ތިން ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީއަށް، މާލެ ސިޓީ ޕީޕީއެމްއަށް

އައްޑޫގެ މޭޔަރަކަށް އިންތިހާބުވި ނިޒާރު، ކުޅުދުއްފުށީ މޭޔަރަކަށް ހޮވުނު އާތިފް އަދި ފުވައްމުލަކު މޭޔަރަކަށް ހޮވުނު އިސްމާއިލް ރަފީގު (ކ-ވ) --

މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ތިން ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް އަދި މާލެ ސިޓީ މޭޔަރުކަން ޕީޕީއެމްއަށް ލިބޭނެ ކަމަށް ލަފާ ކުރެވިއްޖެ އެވެ.

"ސަން"ގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ކުޅުދުއްފުށި ސީޓީގެ މޭޔަރު ރޭހުގައި 450 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު އާތިފް އެވެ.

މުހައްމަދު އާތިފްއަށް މިހާތަނަށް 1،300 ވޯޓު ލިބުނު އިރު، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ އިޤްބާލަށް ލިބިފައި ވަނީ 850 ވޯޓެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހްމަދު ސައީދަށް މިހާތަނަށް ލިބިފައިވަނީ، 96 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި އާދަމް ޝަރީފަށް މިހާތަނަށް ލިބިފައި ވަނީ 87 ވޯޓެވެ.

ވަގުތީ ނަތިއްޖާ ދައްކާ ގޮތުން އައްޑު ސީޓީ މޭޔަރު ރޭހުގައި 425 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ އެމްޑީޕީ ކެންޑިޑޭޓު، އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.

އަލީ ނިޒާރަށް މިހާތަނަށް ލިބިފައިވަނީ، 1،443 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ލަތީފަށް މިހާތަނަށް ލިބިފައިވަނީ، 1،018 އެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި އިބްރާހިމް ތާހިރަށް މިހާތަނަށް ލިބިފައިވަނީ، 61 ވޯޓެވެ.

ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރު ރޭހުގައި 154 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ އެމްޑީޕީ ކެންޑިޑޭޓު، އިސްމާއީލް ރަފީގު (އިއްސޭ) އެވެ.

އިސްމާއީލް ރަފީގަށް މިހާތަނަށް ލިބިފައިވަނީ، 1،457 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓު މުހައްމަދު ތޯރިގް އަހްމަދު (ޗެޓޫ)އަށް މިހާތަނަށް ލިބިފައިވަނީ، 1،303 އެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޒިޔާދު ޒަކަރިއްޔާ ހުސައިން (ކެޕްޓަން ޒިޔާ)، 21 ވޯޓެވެ.

މާލެ ސީޓީ މޭޔަރު ރޭހުގައި ފެށުނީއްސުރެ އުޅުއްވަނީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާ މިހާރު ރޭހުގައި ކުރީގައި އުޅުއްވަނީ 3،791 ވޯޓުގެ ތަފާތުންނެވެ.

މުއިއްޒުއަށް މިހާތަނަށް ލިބިފައިވަނީ، 9،548 އެވެ. އެމްޑީޕީ ކެންޑިޑޭޓު އަނަސްއަަށް 5،757 ވޯޓް ލިބިފައި ވެއެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި އަލްހާން ފަހުމީއަށް މިހާތަނަށް ލިބިފައިވަނީ 265 ވޯޓެވެ.

comment ކޮމެންޓް