36 ގަޑިއިރު ހުއްޓާނުލާ މަސައްކަތްކޮށްގެން ބެކްލޮގް މުޅިންހެން ސާފުކޮށްފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގެ ލެބޯޓްރީ ޓީމުން 36 ގަޑިއިރު ހުއްޓާނުލާ މަސައްކަތްކޮށްގެން، ތިން ހާހަހަށް ވުރެ މަތީގައި ހުރި ބެކްލޮގް، ނުވަތަ ޓެސްޓު ނުކުރެވި ހުރި ސާމްޕަލްތަކުގެ އަދަދު 52 އަށް މަދުކޮށްފި އެވެ.

މި މަހުގެ 10 ދުވަހާ ހަމައަށް ބެކްލޮގް ވެފައި 3714 ސާމްޕަލް އެއް ހުއްޓެވެ. އެއީ ރާއްޖޭގެ އެކި ހިސާބުތަކުން ނަގައި، 48 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައި ހުރި ސާމްޕަލްތަކެވެ. ބެކްލޮގް ވެފައި ހުރި ސާމްޕަލްތައް ޓެސްޓުކުރަން ފެށުމާއެކު، ފާއިތުވި ތިން ދުވަހު ދުވާލެއްގެ މައްޗަށް 1000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބެކްލޮގް ގެ ވަރަށްބޮޑު ބައެއް މިހާރު ޓެސްޓުކުރެވިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީއެންމެ ގިނަ ސާމްޕަލް ހަދާތަނަކީ އައިޖީއެމްއެޗް ކަމަށް ވާތީ، ބޮޑު ބެކްލޮގެއް ހުރީ ވެސް އައިޖީއެމްއެޗްގައި ކަމަށެވެ.

"އޭގެ ތެރެއިން ވަރަށް ބޮޑު ބައެއް ކްލިއާ ކުރެވި، 48 ގަޑިއިރަށް ވުރެ ގިނަ އިރު ވީ އެންމެ 52 ސާމްޕަލް އާ ހަމައަށް މަދުކުރެވިފަ ވަނީ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވަނީ އެ މަސައްކަތުގައި އައިޖީއެމްއެޗްގެ ލެބޯޓަރީ ޓީމުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. މަބްރޫކް ވިދާޅުވީ ފާއިތުވި 36 ގަޑިއިރުގެ ތެރޭ އައިޖީއެމްއެޗް އިން 5084 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އެއީ ބެކްލޮގް ގެ އިތުރުން، އިއްޔެ ނެގި ސާމްޕަލް ތަކެވެ.

"ފާހަގަކުރަންޖެހޭ ކަމެއް، އައޖީއެމްއެޗްގެ ލެބޯޓްރީ ޓީމުން ކުރި ބުރަ މަސައްކަތް މި ބެކްލޮގް ކްލިއާ ކުރުމަށް. ހަމަ އިހުސާސް ކުރެވޭ އިތުރުގަޑީގަ ކިހާ ގިނަ މަސައްކަތެއް ކޮށްގެންކަން މިކަން ކާމިޔާބުވެފަ އޮންނާނީ. އެހެންވީމަ އައިޖީއެޗްގެ ލެބޯޓްރީ ޓީމަށް އަޅުގަނޑުމެން އެންމެންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މަބްރޫކް ވިދާޅުވި އެވެ.

comment ކޮމެންޓް