މި އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން 9000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކޮށްފި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު އެކަނި ފަތުރުވެރިކަމުގެ ދާއިރާއިން 9000 ވަޒީފާ އުފެދޭނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.

މިއަދު ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ސަރުކާރުން ވަނީ ވަޒީފާތަކާ ބެހޭ ބައެއް ތަފާސްހިސާބުތައް ހިއްސާކޮށްފަ އެވެ. މިއަދު ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް 15، 2021ގެ ނިޔަލަށް، 721 ފަރާތަކަށް، ޖުމްލަ 906 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ސަރުކާރުން ވަނީ ދީފަ އެވެ.

ލޯނުގެ ގޮތުގައި އެންމެ ގިނަ އަދަދެއް ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 266 މިލިއަން ރުފިޔާގެ ލޯނު 144 ފަރާތަކަށް ދޫކުރި އެވެ.

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި، އިތުރު 9000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދެން އެންމެ ގިނައިން ލޯނު ދޫކުރީ ހޯލްސޭލް އެންޑް ރީޓެއިލް ދާއިރާއިންނެވެ. އެ ދާއިރާއިން 1266 ފަރާތަކަށް 241 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

އޭގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން 107 ފަރާތަކަށް 188 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

މިގޮތުން، މި ލޯނުތައް ދޫކޮށްފައިވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 143 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް ކަމަށް ސަރުކާރުން ބުންޏެވެ.

ވިޔަފާރި އެހީ 721 ފަރާތަކަށް ދޫކުރި އިރު، އެވްރެޖްކޮށް ހަ ވަޒީފާ ކޮންމެ ވިޔަފާރިއަކުން އުފެދޭނެކަމަށް ބަލައި، ފާއިތުވި ދެ އަހަރު ތެރޭގައި ޖުމްލަ 4326 އައު ވަޒީފާ އުފެދިފައިވާ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާންމުންނަށް ވަޒިފާ ހޯދައިދޭން ފަސޭހަކޮށްދިނުމަށް ހެދި ޖޮބް ސެންޓަރުގައި މިހާރު 883 ވަޒީފާ ދޭ ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ޖޮބް ސެންޓަރުގެ އޮފީހެއް ހުޅުމާލޭގައި ހުޅުވުމަށް މިހާރު ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖޮބް ސެންޓަރާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް