ކޮމިއުނިކޭޝަން މިނިސްޓްރީ އުވާނުލާނެ: ސަރުކާރު

ކޮމިޝަނިކޭޝަން މިނިސްޓަރު ކަމުން ވަކިކުރި މަލީހް: އެ މިނިސްޓްރީ އުވާނުލަން ސަރުކާރުން ވަނީ ނިންމާފައި -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާނުލަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ކަށަވަރުކޮށްދީފި އެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުކަމުގައި ހުންނެވި މަލީހް ޖަމާލް މަޖިލީހުން ވަކިކުރުމާއެކު އެ މިނިސްޓްރީ އުވާލައި، އެހެން މިނިސްޓްރީއެއްގެ ދަށަށް ގެންދިޔުމަށް ސަރުކާރުގެ ވިސްނުން ހުރި ކަމަށް ވާހަކަތައް ދެކެވުނެވެ.

"ސަން"އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި އެ މިނިސްޓްރީން އުވާނުލަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެކަން ސަރުކާރުގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ކަށަވަރުކޮށްދިނެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހު އެއް ވަނަ ދުވަހުއެވެ. އެއާއެކު ހަމަ އެދުވަހު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލު ކުރީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީ އުވާނުލަން ސަރުކާރުން ނިންމި ނަމަވެސް، އަދި މިހާތަނަށް އެ މިނިސްޓްރީއަށް އާ ބޭފުޅަކު އައްޔަން ކުރަން ސަރުކާރުން ނިންމާފައި ނުވެއެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އާތިފާ ޝަކޫރު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރުން އޭރު އެ މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލި އެވެ.

comment ކޮމެންޓް