ކުލަބުތަކުން ގޮތް ނިންމައިފި، ޔޫއެފާއާއި ފީފާއިން މަތިމައްޗަށް އިންޒާރު

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޔޫރޮޕުގެ މަގުބޫލު 12 ކުލަބެއް ގުޅިގެން އުފައްދާ "ޔޫރޮޕިއަން ސުޕަ ލީގު" ރަސްމީކޮށް ބާއްވާނެކަން އިއުލާން ކުރުމާ ގުޅިގެން ޔޫއެފާއާއި ފީފާގެ ވަރުގަދަ އިންޒާރުތަކާ އެކު ދުނިޔޭގެ ފުޓުބޯޅަ ވަރުގަދަ ހަނގުރާމައަކަށް ހިނގައްޖެ އެވެ.

މީގެ ކުރިން ވެސް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ނުވެ ނުދާނެ ކަމެއްގެ ގޮތުގައި ބުނަމުން އައި ފުޓުބޯޅައިގެ "މާފިއާ" އެއްގެ ގޮތުގައި ސިފަ ކުރާ ކުލަބުތަކާއި ނުފޫޒުގަދަ ފަރާތްތަކެއް ގުޅިގެން ބާއްވަން ރާވަމުން އައި މުބާރާތް ރޭ ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެކަމާ ވިދިގެން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ފަރާތްތަކަކުން ނުރުހުމުގެ ޝުއޫރު ފާޅުކުރަމުން އަންނަ އިރު، ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކާއި، ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ވެސް މަތިމައްޗަށް އިންޒާރުތަކެއް ވަނީ ރޭގެ ވަގުތެއްގައި ދީފަ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މި ކުލަބުތަކާ އެކު އިތުރު ތިން ކުލަބެއް ގުޅޭނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވާ އިރު، މިހާތަނަށް އެ ލީގުގައި ވާދަނުކުރަން ނިންމާފައިވަނީ ފްރާންސާއި ޖަރުމަނުގެ ކުލަބުތަކުން އެކަންޏެވެ. އެހެން ނަމަވެސް އެ މުބާރާތުން އިތުރު ކުލަބުތައް ފެންނާނެ ކަމުގެ ސިގްނަލާ އެކު ޖަރުމަނާއި ފްރާންސް ލީގުގެ ކުލަބުތައް ވެސް އައު ބަސް ބުނެފާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ޔޫރޮޕުގެ އެންމެ ބޮޑެތި ކުލަބުތައް ގުޅިގެން ފަށައި މި މުބާރާތް ބޭއްވުމަށް ތައްޔާރުވާން ފެށީ ޔޫއެފާއިން 2024 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލުތަކެއް ގެނެސް އައު ސިސްޓަމެއްގެ ދަށުން ކުޅެން ފަށާނެ ކަމަށް އިއުލާން ކޮށްފައިވަނިކޮށެވެ. ބެލެވޭ ގޮތުގައި ބޮޑެތި ކުލަބުތަކުން މި މުބާރާތަށް ޝައުގުވެރިކަން ފާޅުކުރި އެއް ސަބަބަކީ ކުލަބުތަކުން ކުރާ ޙަރަދުތަކާއި، ޔޫއެފާ މުބާރާތްތައް ކުޅެގެން ލިބޭ ފައިސާއާ ދެކޮޅު ނުޖެހޭތީ އެވެ. ސަބަބަކީ އެ މުބާރާތް އެކަނި ކުޅެގެން ލިބޭ އާއްމުދަނީ ކުޑަވެފައި، ކުލަބުތަކަށް ފައިސާ ވަންނާނެ އެއް ގޮތަކީ ވަރުގަދަ ގިނަ މެޗުތަކެއް ކުޅެގެން ކަމަށްވާތީ އެވެ.

ސުޕަ ލީގުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ވަގުތު 12 ކްލަބާ އެކު މި އޮތް ސުޕަ ލީގަކީ ހަފްތާގެ މެދުތެރޭގައި ކުޅޭނެ މުބާރާތެއް ކަަމަށާއި އެއްވެސް ކްލަބަކުން އެ ކްލަބެއް ކުޅެމުން އަންނަ ގައުމެއްގެ ލީގުން ވަކިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. އަދި ސުޕަ ލީގުގެ ކަންތައްތަކަށް ހައްލެއް ހޯދަން ވަރަށް އަވަހަށް ޔުއެފާ އާއި ފީފާއާ އެކު މަޝްވަރާކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސުޕަ ލީގުގެ ބަޔާނާ ގުޅިގެން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

comment ކޮމެންޓް