އިތުރު ހަފްތާއަކަށް މާލޭގައި ނަމާދުގެ ޖަމާއަތް ނުހަދާނެ

އޭޕްރީލް 16، 2021: ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރަން ނިންމައި އެޅި ފިޔަވަޅު އިތުރު ހަފްތާއަކަށް ދަމަހައްޓައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ވަނީ މީގެ ކުރިން މި މަހުގެ 12އިން ފެށިގެން ހަފްތާއަކަށް ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު ޖަމާއަތުގައި ނުކުރުމަށް ނިންމައިފަ އެވެ.

މިހާރު އެ ފިޔަވަޅު ވަނީ އިތުރު ހަފްތާއަކަށް އުތުރުކޮށްފަ އެވެ. އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް ކޮންޓްރޯލު ކުރުމުގެ ގޮތުން މިރޭގެ ފަތިސްނަމާދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ، އިސްލާމީ ފަތުވާދޭ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިޔަސް ގޭގައި ފަރުޟު އަދި ސުންނަތް ނަމާދުތައް ކުރުމަށާއި، ގުރުއާން ކިޔަވައި ގިނަ ގިނައިން ދުއާ ކުރަން މިނިސްޓްރީއިން ރައްޔިތުންނަށް ނަސޭހަތްތެރިވި އެވެ.

މިދިޔަ އަހަރު މާލޭގައި ކޮވިޑް ފެތުރޭތީ ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި އެވެ.

މި ފަހުންވެސް ގައިދުރުކޮށް ނަމާދު ކުރަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ފިޔަވަޅު އެޅި އެވެ. ނަމަވެސް އެ ފިޔަވަޅު އުވާލީ އެވެ.

comment ކޮމެންޓް