އިންޓެލިޖެންސް އޮޑިޓް ހިންގަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ސެކެޓްރީ އައިޝަތު ނޫޝީން ވަހީދު ---- ފޮޓޯ/ އޮބްޒާވާ ރިސާޗް ފައުންޑޭޝަން

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހަދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައި ހަމަލާއެއް ދީފައިވާ އިރު، އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

އެ ހަމަލާއަށް ފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސް ވަނީ ހަތަރު މެންބަރުންގެ ކޮމިޓީއެއް މިދިޔަ އަންގާރަ ދުވަހު އެކުލަވާލާފަ އެވެ.

އެ ކޮމިޓީގެ މަސައްކަތްތައް ފަށާފައިވާއިރު، ކޮމިޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާ ބެހޭ އިދާރާތަކުން ދެމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެ އޮފީހުގެ އިސްވެރިއަކަށް އާއިޝަތު ނޫޝީން ވަހީދު ވަނީ ހަމަޖައްސައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

އޭގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމިޓީގެ މަސައްކަތްތައް ނިމުމުން ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސްއަށް ފޮނުވުމަށްވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް