އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރުކަމަށް މުހައްމަދު ޝަރީފް

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، ހ. ޔެލޯރޯޒް، މުހައްމަދު ޝަރީފު މިއަދު އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ޝަރީފް ކުރިން ހުންނެވީ މިހާރު އުވާލާފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

މުހައްމަދު ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގް ވިތު މެނޭޖްމަންޓް އިން މާސްޓާސް އޮފް އިންޖިނިއަރިން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މުހައްމަދު ޝަރީފް ގެންދަވަނީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްސީލުކުރައްވަމުންނެވެ. އޭގެ އިތުރުން މުހައްމަދު ޝަރީފަކީ ވަރަށް ގިނަ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ސައިރެކްސް ކޮލެޖުގެ ރެކްޓާގެ މަގާމުފަދަ މަގާމުތައް ޝަރީފު ވަނީ ފުރުއްވާފައެވެ.

މި ސަރުކާރުގައި އަލަށް އުފެއްދި ޓެކް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކުރީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އަށެވެ. އެއާއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް