ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާ އެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޯގަސްޓް 10 ވަނަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރު ބުނާ ގޮތުން، ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 10 އިން ޑިސެމްބަރު 23 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޮކްޓޫބަރު 17ގަ އެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ވާނީ 26 ޑިސެމްބަރުން ޖެނުއަރީ 13، 2022 އަށެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 އިން ޖޫން 30 އަށެވެ. މިޑްޓާމް ޗުއްޓީ ވާނީ އޭޕްރީލް ތިނަކުން، އޭޕްރީލް ހަތް ވަނަ ދުވަހަށެވެ. ދެ ވަނަ ޓާމު ޗުއްޓީ ވާނީ 30 ޖޫން އިން ފެށިގެންނެވެ.

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައިދޭނީ 88 ދުވަހު އެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 111 ދުވަހު އެވެ. އެހެންކަމުން މުޅި އަހަރު 200 ދުވަހު ކިޔަވައިދޭނެ އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު އޭލެވެލް އަދި އޯލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން ގައެވެ. އޭލެވެލް ކިޔެވުން ފެށޭނީ ސެޕްޓެމްބަރު 26 ގައެވެ.

ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންގެ މޮކް އިމްތިހާން ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 20 ން މާޗު 30 އަށެވެ.

ދިރާސީ އާ އަހަރަށް ބަދަލު ގެނައުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހިޔާލު ހޯދުމުގެ ސާވޭ އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ބަދަލާ އެކު އެކި އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ މަސައްކަތް ދަރިވަރުންނަށް ކުރެވޭނެ ކަމަށާއި އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް މިނިސްޓަރު އާއިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް