ރާޅުގަނޑުން އެރި ކަމަނަ ކައުންސިލަށް

ސާރާ: އޭނާ ވަނީ ވާދޫ ކައުންސިލަރަކަށް އިންތިހާބުވެފައި --

ގދ. ވާދޫގައި ދިރިއުޅޭ 700 އެއްހާ މީހުންގެ ތެރެއިން އެރަށާ އިންވެގެން އޮންނަ "ބްލޫ ބޯލްސް" ރާޅުގަނޑުން އަރައިގެން އައި ގަދަ އަންހެނަކީ ވާދޫ ޗިޗަންޑާގޭ 29 އަހަރުގެ ސާރާ މުހައްމަދެވެ. އިންސްޓަގުރާމުގެ ނަމުން ނަމަ އެ ރަށުގެ "ސާފް ކުއީން" ނުވަތަ ރާޅާ އަޅާ ރާނީ އަކީ އޭނާ އެވެ. އެކަމަކު އޭނާގެ ވާހަކަ މިހާރު ފަށަން ޖެހެނީ އެ ރަށުގެ ފުއްޓަރު ފަރާތަށް ހޮޅިލާފައި ބިންދަމުން އެ އަންނަ ރީތި ރާޅުތަކާ ހަމައަކުން ނޫނެވެ. ރާޅުތަކުން ނެއްޓި މިދިޔަ ކައުންސިލް އިންތިހާބުގައި ވާދަކޮށް އޭނާ ވަނީ ވާދޫ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ މިއަދު ވާދޫ ހިންގަން ނިކުމެ ހުރި އިންތިހާބީ ކައުންސިލަރެކެވެ. މިއީ މިހާރު ސާރާގެ ވާހަކަ ފަށަން ޖެހޭ ހިސާބެވެ.

ސާރާއަށް މަރުހަބާ ކިޔަން ގުޅާލުމުން ވެސް އޭނާގެ ވާހަކަ ފެށީ ހިތުގައި އޮތް ބޮޑު އަޒުމަކާ ހަމައިންނެވެ؛ "މިރަށް [ވާދޫ] އަށް އުފަންވީވެސް. އުޅެނީ ވެސް މިތާ. މިތަން ދޫކޮށްފައި ނުދާނަން. ދުވަހަކު ދާން ވެސް ވިސްނުމެއްވެސް ނެތް. ދެމެހެއްޓެނިވި ތަރައްގީއާ އެކު އުފާވެރި ދިރިއުޅެއް މި ރަށްތަކުގައި ވެސް އުޅެވޭނެ"

މިއީ އެންމެ ކުޑައިރުއް ސުރެވެސް ސާރާގެ ރަށް، ވާދޫއާ މެދު އޭނާ ދެކެމުން އައި ހުވަފެނެވެ. އޭނާއާ އެއް އުމުރެއްގެ އެތައް ކުދިންނެއް ކިޔަވާ ނިންމުމަށް ފަހު ރަށް ދޫކޮށް މާލެ ބަދަލުވި ނަމަވެސް ސާރާގެ އަބަދުގެ ވެސް އުންމީދަކަށް ވީ އޭނާގެ ރަށުގައި ތާ އަބަދަށް ދިރިއުޅެ ރަށަށް ހިދުމަތް ކޮށްދީ ނަމޫނާ ދެއްކުމެވެ. އެހެންވެ އޭނާ ރަށުގައި މަޑުކުރީ އެވެ.

ސާރާ: އޭނާ ވަނީ ވާދޫ ކައުންސިލަރަކަށް އިންތިހާބުވެފައި --

އޭނާގެ މިޒާޖުގައި ހުންނަ ކަމަކީ ހުރަސްތައް ގިރާކޮށް އާދަޔާ ހިލާފު ޗެލެންޖުނެގުމެވެ. އާންމު ގަބޫލު ކުރުންތަކާއި ސަގާފަތަށް ގޮންޖަހައި ކާމިޔާބު މީހަކަށް ވުމެވެ.

މީގެ ފަސް ވަރަކަށް އަހަރުކުރިން 2016 ވަނަ އަހަރު ރާޅާ އެޅުން ދަސްކޮށް އެކަމުގެ ތެރެއަށް ސާރާ ވަނީ އޭނާއާ އެއް އުމުރެއްގެ ފިރިހެނުން އެކަން ކުރާތަން ފެނި އެއީ އޭނާއަށް ވެސް ނުވާނެ ކަމެއް ނޫން ކަމަށް ގަބޫލުކޮށްގެންނެވެ. އެކަން ވެސް އޭނާ ކުރި އެވެ. އެކަމަކު އެ ހިސާބުން ސާރާ ހުއްޓައެއް ނުލި އެވެ. ދެން އޭނާ ފެށީ ކުޑަކުދިންނަށް ރާޅާ އަޅަން ދަސްކޮށްދޭށެވެ. އަދި އެ ރަށުގައި ރާޅާ އަޅަން ދަސްކޮށްދޭ ކޯސްތަކާއި ކޭމްޕްތައް އަދި މުބާރާތްތައް އޭނާ އިސްނަގައިގެން ބާއްވަން ފެށި އެވެ. އެ ހިސާބަކީ އޭނާއަށް ރަށުގެ އިޖުތިމާއީ ކަންކަމުގެ ތެރެއަށް ވަދެވެން ފެށި ހިސާބެވެ.

ސާރާ ރާޅާ އަޅަން ދަސްކޮށް ދިނުމުގެ މަސައްކަތުގައި --

"އަހަރެން ބޭނުންވީ އަހަންނަށް އެނގިހުރި އެއްޗެއް މީހުންނަށް ބުނެދީގެން އެންމެން އެކީ ކުރިއަރަން. އެ މަގުސަދުގައި މި ރާޅާ އަޅަން ދަސްކުރުމާއި މޫދު ކުޅިވަރުގެ ފެސްޓިވަލްތައް ބޭއްވުން ފަދަ ކަންކަމަށް އިސްނަގަން ފެށީ. މިކަންކަމުގެ ތެރެއިން މޫދަށް ލޯބިވާނެ ކުދިންތަކެއް އުފައްދަން އަހަރެއްންގެ މަގުސަދަކީ. މީހުން ހޭލުންތެރި ކުރަން އަހަރެންގެ އަޒުމަކީ. އަހަރެންގެ އަމިއްލަ ކުދިންނަށް ވެސް މިކަންކަން ބުނެދިނުން ބޭނުމަކީ،" މީގެ އަހަރެއްހާ ދުވަސްކުރިން ސާރާއާ ދިމާވެ ދެކެވުނު ވާހަކައެއްގެ ތެރެއިން އޭނާ ބުންޏެވެ.

"ރަށުގައި އިޖުތިމާއީ ރޫހެއް އޮންނަން އަހަރެން ބޭނުމީ،"

މި ހުރިހާ ޒިންމާތަކެއް ބޮލުގައި އަޅައިގެން ސާރާއަށް ކުރިއަށް ދިޔައިރު އޭނާ އަކީ ތިން ކުދިންގެ މަންމަ އެކެވެ. އަންބެއްގެ ޒިންމާ އާއި މައެއްގެ އެއްގެ ޒިންމާ އުފުލަމުން ސާރާ ކުރިއަށް ދާއިރު އޭރު އޭނާގެ ރަސްމީ ވަޒީފާއެއް ވެސް އޮތެވެ. އެއީ، ވާދޫ ޔޫތު ސެންޓަރު ހިންގުމުގެ އެންމެ އިސްވެރިޔާގެ ވަޒީފާ އެވެ. އެ ވަޒީފާގެ މާކުރިން ވެސް ވާދޫގެ ޒުވާނުންގެ ލީޑަރަކީ އޭނާ އެވެ. ޒުވާނުންގެ ހަރަކާތެއް ރާވާ ނަމަ އޭނާ އެތަނުގައި ހުރެ އެވެ. ފެށިގެން ނިމެންދެން ހުރިހާ ކަމެއްގައި އުޅެ އެވެ. އެ ރަށުގެ ބައެއް ޒުވާނުން ސިފަކުރާ ގޮތުން ނަމަ ސާރާ އަކީ އެ މީހުންގެ ރޫހެވެ.

ސާރާ ބުނި ގޮތުގައި އެ ހުރިހާ ޒިންމާތަކެއް އުފުލަން އޭނާއަށް އޮތް ހިތްވަރަކީ އަމިއްލަ ރަށަށް ހިދުމަތް ކުރަން ޒަމާނުއްސުރެ ހިތުގައި އޮންނަ އަޒުމެވެ. ސާރާ ގަބޫލުކުރި ގޮތުގައި ހިތުގައި އަޒުމެއް ކަނޑައަޅައިފި ނަމަ ހިތްވަރާއި ބުރަ މަސައްކަތުން ކޮންމެ ކަމެއް ވެސް އިންސާނަކަށް ކާމިޔާބު ކުރެވޭނެ އެވެ.

ވާދޫގައި ބޭއްވި މޫދުކުޅިވަރު ހަރަކާތެއްގައި ސާރާ ބައިވެރިވަނީ --

"މީހުންގެ ފާޑުކިޔުން ވެސް ލިބޭ. އެކަމަކު އެ ހުރިހާ ކަމެއް ޕޮޒިޓިވްކޮށް ނަގައިގެން ސާރާ ހުރިހާ ކަމެއްގައި ވެސް ކުރިއަށް ދަނީ. ސާރާއަށް މިކަހަލަ ކަންކަމުގައި އުޅުމަކީ ލިބޭ އުފަލެއް. ފިރިމީހާ އާއި އެންމެންގެ އެއްބާރުލުމާ އެކު ސާރާއަށް ކުރިއަށް ދެވޭނެ،" ސާރާ ބުންޏެވެ.

މިފަހަރު ކައުންސިލަށް ސާރާ ވާދަކުރީވެސް އެ އަޒުމުގަ އެވެ. އޭނާ ކުރަހާފައި އޮތް ބޮޑު ތަސައްވަރަކީ ދެމެހެއްޓެނިވި ތަރައްގީއެއް ރަށަށް ގެނައުމެވެ. އެ ތަރައްގީގެ ތެރެއިން ހެޔޮ ޒުވާން ޖީލެއް ބިނާ ކުރުމެވެ. ރަށުގައި ތިބެގެން ރަނގަޅު ތައުލީމާއި ބޭސްފަރުވާ ލިބޭނޭ ސިޔާސަތުތަކެއް ރޭވުމެވެ. ވާދޫއަކީ ތާރީހީ ގޮތުން ވެސް މުއްސަނދި ރަށެކެވެ. މީގެ އިތުރަށް ރާޅާ އަޅާ މީހުންގެ މެދުގައި މަގުބޫލު ރާޅުގަނޑެއް އެ ރަށަށް ލިބިފައި ވުމަކީ ވެސް ރަށުގެ މުއްސަނދިކަން އިތުރުވާ ކަމެކެވެ.

ކެމްޕޭން އިވެންޓެއްގެ ތެރެއިން ސާރާ ރައީސް މުހައްމަދު ނަޝީދާ ސަލާމް ކުރަނީ --

ސާރާ ބުނީ އޭނާ ކައުންސިލްގައި ހުރެ ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އެ މުއްސަނދިކަމުގެ ފައިދާ އެންމެ ރަނގަޅަށް ރަށަށް ލިބޭނެ ގޮތްތަކަކަށް ސިޔާސަތުތައް ރޭވުމަށް ކުރާ މަސައްކަތެވެ. ސާރާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފުޅާ ވިސްނުމާ އެކު ރައްޔިތުންނަށް ލާބަ ހުރި ހިދުމަތްތަކެއް އޭނާއަށް ކޮށްދެވޭނެ އެވެ. ސާރާ ނިކުމެ ހުރީ އެ އަޒުމާއި އެ ހިތްވަރާއި ކެރުމުގަ އެވެ.

ސާރާ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަނީ --

ސާރާ ގަބޫލު ކުރަނީ ހިތުގައި އަޒުމެއް ކަނޑައަޅައި ބުރަކޮށް މަސައްކަތް ކޮށްފި ނަމަ އެކަމެއް ހާސިލްވާނެ ކަމެވެ. ސާރާ ކައުންސިލްގެ ގޮނޑިއާ ހަމައަށް ކުރި ދަތުރުން ބުނެދެނީ އެވާހަކަ އެވެ. ހޮޅިލާ ރާޅުތަކުން ރެކި ސާރާ މިއަދު އެ ހުރީ އަމިއްލަ ރަށް ވާދޫގެ ހިދުމަތަށް ނިކުމެ އެވެ. ސާރާއަށް އޮތް އުފަލަކީ އޭނާގެ ރަށަށް، ރައްޔިތުންނަށް ހިދުމަތް ކޮށްދެވުމެވެ. އަންހެނަކަށް، އަންބަކަށް އަދި މަންމައަކަށް ވުމަކީ ރަށަށް ހިދުމަތް ކުރާން އޮތް ހުރަހެއް ނޫކަން ސާރާ މުޅި ރާއްޖެއަށް ސާބިތުކޮށްދީފި އެވެ. ކަށިން ހިތްވަރު ނެރެ ކުރި ބުރަ މަސައްކަތުން ސާރާ އޭނާގެ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ.

comment ކޮމެންޓް