ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަނީ

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެ އެވެ.

މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާ ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެއް ކަމަށް އައިޖީއެސް އިން ބުންޏެވެ.

މި ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑް ވެއާ ސަޕްލައިކޮށް، ސެޓެލައިޓް ލޯންޗް ކުރުގައި ފަންނީ ގޮތުން އެހީ ތެރިވުމަށް އައިޖީއެސް އާއި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ އެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސް ވުމުގެ ދަށުން، ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި، އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިވާނެ އެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ މިޝަންއަށް ބޭނުންވާ ފަންޑިން ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލީޑު ކުރާނީ ވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރީނު އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދިޔުމަށް އެހީތެރިވެދޭ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ އަދި މަޝްހޫރު ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ އެކު ސޮއިކުރި އެއްބަސްބުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީނު ކުރާނެއެވެ.

comment ކޮމެންޓް