ކޮވިޑް އާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ސްރީލަންކާގައި އިތުރަށް ވަރުގަދަ ކުރަނީ

ކޮލޮމްބޯ (26 އެޕްރިލް ): ކޮވިޑް-19 ގެ އައު ވޭރިއަންޓެއް ސްރީލަންކާގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާޓީތަކާއި އެއްވުންތަކާއި ހަފްލާތައް ބޭއްވުން ދެ ހަފްތާއަށް މަނާކޮށްފައިވާ ކަމަށެވެ.

އައު ވޭރިއަންޓާ ގުޅިގެން ފުރަބަންދަކަށް ދާން އަދި ނުނިންމި ނަމަވެސް ބޭރުތެރޭގައި ތޮއްޖެހޭގޮތަށް ނޫޅުމަށާއި ކޮންމެހެން ދާންޖެހޭ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުގޮސް މިދުވަސްވަރު ގޭގައި ތިބުމަށް ޚާއްސަ ސަމާލުކަން ދިނުމަށްވެސް މި ބަޔާން ރައްޔިތުންނަށްވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާއިން ފެންނަން ފަށާފައިވާ ކޮވިޑް-19 ގެ އައު ވޭރިއަންޓަކީ އިންޑިއާއިން ފެނުނު ވޭރިއަންޓްކަން އެގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އައު ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ ވައިރަހެއްކަމަށާއި އެ ވޭރިއަންޓްގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ޒުވާނުން ގިނަކަން އެގައުމުން ވަނީ ފާހަގަކޮށްފައެވެ. ޕޮޒިޓިވް މީހުންގެ ތެރޭގައި ޒުވާނުން ގިނަވަނީ އެއީ ފަސޭހައިން ފެތުރޭ ވައިރަހެއްކަމަށް ވާތީ ކަމަށް އެގައުމުގެ ސިއްހަތާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސްރީލަންކާގައި ރިޕޯޓްކޮށްފައިވާ ކޮވިޑްގެ ކޭސްތަކުގެ އަދަދުވަނީ އެއްލައްކައަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ކޮވިޑް ޖެހިގެން މަރުވި ކަމަށް ރިޕޯޓް ކުރެވިފައިވާ މީހުންގެ އަދަދުވަނީ ހަތްސަތޭކައާ ގާތްވެފައެވެ. ސްރީލަންކާގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދުވާލެއްގެ މައްޗަށް 500 އިން ދަށުގައި ހިފެހެއްޓިފައި ގިނަ ދުވަސްތަކަކު އޮތުމަށްފަހު މިދިޔަ ހަފްތާގެ ކުރީކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑްގެ ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުވަނީ 700 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާމީހުންގެ އަދަދުވެސް ވަނީ އެވްރެޖްކޮށް 4 އަށްވުރެ މައްޗަށް ގޮސްފައެވެ. ކުރިން މިއަދަދުއޮތީ އެވްރެޖްކޮށް 2 އަށްވުރެ ދަށުގައެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ ކާމިޔާބު ހޯދި މަދު ގައުމުތަކުގެތެރޭގައި ހިމެނޭ ގައުމެކެވެ. ސްރީލަންކާގެ ކޮލެޖް އަދި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ފެށުން ކުރިން ނިންމި ނިންމުންވެސް އައު ވޭރިއަންޓާ ގުޅިގެން ވަނީ ފަސްކޮށްފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް