ރައީސް ނަޝީދަށް ދިން ހަމަލާ ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށްފި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ރައީސް ނަޝީދަށް ދިން ހަމަލާ ވަޒީރުންގެ މަޖުލީހުން ވަނީ ކުއްވެރިކޮށްފައި --- ފައިލް ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެއީ ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި އަމަލެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ހަމަލާއާ ގުޅިގެން ތަހުގީގު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ރައީސް ވަޒީރުންނާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަގީންކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ރައީސް ސޯލިހް ވަޒީރުންގެ މަޖިލިހާ ހިއްސާ ކުރެއްވި ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި، ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ބެހޭގޮތުންވެސް ރައީސް ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަޒީރުންގެ މަޖިލީހުގެ އޮންލައިން ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެ ހަމަލާއާ ގުޅިގެން ފުލުހަށްވެސް އަދި އެމްއެންޑީއެފްގެ އިންޓެލިޖެންސަށްވެސް މައުލޫމާތު ނުލިބޭކަމަށް އެ ދެ މުއައްސަސާއަށްވެސް ބުނެފައިވެ އެވެ.

ހަމަލާގެ މައުލޫމާތު ދުރާލާ ލިބިފައި ނުވާތީ އިންޓެލިޖެންސުގެ އޮޑިޓެއް ހައްދަވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ވަނީ ނިންމާފަ އެވެ.

އެ ހަމަލާގައި ލުބުނު ގެއްލުންތަކަށް ރައީސް ނަޝިދު އަދިވެސް އޭޑީކޭ ހިސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނައިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވެ އެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ހާމަކުރަން މިއަދު ހަވީރު 4:30ގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ތާވަލްކޮށްފަ އެވެ. މިހާތަނަށް އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ހައްޔަރުކޮށްފައިވަނީ، އެވަގުތު ނީލޯފަރު ގޯޅި ކުރިމަތީގައި ހުންނަ އަތަމާ ޕެލެސް ކުރިމަތީ ހުރެގެން ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތިކަމަށް ތުހުމަތު ކުރެވޭ، އުމުރުން 25 އަހަރުގެ ވ. ތިނަދޫ/ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ. އަދި އޭނާއާއެކު ދެން ހައްޔަރު ކުރީ އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ، އުމުރުން 21 އަހަރުގެ މއ. ފޭރުގެ، މުޖާޒު އަހުމަދެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ، ބޮން ގޮއްވާލުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތްކަމަށް ތުހުމަތު ކުރެވޭ ގއ. ކަނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދެވެ.

އެ ތިން މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާއިރު، ތިން މީހުންވެސް ކޯޓުގައި ބުނެފައިވަނީ، ހަމަލާއާ ގުޅުމެއް ނެތްކަމަށެވެ.

ވަޒީރުންގެ މަޖިލިހުން ރައީސް ނަޝީދަށް ދިން ހަމަލާ މިއަދު ކުއްވެރި ކުރި އިރު، މީގެ ކުރިން ވަކި ވަކި ވަޒީރުންންވެސް ވަނީ އަމިއްލަފުޅަށް އެ ހަމަލާ ކުއްވެރިކޮށްފަ އެވެ.

comment ކޮމެންޓް