ޔޫކޭގެ ރެޑް ލިސްޓަށް ރާއްޖެ، ޓޫރިޒަމަށް އަސަރުކުރާނެ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައި ވާތީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމަނާ ގައުމުތަކުން އެ ގައުމަށް އެތެރެވުން މަނާކޮށްފައިވާއިރު މި ސަރަހައްދުގައި އެންމެ ބާރަށް ކޮވިޑް ފެތުރެމުންދާ ގައުމުތަށް މިވަގުތު ވަނީ އެ ލިސްޓުގައި ހިމަނައިފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނަން ނިންމާފައިވާ ކަަމަށާއި އެއާއެކު އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރައްޔިތުކަމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ފިޔަވައި، އެހެން ފަރާތްތައް އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެ އައިސްފައިވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާނަމަ އެ ގައުމަށް އެތެރެވުން މަނާވާނެެ އެވެ.

އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ އޮތް ފަރާތްތަކުންވެސް އެ ގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެ އައިސްފައިވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާނަމަ އެ ގައުމަށް އެތެރެވުމަށްފަހު، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ކަރަންޓީނުގެ މުއްދަތުގެ ދެވަނަ އަދި އަށް ވަނަ ދުވަހު ކޮވިޑް ޓެސްޓު ހަދަން ޖެހެ އެވެ.

މި ފިޔަވަޅުތަކާއެކު ޔޫކޭ އަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

އިނގިރޭސިވިލާތުން މި ފިޔަވަޅު އަޅާފައި މިވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައި ވަނިކޮށެވެ. ދުވާލެއްގެ މައްޗަށް 700 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ފާއިތުވި ދެ ދުވަހުގެ ތެރޭ ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަަ އެވެ.

ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމާއެކު އެ ގައުމުން ރާއްޖެ އަންްނަ ފަތުރުވެރިންގެ އަދަދަށް އަސަރު ކުރާނެ އެވެ.

comment ކޮމެންޓް