ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ނާއިލާ އިބްރާހިމް ކަލޭފާނު --- ފޮޓޯ/ ފަޒޫ އަހްމަދު (ފޭސްބުކް)

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެރަލު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން، އަދި އަމީނިއްޔާ ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ހ. ނީލްވިލާ، ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް)، އަވަހާރަވެއްޖެ އެވެ.

ނާއިލާ އަވަހާރަވީ މިއަދު ހެނދުނު ގޭގަ އެވެ. އަވަހާރަވީ އިރު އުމުރަކީ 72 އަހަރެވެ.

ނާއިލާ ވަނީ 25 ވަރަކަށް އަހަރު ވަންދެން އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފަ އެވެ. އަމީނިއްޔާ ސްކޫލަށް ދިގު މުއްދަތަށް ކޮށްދެއްވި ހިދުމަތާއެކު ނާއިލާ މަޝްހޫރުވެފައި ވަނީ ނާއިލާ މިސްގެ ނަމުންނެވެ.

ނާއިލާ ތައުލީމު ހާސިލްކުރެއްވީ ސްރީލަންކާއާއި ނިއުޒީލޭންޑުންނެވެ. އޭނާ ލިޔުއްވި ރެސިޕީ ފޮތް "ޒީނާރު" ވަނީ ދިވެހީންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ވެސް ހޯދައިފަ އެވެ.

އަވަހާރަވިއިރު ފިރިކަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ލުބުނާ ޒާހިރު ހުސައިން، ލީނާ ޒާހިރު ހުސައިން އަދި ވާއިލް ޒާހިރު ހުސައިން އެވެ.

ނާއިލާއަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ)ގެ ދަރިކަނބަލެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގައި ހުންނެވި އަލީ ހާޝިމްގެ ދައްތައެވެ.

އާއިލާ އިން މަސައްކަތް ކުރަނީ މިއަދުގެ އަސުރަށް ފަހު ފަސްދާނުލުމަށެވެ.

comment ކޮމެންޓް