ހިޔާނާތުގެ ލިސްޓާއެކު ސަބް ކޮމިޓީގެ ރިޕޯޓު ފާސްކޮށްފި

ސަބް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ — ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ހިމެނޭގޮތަށް އަދި ކޮމިޓީއިން ހުށަހަޅަން ބޭނުންވާ ކަންތައްތަކެއް ހިމަނައި މަޖިލީހުގެ އެމްއެމްޕީއާރުސީ މައްސަލަ ބަލާ ކޮމިޓީގެ ސަބް ކޮމިޓީއިން ރިޕޯޓު ފާސްކޮށްފި އެވެ.

މިރޭ ނުވައަކުން ފެށިގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމަށް ފަހު ރިޕޯޓު ފާސްކޮށްފައި ވަނީ މިރޭ ދަންވަރު 2:00 ގަ އެވެ. އެ ރިޕޯޓު ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

"މި ރިޕޯޓު މީގެ ހުރިހާ ބައިތައް ނުދެންނެވި ކަމުގައި ވިޔަސް މިއޮތީ ހުރިހާ ތަފްސީލުތަކާއެކު ލިޔެފައި. މިއާއެކުގައި އެޓޭޗްކުރަން ޖެހޭ ހުރިހާ މައުލޫމާތުތަކެއްވެސް ޖަދުވަލުތަކުގެ ގޮތުގައި މިވަނީ އެޓޭޗް ކުރެވިފައި." ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ކޮމިޓީން މިރޭ ފާސްކޮށްފައިވަނީ ވައްކަމާއި ހިޔާނާތުގެ ތަހުގީގު ލަސްވެފައިވާކަމަށް ކޮމިޓީ ރިޕޯޓުގައ ހިމަނާށެވެ. އޭގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނޭ ފަރާތްތަކަކަށް ވާތީ، މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ރިޝްވަތު ދިނުމާ ރިޝްވަތު ހިފުން ހުއްޓުވުމާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާ ހޯދައިދނުން ހުއްޓުވުމާ މިފަދަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދަކުރުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވާތީ، މިފަދަ ޖޮއިންޓް އިންވެސްޓިގޭޝައްްގެ ތަހުގީގަށް އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށް ވަނީ ފާސްކޮށްފަ އެވެ.

ތަހުގީގު ކުރިއަށް ދާއިރުވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރުވެސް ފައިސާގައި ޖެހިވާކަމަށް ކޮމިޝަނުން ތަހުގީގުކުރަމުންދާ މީހުން މަގާމުތަކުން ދުރުކުރުމަށް ރިޕޯޓުގައި ވަނީ ހިމަނާފަ އެވެ. އޭގެ އިތުރުން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރެވޭނީ އަމިއްލަޔަށް ވަކިވުމުން ނުވަތަ ޝަރުއީ ކޯޓަކުން ހުކުމެއް ކުރުމުން ކަމަށްވާތީ އެމީހުންގެ ތަހުގީގު އަވަސްކުރުމަށް ދެންނެވުމަށް ކޮމިޓީ ރިޕޯޓުގައި ހިމެނާފައިވެ އެވެ.

ސަބްކޮމިޓީގެ ރިޕޯޓު ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން މާދަމާ ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުން އޮތީ މާދަމާ 11 ޖަހާއިރު އެވެ.

comment ކޮމެންޓް