ލަންކާގައި ކޮވިޑްގެ ތިން ވަނަ ރާޅެއްގެ ބިރު، ސްކޫލްތައް ބަންދުކޮށްފި

ލަންކާގައި ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރުމުގެ ބިރު ވަނީ އުފެދިފައި -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޭޕްރިލް 27): ސްރީލަންކާގައި ކޮވިޑް-19އިގެ ތިން ވަނަ ރާޅެއް ފެތުރިދާނެ ކަމުގެ ބިރު އުފެދި، އެގައުމުގެ ސްކޫލްތައް އަންނަ ހުކުރު ދުވަހާ ހަމަޔަށް ބަންދު ކުރަން ނިންމައިފި އެވެ.

ލަންކާގެ ބައެއް ސަރަހައްދުތަކުގައި ސްކޫލްތައް ބަންދު ކުރާނެކަން މީގެ ކުރިން އިއުލާންކޮށްފައި ވަނިކޮށް އެގައުމުގެ ހުރިހާ ސްކޫލްތައްވެސް ހުކުރު ދުވަހާ ހަމަޔަށް ބަންދު ކުރަން ނިންމިކަން މިއަދު އެންގެވީ ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެއްލަ އެވެ.

ލަންކާއިން ކޮވިޑް-19އިގެ އާ ވޭރިއެންޓެއް ފެނިފައިވާ ކަމަށާއި އެއީ ފަސޭހައިން ފެތުރޭ، ވައިގެ ތެރޭގައި އެއް ގަޑި އިރަށް ހުންނަ ބާވަތެއް ކަމަށް އެގައުމުގެ ސްރީ ޖާޔަވަރުދެނަޕޫރަ ޔުނިވާސިޓީގެ ޑިޕާޓްމެންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލިކިއުލާ ސައިންސެސްގައި އިސްކޮށް ހުންނަވާ ޕްރޮފެސަރު ނީލިކާ މަލާވިގޭ ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ. އަދި އެގައުމުގައި ކޮރޯނާވައިރަހުގެ ތިން ވަނަ ރާޅެއް ފެތުރިދާނެ ކަމަށް ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަންގެ ރައީސް އުޕުލް ރޮހާނާ ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ސުދާތު ސަމަރަވީރާ ވިދާޅުވި ގޮތުގައި އެގައުމުގެ އާ ކޭސްތަކަކީ އަލަށް ފެނުނު ވޭރިއެންޓާ ގުޅުން ހުރި ކޭސްތަކެއްތޯ ބެލުމަށް މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި ކޮވިޑް ޖެހޭ ޒުވާނުންނަށް އޮކްސިޖެން އާއި އައިސީޔޫ އެނދު ބޭނުންވާ މިންވަރު އިތުރުވެފައިވާކަން ހޮސްޕިޓަލްތަކުން ހާމަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ފާއިތުވި ދުވަސްތަކުގައި ލަންކާއިން ވަނީ ކޮންމެ ދުވަހަކު 800އަށް ވުރެ ގިނަ އާ ކޮވިޑް ކޭސް ރިޕޯޓުކޮށްފަ އެވެ. އަދި އެގައުމުގައި ބަލި ޖެހިފައިވާ 6،000އަށް ވުރެ ގިނަ މީހުން މިހާރު ތިބި އިރު އެގައުމުން މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ އެއް ލައްކައަށް ވުރެ އިތުރުވެފަ އެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 647އަށް އަރާފަ އެވެ.

comment ކޮމެންޓް