ސުޕަ ލީގުގައި ކުޅޭ ކުލަބުތަކަށް ޗެމްޕިއަންސް ލީގުގެ ބިރެއް ނެތް: ޕެރެޒް

ޖޫން 2، 2019: ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގެ ތެރެއިން: މޮޅަށް ކުޅުނު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ހަ ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލުން -- ފޮޓޯ/ އޭޕީ

ޔޫރޮޕުގެ 12 ކުލަބަކުން އިސްވެތިބެގެން އުފައްދާ ސުޕަ ލީގުގައި ވާދަކުރާ ކުލަބުތކަށް ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އިންޒާރުތައް ދެމުން އައި ނަމަވެސް މިފަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ވާދަކުރާ ކުލަބުތަކަށް އެކަމުގެ ބިރެއް ނެތް ކަމަށް ރެއާލް މެޑްރިޑުގެ ރައީސް އަދި ސުޕަ ލީގުގެ ޗެއާމަނަކަށް ހަމަޖެއްސި ފްލޮރެންޓީނޯ ޕެރެޒް ވިދާޅުވެއްޖެ އެވެ.

ސުޕަ ލީގު ރަސްމީކޮށް ވުޖޫދުވިކަން އިއްޔެ އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މި ކުލަބުތަކާ ދެކޮޅަށް ޔޫއެފާއާއި ފީފާގެ އިތުރުން ސިޔާސީ ފަރާތްތަކާއި، ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ތެދުވެފަ އެވެ. އަދި އެހެންމެ ސުޕަ ލީގުގައި ވާދަކުރާ ކުލަބުތަކުގެ ކުޅުންތެރިންނަށް ގައުމީ ޓީމުތަކާ އެކު ވޯލްޑްކަޕާއި، ޔޫރޯ ފަދަ މުބާރާތްތައް ވެސް ނުކުޅެވޭނެ ކަމުގެ އިންޒާރު ދީފައިވާ އިރު، މިހާރު ކުރިއަށްދާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ވެސް ވާދަކުރާ ސުޕަ ލީގަށް ތާއީދު ކުރާ ކުލަބުތައް އެ މުބާރާތުން ވަކި ކޮށްފާނެ ކަމަށް ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެހެން ކަމަށްވާނަމަ ޗެމްޕިއަންސް ލީގުގެ ތަށި މިހާރު ލިބޭނީ ސެމީ ފައިނަލުގައި އޮތް ހަތަރު ޓީމުގެ ތެރެއިން ޕީއެސްޖީއަށެވެ. އަަދި ޔޫރޮޕާ ލީގުގެ ސެމީގައި އޮތް އާސެނަލާއި ޔުނައިޓެޑް ވެސް އޭރުން ކަޓާނެ އެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ޕެރޭޒް ރޭ ވިދާޅުވީ، ސުޕަ ލީގެއް އުފައްދަން ޖެހުނީ ފުޓުބޯޅަ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކާ އެވެ. އަދި އެއީ ވަކި ބަޔަކަށް ނާޖައިޒް ގޮތުގައި މަންފާއެއް ހޯދައިދޭން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ކުލަބުތައް ދަރަނިވެރިވުމުން ސަލާމަތް ކުރުމަށް އޮތް ހައްލު ކަމަށް ޕެރެޒް ވަނީ ވިދާޅުވެފަ އެވެ.

"ސްޕެއިން އަދި އިޓަލީގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑެތި ކުލަބުތައް ގުޅިގެން ފުޓުބޯޅަ ސަލަމާތް ކުރަން މިއުޅެނީ. މިދިޔަ ދެ ސީޒަނުގައި އެކަނިވެސް ރެއާލް މެޑްރިޑްގެ ޙަރަދުތަކަށް 400 މިލިއަން ޕައުންޑް ހޭދަވި. މިއީ ހަމައެކަނި ރެއާލްގެ ވާހަކަ. އަދި އެހެން ކުލަބުތައް ކޮބާ؟ މީގެ ހައްލަކީ ވާދަވެރި ގިނަ މެޗުތަކެއް ކުޅެގެން ގިނަ ބައެއްގެ ސަމާލުކަން ހޯދުން،" ޕެރޭޒް ވިދާޅުވި އެވެ.

ޕެރޭޒް ވިދާޅުވީ، ފަހަކަށް އައިސް ފުޓުބޯޅައިގެ ފޯރި ގެއްލިފައިވާ ކަމަށާއި، ޒުވާން އުމުރުގެ ކުދިން އަނބުރާ ފުޓުބޯޅައިގެ ތެރެއަށް ވެއްދޭނީ ބަލާ ހިތްވާ ގިނަ މެޗުތަކެއް ކުޅެވިގެން ކަމަށެވެ. މީގެ އިތުރުން ކުޅުންތެރިން ހާސް ވާން ޖެހޭ ހާލަތެއް ނެތް ކަމަށާއި، މިހާރު ކުރިއަށްދާ މުބާރާތްތަކުން އެއްވެސް ކުލަބެއް ވަކި ނުކުރެވޭނެ ކަމަށް ޕެރޭޒް ވަނީ ވިދާޅުވެފަ އެވެ.

"ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީއެއްވެސް ޗެމްޕިއަންސް ލީގުން ބޭރެއް ނުކުރެވޭނެ. އެއީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫން."

ސުޕަ ލީގު ރޭ އިއުލާނުކޮށްފައިވާއިރު ޔުއެފާ އިން މި ވަނީ މިއަދު ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ފާސްކޮށްފަ އެވެ. އާ ފޯމެޓަކަށް 2024 ވަނަ އަހަރު ފަށާ ޗެމްޕިއަންސް ލީގުގައި 36 ޓީމު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ބަދަލުގައި އޮންނާނީ ސްވިސް ސިސްޓަމްގެ ބުރެކެވެ. ކޮންމެ ޓީމަކަށް އާ ފޯމެޓްގެ ދަށުން ޗެމްޕިއަންސް ލީގުގައި މަދުވެގެން 10 މެޗު ކުޅެން ލިބޭނެ އެވެ.

comment ކޮމެންޓް