ގަތަރުގެ އަމީރު ސައުދީއަށް، ވަލީއަހުދާ ބައްދަލު ކުރައްވައިފި

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީއަށް މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: ރޮއިޓާސް

ޖިއްދާ (މެއި 11): ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީ އިއްޔެ ސައުދީ އަރަބިއާއަށް ވަޑައިގެން އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި އެވެ.

ގަތަރުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ޖިއްދާ އެއާޕޯޓުން އަމީރަށް މަރުހަބާ ވިދާޅުވީ ވަލީއަހުދެވެ. އަދި ފަހުން ދެ ބޭފުޅުން ވަނީ ޖިއްދާގައި ހުންނަ އައްސަލާމް ގަނޑުވަރަށް ވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޝޭހް ތަމީމް އާއި ބިން ސަލްމާން ވަނީ އެކި ދާއިރާތަކުން ގަތަރާއި ސައުދީގެ ގުޅުން ރަނގަޅު ކުރާނެ ގޮތްތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައުޟޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އެ ނޫހުގައިވެ އެވެ.

ޝޭހް ތަމީމް އެންމެ ފަހުން ސައުދީއަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެގައުމުގައި ބޭއްވި ގަލްފު ސަމިޓަށެއެވެ. އެއީ 2017ގައި ސައުދީ، މިސްރު، ޔޫއޭއީ އަދި ބަހުރައިން އިން ގަތަރާ ގުޅުން ކަނޑާލީ ފަހުން އޭނާ ސައުދީއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ސައުދީން ޖޫން 2017ގައި ގަތަރާ ގުޅުން ކަނޑާލާ، އެގައުމަށް ކަނޑުންނާއި އެއްގަމުންނާއި ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސައުދީ އާއި ގުޅިގެން މިސްރާއި ޔޫއޭއީ އައި ބަހުރައިންއިން ގަތަރާ ދެކޮޅަށް ފާއިތުވި ތިން އަހަރު ތެރޭ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް ގަތަރުން އެގައުމުތަކުގެ އަމުރަށް އަމަލުކޮށްފައި ނުވެ އެވެ. އެގޮތުން އަލް ޖަޒީރާ ނޫސް ނެޓްވޯކު ބަންދު ކުރުމަށާއި އެގައުމުގައި ތިބި ތުރުކީގެ ފައުޖުތަކެއް ބޭރު ކުރަން އެންގި އެންގުމަށް ގަތަރުން އިޖާބަ ދީފައި ނުވެ އެވެ.

އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓުގައި އެ ހަތަރު ގައުމުން ވަނީ ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާ، ބޯޑަރުތައް ހުޅުވާލަން ނިންމާފަ އެވެ. އެއީ އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުވޭތުން މެދުވެރިގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

comment ކޮމެންޓް