހުންނެވީ އޮޑިޓާ ޖެނެރަލް އަދި މިނިސްޓާ އޮފް ސްޓޭޓް ކަމުގެ މަގާމުގައެވެ.

ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި ވެސް އިސްމާޢީލް ފަތުހީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.

އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތްވެސް ދައުލަތުން އަރުވާފައެވެ.

comment ކޮމެންޓް