ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފުވައްމުލަކު ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފި

ފުވައްމުލަކު ލައިބްރަރީ-- ފޮޓޯ/ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީ އަށް ބޭނުންވާ ފޮތް ހަދިޔާކޮށްފިއެެވެ.

އެ މަޝްރޫއުގެ ދަށުން އެކި އުމުރުފުރާތަކާ ގުޅޭ 400އަށް ވުރެ ގިނަ ފޮތް ވަނީ ހަދިޔާކޮށްފަ އެވެ.

އޭގެ ތެރޭގައި އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލްއިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިމެނެ އެވެ.

ފޮތްތައް ހަދިޔާކުރުމަށްފަހު އެ ލައިބްރަރީ މިހާރު އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ.

ފުވައްމުލަކު ލައިބްރަރީ-- ފޮޓޯ/ބީއެމްއެލް

ކޮމިއުނީ ފަންޑުގެ ދަށުން އެ ޕްރޮޕޯސަލް ކާމިޔާބުކުރި ފާތިމަތު ރަޝީދު ވިދާޅުވީ އެ ރަށުގައި ގިނަ އަދަދެއްގެ ދަރިވަރުން އެކި ގްރޭޑުތަކުގައި ކިޔަވަމުންދާއިރު، ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުން އެކުދިންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"މި ރަށުގައި 2464 ދަރިވަރުން ދަނީ އެކި ގްރޭޑްތަކުގައި ކިޔަވަމުން. އަދި މީގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައިވެސް 500 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުން. ރަށުގައި ލައިބްރަރީ އެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު މިވަނީ ނުލިބިފައި. އެހެން ކަމުން އަޅުގަނޑުގެ އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުން." އޭނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް