އިސްލާމްދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި 11 ޖަމާއަތެއް ސްރީލަންކާގައި މަނާކޮށްފި

ސްރީލަންކާގައި އިސްލާމް ދީނުގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ގެ މީހުން

ކޮލޮމްބޯ (އެޕްރީލް 15) : އިސްލާމް ދީނުމުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އެގާރަ ޖަމާއަތެއް ސްރީލަންކާ ސަރުކާރުން މަނާކޮށްފިއެވެ.

މަނާކުރި އެގާރަ ޖަމާއަތުގެ ތެރޭގައި ހިމެނެނީ އިސްލާމީ އެކިނަންނަމުގައި ހަރަކާތްތެރިވާ ޖާމާއަތްތަކެކެވެ. މީގެތެރޭގައި އައިއެސް ޖަމާއަތާއި އަލްގާއިދާ ޖަމާއަތްވެސް ހިމެނެއެވެ. މި އެގާރަ ޖަމާއަތުގެ ތެރެއިން މިދެ ޖަމާއަތް ފިޔަވައި އަނެއް ނުވަ ޖަމާއަތަކީ ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ މުސްލިމުން ނިސްބަތްވާ ޖަމާއަތްތަކެވެ.

މަނާކުރި ޖަމާއަތްތައް

މަނާކުރި އެގާރަ ޖަމާއަތުގެ ތެރޭގައި ހިމެނޭ ސްރީލަންކާގެ ޖަމާއަތްތަކުގެ ތެރޭގައި ހިމެނެނީ ނުވަ ޖަމާއަތެކެވެ. މި ނުވަ ޖަމާއަތަކީ އެގައުމުގެ މަޝްހޫރު ޔުނައިޓެޑް ތައުހީދު ޖަމާއަތާއި، ސްރީލަންކާ ތައުހީދު ޖަމާއަތާއި، އޯލް ސިލޯން ތައުހީދު ޖަމާއަތާއި، ސިލޯން ތައުހީދު ޖަމާއަތުގެ އިތުރުން ދާރުލް އަތުހަރު އައްތައްވާބިއްޔާ ޖަމާއަތާއި، ސުންނަތުލް މުޙައްމަދިއްޔާ ޖަމާއަތާއި، ޖަމްއިއްޔަތުލް އަންސާރިއްޔާ ޖަމާއަތާއި، ސޭވް ދަ ޕާލް ސޮސައިޓީއާއި، ސްރީލަންކާ އިސްލާމިކް ސްޓޫޑަންޓް މޫވްމަންޓް ޖަމާއަތާ އަދި ސުޕަ މުސްލިމް ޖަމާއަތެވެ. މިއީ މުޅިންވެސް ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތްތަށް ކަމަށް ސްރީލަންކާގެ ރިޔާސަތުން ނެރުނު ރިޔާސީ އަމުރެއްގައިވަނީ ކަނޑައަޅާފައެވެ.

މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގި ސްރީލަންކާގެ ހަރުކަށި ބުޑިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުން

ހަރުކަށި ބުޑިސްޓް ޖަމާއަތްތައް މަނާނުކުރޭ

2019 ގެ ޙަމަލާތަކަށްފަހު ސްރީލަންކާގައި މުސްލިމުންނަށް އަމާޒުކޮށްގެން ދީނީ އަދި ނަސްލީ ހަމަނުޖެހުންތައް އުފައްދައި އެގައުމުގެ މުސްލިމުންނަށް އަނިޔާކޮށް ބިރުދައްކައި މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި އެންދުމުގެ ޓެރަރިސްޓް އަމަލުތައް ހިންގައި ބަދަލުހިފުމުގެ ރޫހުގައި މުސްލިމުން މެރުމުގެ އަނިޔާވެރި އަމަލުތައް ހިންގި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތައް އިއްޔެ ރިޔާސީ އަމުރުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ބަދަލުހިފުމުގެ ރޫހުގައި ސްރީލަންކާގެ ކުށެއްނެތް މުސްލިމް އާންމުންނަށާއި މިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކާއި ދަނޑުތަކާއި ކާރުިޚާނާތަކަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާތައްދިނުމުގައި ހަރުކަށި ބުޑިސްޓުންގެ އެތަށް ޖަމާއަތެއް ހަރަކާތްތެރިވެފައިވާކަން ސްރީލަންކާގެ އަމަނާބެހޭ އިދާރާތަކުން އެދުވަސްވަރު ކަށަވަރުކޮށްދީފައިވެއެވެ.

ސްރީލަންކާގެ ރިޔާސަތުން އިއްޔެ ނެރުނު ރިޔާސީ އަމުރުގައި ވާގޮތުން އިސްލާމީ އެކި ނަންނަމުގައި ހިންގާ މި ނުވަ ޖަމާއަތާއި އައިއެސް ޖަމާއަތާ އަދި އަލްގާއިދާ ޖަމާއަތުގައި ބައިވެރިވުމާއި އެޖަމާއަތްތަކަށް އެހީތެރިވިކަން ސާބިތުވުމަކީ ވިހި އަހަރުގެ ޖަލުހުކުމެއް އަންނާނެ ޓެރަރިޒަމްގެ ކުށެކެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ބޮންގޮއްވައި ހަލާކުކޮށްލާފައިވާ ތަނެއް

އިސްލާމް ދީނުމުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އެގާރަ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅައި އެޖަމާއަތްތައް ސްރީލަންކާ ސަރުކާރުން މަނާކޮށްފައި މިވަނީ 2019 ވަނައަހަރުގެ އެޕްރީލް މަހުގެ 21 ވީ އާދީއްތަ ދުވަހު އެގައުމުގެ ނާސާރާއިން އެމީހުންގެ އީސްޓާ އީދު ފާހަގަކުރި ވަގުތާ ދިމާކޮށް ކޮލަންބޯގެ ބައެއް ފައްޅި ތަކަށާއި ޓޫރިސްޓް ހޮޓާތަކަށް ދިން ޓެރަރިސްޓް ޙަމަލާތަކަށް ދެއަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި 276 މީހުން މަރުވެފައިވާއިރު އޭގެތެރެއިން 7 މީހުންނަކީ އެ ހަމަލާތައް ދިނުމުގައި ބައިވެރިވި މީހުން ކަމަށާ އޭގެތެރެއިން ބައެއް މީހުން ހަމަލާތައް ދިނީ އަމިއްލަ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހަށިގަނޑު ގޮއްވާލައިގެން ކަމަށް އެދުވަސްވަރު ސްރީލަންކާ އަމަނާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެސް ވެފައިވެއެވެ.

2019 ވަނައަހަރު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުން ކުރި ފުން ތަހްގީގްތަކަށްފަހު ނެރުނު ރިޕޯޓުގައި، ކޮލަންބޯގައި ހުންނަ އިންޑިއާ އެންބަސީން އެ ހަމަލާގެ އިންޒާރު ސްރީލަންކާގެ ޖާސޫސީ އިދާރާއަށާއި އަމަނާބެހޭ އިދާރާތަކަށް ދިންނަމަވެސް އެ އިދާރާތަކުންނާ އަދި އެދުވަސްވަރު ސްރީލަންކާގެ ރައީސްކަމުގައި ހުންނެވި މައިތުރިޕާލަ ސިރިސޭނާ އެކަން ހުއްޓުވުމަށް ދުރާލައި ފިޔަވަޅު އެޅުއްވުމުގައި އިހުމާލުވެފައިވާކަން ބަޔާންކޮށްފައިވެއެވެ. އެ ހަމަލާތަކަށްފަހު ސްރީލަންކާގެ ފުލުހުންގެ ވެރިޔާއާއި އެނޫންވެސް އަމަނާބެހޭ އިދާރާތަކުގެ އިސް ބައެއް ވެރިންވަނީ މަގާމުން ދުރުކޮށްފައެވެ.

(ނޫސް އެޖެންސީތައް + ސްރީލަންކާގެ މީޑިއާ)

comment ކޮމެންޓް