ޓެކް މިނިސްޓްރީ އުވާލައި ޒިންމާތައް މިނިސްޓަރު ޝައުނާއަށް

ޝައުނާއަށް ރައީސް ސޯލިހު މިއަދު ވަޒީރުކަމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ: އެކަމަނާ އައްޔަން ކުރީ މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ މަގާމަށް -- ފޮޓޯ/ ރައީސް އޮފިސް

މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރުމަންޓް މިނިސްޓްރީގެ ދަށަށް ރައީސް މިއަދު ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ ރައީސް މިއަދު އައްޔަން ކުރެއްވީ "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"ގެ މަގާމަށެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ" މިއަދު ރައީސް ވަނީ އުވައިލައްވައި "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު"ގެ ނަން "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ"ގެ ނަމަށް ރައީސް ވަނީ ބަދަލު ކުރައްވައިފަ އެވެ.

"މިނިސްޓްރީން ކުރައްވަމުންގެންދެވި، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ

އެ ބަދަލާ އެކު ޓެކް މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ތިމާވެށި މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މި ބަދަލާ އެކު ހަ އިދާރާއެއްގެ ހިންގުން ވެސް ތިމާވެށި މިނިސްޓްރީގެ ދަށަށް ބަދަލުވާނެ އެވެ. އެއީ؛

1. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
2. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް
3. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
4. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
5. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
6. ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ އެވެ.

ޝައުނާ ވަޒީރުކަން ކުރައްވާ "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މިނިސްޓްރީ"ގެ ޒިންމާތަކަކަށް ދެން ވާނީ؛

1. ރާއްޖޭގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާބެހޭ ރޮނގުތަކުންނާއި ފެނާއި ނަޖިހާއި ނަރުދަމާ އާއި މީޓިއޮރޮލޮޖީ އާއި ޓެކްނޯލޮޖީ އާއި ސައެންސާއި ކޮމިއުނިކޭޝަނާ ގުޅޭ ސިޔާސަތު ކަނޑައަޅައި ހިންގުން.

2. ރާއްޖޭގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާބެހޭ ރޮނގުތަކުންނާއި ފެނާއި ނަޖިހާއި ނަރުދަމާ އާއި މީޓިއޮރޮލޮޖީ އާއި ޓެކްނޯލޮޖީ އާއި ސައެންސާއި ކޮމިއުނިކޭޝަނާ ބެހޭ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހަދައި ހިންގުން.

3. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ރާއްޖޭގައި ހަކަތައާއި، ފެނާއި، ނަރުދަމާއާއި މީޓިއޮރޮލޮޖީއާ ބެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.

4. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތަ އާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީއާ ބެހޭ މަޝްރޫއުތަކުގެ ކޮންސެޕްޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

5. ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައާއި ފެނާއި ނަރުދަމާއާއި މީޓިއޮރޮލޮޖީގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން.

6. ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގަ އާއި، ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން، ކަންތައްތައް ރާވައި ހިންގުން.

7. ރާއްޖޭގެ ތަރައްގީ ބައްޓަންކުރުމުގައި، ގުދުރަތީ މާހައުލު، ތަރައްގީގެ ބިންގަލެއްކަމުގައި ހަދަން މަސައްކަތްކުރުން.

8. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ވަކާލާތުކޮށް އަޑުއުފުލައި، އެކަމާގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫއުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދުން.

10. މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރު ކުޑަކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓްތައް ވިލަރެސްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

11. ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލައި، އެ ސްޓްރެޓެޖީތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.

12. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ގާނޫނު ތަންފީޒުކުރުން.

13. ރާއްޖޭގައި ފެން އުފެއްދުމާއި، ބޭނުންކުރުމާއި، އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، މިކަންކަމާބެހޭ އުސޫލުތަކާއި، ގަވާއިދުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުން.

14. އާންމު ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ފެން ލިބެންހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެވަސީލަތްތައް ރާއްޖެއަށް ތައާރުފުކުރުމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަދި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށް މަގު ތަނަވަސްކޮށްދިނުން.

15. ރާއްޖޭގެ ރަށްރަށުގެ މީރު ފެންފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

16. ރާއްޖޭގެ ރައްޔިތުންނަށް، ސާފުތާހިރު އަދި ރައްކާތެރި ފެން ލިބިދިނުމަށްޓަކައި، ފެނުގެ ނިޒާމް ފަރުމާކޮށް ގާއިމުކުރުމާއި، ރަށްރަށުގައި ފެން ރައްކާކުރުމުގެ ވަސީލަތްތައް އިތުރުކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމާގުޅޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

17. ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، މި ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުން.

18. ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ އިންތިޒާމުތައް ރޭވުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެށްޓާ ރަޙުމަތްތެރި ނަރުދަމާގެ ނިޒާމް ފަރުމާކޮށް ޤާއިމުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.

19. ފެނާއި ނަރުދަމާއާބެހޭ ކަންތައްތައް ރާވައި ހިންގުމުގައާއި، ހިދުމަތް ފޯރުކޮށްދީ ބޭނުންކުރުމުގައާއި، ފަންނީ ރޮނގުންނާއި އިގުތިސާދީ ގޮތުން ނިންމުންތައް ނިންމުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

20. ފެނާއި ނަރުދަމާގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޚިދުމަތް ފުޅާކޮށް، އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ހިދުމަތް ދިނުމަށްޓަކައި، ވާދަވެރި މާޙައުލަކަށް ދާއިރާ ހުޅުވާލުމާއި ބެހޭ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.

21. ރާއްޖެއަށް އެކަށީގެންވާ، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް އެކަށައަޅައި، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

22. އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލާނެ ވަސީލަތްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރުމާއި، ކުނި ނައްތަލާނެ އެކަށީގެންވާ ނިޒާމެއް ރަށު ފެންވަރުގައި ގާއިމުކުރުމަށް ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

23. ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

24. ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވައިލައި ތަންފީޒުކުރުމާއި، ހިމާޔަތްކުރާ ތަންތަނާއި ސަރަޙައްދުތައް ކަނޑައެޅުމުގެ މިންގަނޑުތައް ހެދުމާއި، ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ފައިދާ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބޭކަން ކަށަވަރުކުރުން.

25. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް ގަވާއިދުތައް ހަދައި، ހިންގުން.

26. ރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑީގެ ބިމާއި، ކަނޑުގެ ބިމުގެ އަޑީގައި މެރީން ސްޓްރަކްޗާތައް ގާއިމުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.

27. ދަތުރުފަތުރުގެ ދާއިރާއިން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

28. ތިމާވެށްޓަށް ރައްކާތެރި ގޮތެއްގެ މަތިން ރާއްޖޭގައި ކުނި މެނޭޖްކުރުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.

29. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމުގެ ނިޒާމެއް ގާއިމުކުރުން.

30. އާންމުކޮށް ބޭނުންކުރާ ފެނުގެ ހިދުމަތާއި، ނަޖިހާއި، ނަޖިސްފެން އުކާލުމުގެ ނުވަތަ ނައްތާލުމުގެ ހިދުމަތް ވިޔަފާރި އުސޫލުން ދިނުމަށްއެދޭ ފަރާތްތަކުން، އެ ހިދުމަތްތަކަށް އަގުނެގުމަށް ބޭނުންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

31. ސަރުކާރުގެ ހަކަތައާބެހޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.

32. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދުތަކާއި، ރެގިއުލޭޓަރީ ކޯޑަކާއި، ސްޓޭންޑަރޑްތައް ހެދުން.

33. ރާއްޖެއަށް އެތެރެކުރާ ހަކަތައާއި، ރާއްޖޭގައި ވިއްކާ ނުވަތަ ބޭނުންކުރާ ހަކަތަ އުފައްދާ ވަސީލަތްތަކުގައި ހުންނަންޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުން.

34. ހަކަތައާބެހޭ އެކިއެކި މަޝްރޫޢުތައް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ހާއިމުކޮށް، ބަލަހައްޓައި މިމައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

35. އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު ގައިވާ ގޮތުގެ މަތީން ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.

36. ހަކަތައިގެ ދާއިރާ ރާވައި ހިންގައި، ހަކަތަ އުފައްދައި، ފޯރުކޮށްދިނުމާއި ބޭނުންކުރުމުގައާއި، ފަންނީ އަދި އިގުތިސާދީ ނިންމުންތައް ނިންމުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން.

37. ރާއްޖޭގެ އިގުތިސާދީ ސަރަހައްދު (އެކްސްކުލޫސިވް އިކޮނޮމިކް ޒޯން) ގެ ތެރޭގައި ހުރި ހަކަތަ އުފެއްދިދާނެ ޤުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބެލުމަށް ކަމާބެހޭ ދިރާސާތައް ކުރުން.

38. ރާއްޖޭގެ މާހައުލާގުޅޭ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދިދާނެ ވަޞީލަތްތަކާބެހޭ ދިރާސާތައްކޮށް، ކަމާބެހޭ ފަރާތްތަކާގުޅިގެން އެފަދަ ވަސީލަތްތައް ރާއްޖެއަށް ތަޢާރުފުކުރުން.

39. ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި، ޑޭޓާ އިންޓަގްރޭޓް ކުރުމާއި، ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

40. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

41. ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

42. އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) އާއި، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިކޭޝަން (އޭ.ޕީ.ޓީ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަނުގެ ޚިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

43 ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ކޮންވެންޝަންތަކުގައިވާ އުސޫލުތަކާއެއްގޮތަށް ރާއްޖޭގެ ޕޯސްޓުގެ ހިދުމަތާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.

44. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ރާވައި ހިންގުން.

45. ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އައު ޓެކްނޯލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމާއި، އެފަދަ ޓެކްނޯލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން.

46. ރާއްޖޭގައި ކޮމްޕިއުޓާ ޓެކްނޯލޮޖީ ކުރިއަރުވައި، އެކި ރޮނގު ރޮނގުން ރާއްޖޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ކޮމްޕިއުޓާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަތިކުރެވޭނެ ގޮތްތައް ހޯދުން.

47. ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ކޮމިއުނިކޭޝަނާއި، ސައިންސާއި ޓެކްނޯލޮޖީގެ ދައުރު ފުޅާކުރުމަށް، އެ ދާއިރާތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކުރުވުން.

48. ރާއްޖެއަށް އެންމެ ފައިދާކުރަނިވިގޮތަށް ސައެންސާއި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްޓަކައި، ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާތައްކުރުމާއި، އެފަދަ ދިރާސާތައްކުރުމަށް ހިތްވަރުދިނުން.

49. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ގާއިމުކުރާ ގައުމީ ސައެންސް ފައުންޑޭޝަން ގާއިމުކޮށް ހިންގުން.

50. ރާއްޖޭގައި ސައެންސާއި، ޓެކްނޯލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓަރތައް ޤާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ޤާއިމުކޮށް ހިންގުން.


51. ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

52. ރާއްޖޭގައި ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ސައެންސާއި ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރުކުރުން.

53. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާތައް ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމަނައި ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެ، މައުލޫމާތު ފޯރުކޮށްދިނުން.

54. ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާ ކޮމިއުނިކޭޝަނާއި ސައެންސާއި ޓެކްނޯލޮޖީގެ މާސްޓަރޕްލޭންތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ހަރަކާތްތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

55. ކޮމިއުނިކޭޝަނާއި، ސައެންސާއި، ޓެކްނޯލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

56. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމުގައާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.

57. މިނިސްޓްރީގެ މަސައްކަތު ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާއި، އަދި އެފަދަ މުއާހަދާތަކުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

58. މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެފަރާތްތަކުގެ ދައުރު ފުޅާކުރުން.

59. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

60. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ޓެކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލު ރައްޔިތުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މިދިޔަ މާޗު މަހުގެ ފުރަތަމަ ދިވަހު މަގާމުން ވަކިކުރުމުން މިއަދާ ޖެހެންދެން އެ މިނިސްޓަރުކަމުގެ މަގާމު އޮތީ ހުސްކޮށެވެ.

comment ކޮމެންޓް