ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން ބުރާސްފަތި ދުވަހު ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ/ އެޗްޑީސީ

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ފެލްޓުތައް ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމާފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި 6720 ފްލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން ފަށަން ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.

އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީ ކަމަށްވާ އެޗް10 ކަމަށް އެޗްޑީސީއިން ބުންޏެވެ. ގުރުއަތު ނަގާނީ އެ ދުވަހުގެ ހެނދުނު 9:00އިން ފެށިގެން އެންމެންގެ ގުރުއަތު ނަގައި ނިމެންދެން ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި ގުރުއަތު ނަގާނީ އައިޑީ ކާޑު ނަމްބަރުގެ ތަރުތީބުން ކަމަށް ބުންޏެވެ.

އެޗްޑީސީއިން ބުނީ ފްލެޓުތަކުގެ ގުރުއަތު ނެގުން ދައުލަތުގެ މީޑީއާ ޕީއެސްއެމްއާއި އެހެނިހެން މީޑިއާތަކުން ލައިވްކޮށް ދައްކާނެ ކަމަށެވެ.

ގުރުއަތު ނަގާއިރު، ނެގުނު ފްލެޓާއި، ފްލޯ އަދި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. އަދި ފްލެޓު ލިބޭ ފަރާތަށް އެސްއެމްއެސްގެ ޒަރީއާއިން ފްލެޓާ ބެހޭ އިތުރު މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީއިން ބުނީ، ފްލެޓުގެ އެގްރީމަންޓުގައި ސޮއި ކުރުމަށާއި، ތަޅުދަނޑި ހަވާލު ކުރުމަށް ފަހުން ވަކި ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.

ހިޔާ މްޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އިއުލާނު ކުރީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް