ހިޔާނާތް ލިސްޓުގައި ނަން އޮތް މީހުން މަގާމުތަކުން އެކަހެރި ކުރަން ހުށަހަޅަނީ

މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފައިލް ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން ތަހުގީގު ނިމެންދެން މަގާމުން އެކަހެރި ކުރަން އެންގުމަށް އެމްއެމްޕީއާރުސީ މައްސަލަ ދިރާސާކޮށް ނިންމާ ރިޕޯޓުގައި ހިމަނަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީ މައްސަލަ ދިރާސާ ކުރަނީ މަޖިލީހުގެ ޖުޑިޝާރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގައި ހިޔާޔާނާތުގެ ލިސްޓު މިހާރު ދިރާސާ ކުރަމުން ދާއިރު މިރޭ ވަނީ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. މީގެ ކުރިން ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މިރޭގެ ބައްދަލުވުން ގެންގޮސްފައި ވަނީ ހުޅުވާލައިގެންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކޮމިޓީއިން މައްސަލަ ދިރާސާކުރާއިރު ބޮޑަށް އިސްކަމެއް ދެނީ ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރެއިން ކުރީގެ ޕަބްލިކް ސާވެންޓުންނާއި މިހާރުގެ ޕަބްލިކް ސާވެންޓުންނަށް ކަމަށެވެ. އެހެންވީމަ ކޮމިޓީ ރިޕޯޓުގައި ޕަބްލިކް ސާވެންޓުންނަށް އިސްކަމެއް ދޭ ސަބަބު ރިޕޯޓުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ހާއްސަ އިންޓަރެސްޓެއް ހުންނާނޭ އެމީހުންގެ މައްޗަށް ބާރު ހިނގާ އެކި އެކި ވެރިންގެ މިސާލަކަށް ވަޒީރުން. ރައްޔިތުންގެ މަޖިލިސް މެމްބަރުން. ފަނޑިޔާރުން. ސަރުކާރުގެ ކުންފުނިތަކުގެ ވެރިން. އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުން. އަދި އޭގެ އިތުރުން މިސާލަކަށް މިކަހަލަ ތަހުގީގަކަށް އިންފުލުއެންސް ކުރެވޭނެ ކަހަލަ މަގާމެއްގައި ޕަބްލިކް ސާވިސްގައި ހުރި މީހެއް ކަމަށް ވަންޏާ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ދައުލަތުގެ ކަންކަމުގައި ހަވާލުވެފައި ތިބި މީހުންނަކީ އެމީޙުންގެ މަސައްކަތުން އެމީހުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކަކާއި މައުލޫމާތު ލިބިގެންވާ ބައެއް ކަމަށެވެ. އެ ބާރު ބޭނުން ކޮށްގެން އެކުރާ ކަންކަމުން ރައްޔިތުންނަށ ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެއިތުރުން ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ މައްސަލަތައް ވީހާވެސް އަވަސްކޮށް ދިނުމަށް އެދި ކޮމިޓީ ރިޕޯޓުގައި ހިމެނުމަށް އީވާ ހުށަހެޅުއްވި އެވެ.

"ތަހުގީގު ކުރިއަށް ދާއިރުވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރުވެސް. ކަރެކްޓިވް އެކްޝަން ނަގަންވީއޭ. ތަހުގީގު ކުރިއަށް ދާއިރުވެސް. ކޮންމެހެން ހުކުން އަންނަންދެން މަޑުކުރާކަށް ނުޖެހޭނޭ އެއްބައި ކަންކަމުގައި. މިސާލަކަށް ބޮޑު މަގާމެއްގައި ހުރި މީހެއް. މަސައްކަތުން ދުރުކުރެވޭ މަގާމެއްގައި ހުރި މީހަކު މިވަރުގެ ހިޔާނާތެއްގައި ބައިވެރިވެފައި އޮތިއްޔާ އަޅުގަނޑުމެން ޖެހޭނޭ ސަޖެސްޓް ކުރަން. ރިޕޯޓުގެ އެއް ރިކޮމެންޑޭޝަން އަކަށް ވާނެޖެހޭނޭ މިހާރުން މިހާރަށް ވެސް މަސައްކަތުން ދުރުކުރަން،" އީވާ ވިދާޅުވި އެވެ.

އީވާ ހުށަހެޅުއްވި ހުށަހެޅުންތަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ތާއީދު ކުރައްވާފަ އެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ބެލުން ލަސްވުމުން އޭގެން ނުކުންނަ ނުރަނގަޅު އެހެން ނަތީޖާތަކެއް ވެސް ހުންނަ ކަމަށެވެ. އެމީހުންގެ މަގާމުގެ ގޮތުން އެތައް ނުފޫޒެއް ދައުލަތަށް ފޯރުވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީ ކޮރަޕްޝަނުން ފައިދާ ލިބިފައި ތިބި ފަރާތްތައް ދައުލަތުގެ މަގާމުތަކުގައި ތިބުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެކަންތައްތައް އިސްލާހު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް މި މަޖިލީހުން ހަމަގައިމު އަވަސްކޮށް އެބަ އަޅަން ޖެހޭ." ހިސާން ވިދާޅުވި އެވެ.

ތަހުގީގު ހިނގަނީ ތުހުމަތު ކުރެވޭތީ

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެ ލިސްޓަކީ އާންމުވާނެ ލިސްޓެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންކަމަށް ވާނަމަ މިހާރު އޮތް ލިސްޓުގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ އެއްވެސް ތަހުގީގެއްގައި ތުހުމަތަކުން ސަލާމަތްވެވޭނެ ކަހަލަ މީހެއް ހުރިތޯ ކޮމިޝަނުގައި އަހާލުން ރަނގަޅު ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން އާންމު ކުރަމުން ދާއިރުގައި. އާންމު ކުރާއިރުގައި ހަމަ ކަނޑައެޅިގެން މީގައި އޮތަސް އެމީހުންގެ ނަމަކީ މީގައި މިހާރުން މިހާރަށް ވެސް ކްލިއާވެފައި އޮންނާނެ ނަމަކަށް. މިޙާރު އެބޭފުޅުން އެ ބުނަކީ އަދި ތިމަންނަމެން ކްލިއާ މިކުރީ ކުންފުނިތަކޭ. އަދި އިންޑިވިޖުއަލް މީގެތެރެއިން ކްލިއާއެއް ނުކުރަމޭ. އެކަހަލަ ގޮތަކަށް އެދިފައި ދެން ރިޕޯޓު އެކުލަވާލުން ކިހިނެއްތޯ ވާނީ." އަލީ ނިޔާޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެ ލިސްޓަކީ މިވަގުތު ތަހުގީގު ހިނގަމުންދާ ފަރާތްތަކުގެ ލިސްޓު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ލިސްޓް ކަމަށެވެ.

"ކޮންމެ މީހަކީ ވެސް އިނޮސެންޓް އަންޓިލް ޕްރޫވަން ގިލްޓީ. އެއީ އަޅުގަނޑުމެން އެންމެން ދަންނަ މަފްހޫމެއް. އެކަމަކު މި ތަހުގީގު ހިނގަމުން ދާ ކަމަށް އެބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތު ދެނީ." އިންތި ވިދާޅުވި އެވެ.

ލިސްޓް ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓު ތައްޔާރު ކުރުމާ ހަމައަށް ސަބް ކޮމިޓީ ތައްޔާރުވެފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ. މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އެކޮމިޓީގެ ރިޕޯޓު ފައިނަލް ކުރުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް