ޗައިނާގެ އުޅަނދެއް މާސްގެ ބިމަށް ޖައްސައިފި

ޗައިނާގެ ޖޫރޮންގް ރޯވާ ވަނީ އިއްޔެ މާސްގައި ޖައްސާފަ -- ފޮޓޯ: ސީއެންއެސްއޭ

ބެއިޖިން (މެއި 16): ޗައިނާގެ އުޅަނދެއް ފުރަތަމަ ފަހަރަށް މާސްގެ ބިމަށް ކާމިޔާބު ކަމާ އެކު ޖައްސައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ޖޫރޮންގް ރޯވާ މާސްގައި ޖެއްސީ އިއްޔެ ހެނދުނު ބެއިޖިން ގަޑިން 07:00ގަ އެވެ. އަދި އޭގެ ސޯލާ ޕެނަލްތައް ހުޅުވުމަށް ފަހު ބިމުގައި ޖެއްސި ކަމުގެ ސިގްނަލެއް ދުނިޔެއަށް ފޮނުވީ 17 މިނިޓު ފަހުންނެވެ.

ޖޫރޮންގް އަކީ ޗައިނާއިން މިދިޔަ ޖުލައި މަހު ލޯންޗު ކުރި ޓިއަންވެން-1 ޖައްވީ އުޅަނދާ އެކު ފޮނުވި އުޅަނދެކެވެ. އަދި އޭގައި ހިމެނޭ އޯބިޓާ މާސްގެ ވަށައިގެން ދައުރު ވަމުންދާ އިރު ޖޫރޮންގް މާސްގެ ބިމަށް ތިރިވީ ހޫނުން ރައްކާތެރިކޮށްދޭ ޝީލްޑަކާއި ސްޕީޑު ކޮންޓްރޮލް ކުރުމަށް ވައިކުޑައަކާއި ރޮކެޓް ބޫސްޓަރު ބޭނުންކޮށްގެންނެވެ.

މާސްގެ ބިމުގައި ދަތުރު ކޮށް ދިރާސާ ކުރުމަށް ޖޫރޮންގްގައި ވަޔާއި އަޑުތަކާއި ފިނިހޫނުމިން ދެނެގަންނަ ސެންސަރުތަކާއި ކެމެރާ ފަދަ އާލާތްތައް ހިމަނާފައިވެ އެވެ.

ޓިއަންވެން-1 މިޝަންގެ މަގުސަދަކީ މާސްގެ ޖައްވު ދިރާސާ ކުރުމާއި ބިމު އަޑީގައި ފެން ހުރިތޯ ބެލުމެވެ. އަދި މިހާރު ނުވަތަ މީގެ ކުރިންވެސް މާސްގައި އެއްވެސް ދިރުމެއްވާ ކަމުގެ ހެކި ހޯދުމެވެ.

މީގެ ކުރިން މާސްގައި ކާމިޔާބު ކަމާ އެކު އުޅަނދުތައް ޖައްސާފައި ވަނީ އެމެރިކާ އާއި ރަޝިއާއިން އެކަންޏެވެ. އޭގެ ތެރެއިން ރަޝިއާގެ އުޅަނދު 1971ގައި މާސްގައި ޖެއްސިތާ މަދު ސިކުންތުކޮޅެއް ތެރޭ ފެއިލްވެ، ސިގްނަލް ފޮނުވުން ހުއްޓާލި އެވެ.

އެމެރިކާއިން މާސްގެ ބިމަށް ފޮނުވި ފަސް ވަނަ ރޮބޮޓިކް އުޅަނދު ނުވަތަ ރޯވާ ވަނީ މިދިޔަ ފެބްރުއަރީ މަހު މާސްގެ ބިމުގައި ޖައްސާފަ އެވެ.

ޕާސަވިއަރެންސްގެ ނަން ދީފައިވާ އެ ރޯވާއިންވެސް މާސްގައި މީގެ ކުރިން އެއްވެސް ދިރުމެއް އުޅުނު ކަމުގެ ހެކި ހޯދަން މަސައްކަތް ކުރާނެ އެވެ. އަދި އެ އުޅަނދާ އެކު ފޮނުވި ކުޑަ ހެލިކަޕްޓަރެއް މިދިޔަ މަހު މާސްގައި ދުއްވާފައިވެ އެވެ.

comment ކޮމެންޓް